ހުޅުމާލޭ ޕޯޓުގެ ކޮންޓެއިނާ ސްޓޯރޭޖުގެ ޖާގަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްޕީއެލުން އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ/ އެމްޕީއެލް

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ ކޮންޓެއިނާ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ބިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލުން ބުނީ އިއްޔެ ސޮއިކުރި މި އެއްބަސްވުމާއެކު ހުޅުމާލެ އިންޓާނޭޝަނަލް ޕޯޓާއިން ވެގެން އޮންނަ ބިން ލިބި، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ސަރަހައްދުގައި ހުސް ކޮންޓެއިނަރު ޖެހޭނެ ކަމަށެވެ.

އެމްޕީއެލުން ކުއްޔަށް ނެގި، 120،000 އަކަ ފޫޓަށް ވުރެން ބޮޑު ބިމުގައި، 2000 އަށް ވުރެ ކޮންޓެއިނަރު ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލެ ޕޯޓުގެ ކެޕޭސިޓީ އިތުރުވުމުގެ އިތުރަށް، "އޮޕަރޭޝަން ކެޕޭސިޓީ" ރަނގަޅު ވެގެންދާނެ ކަމަށް ވެސް އެމްޕީއެލުން ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ ރޯދަ މަހަކީ މަސައްކަތުގައި ބާރުބޮޑު އަދި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ވެސް އިތުރުވެގެންދާ ދުވަސްވަރަކަށް ވުމާއެކު، މިވެވުނު އެއްބަސްވުމުގެ ދަށުން މާލެ ކޮމާޝަލް ހާބަރުގައި ކޮންޓެއިނަރު ޖާގަ މަދުވެ މުދާ ނުބޭލިގެން ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަން ވެސް އެމްޕީއެލުން ފާހަގަކޮށްފައިވެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ އެ ކުންފުނީގެ އަމާޒަކީ ބޯޓުން މުދާ އަވަހަށް ބާލައި ކަސްޓަމަރުންނަށް މުދާ އަވަހަށް ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް