އިތުރު 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ޤާއިމު ކުރަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފަށާނެ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހްގެ ނުހަނު ބޮޑު ތަސައްވަރެއްކަމަށެވެ.

އިމްރާން ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 61 ރަށުގައި ޕޮލިސް ސްޓޭޝަން ޤާއިމު ކުރުމުގެ މަސައްކަތް ފައްޓާނެ ކަމަށެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތް ގެންދާނެ ގޮތުގެ ތަރުތީބެއް އަދި ރޭވިފައި ނެތް ނަމަވެސް އެ މަސައްކަތް ފަށާނެ ގޮތުގެ ތާވަލެއް މިހާރު އެކުލަވާލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އުއްމީދު މި ކުރަނީ މި ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން އެއްކޮށް ފެށޭނެ ކަމަށް. އެހެންކަމުން އަންނަ އަހަރުގެ މެދުތެރެއަށް އެޅޭއިރު މަސައްކަތުގެ ބޮޑު ބައި ނިންމާލެެވޭނެ. މީގެ އިތުރުން އަންނަ އަހަރު ނިމުމުގެ ކުރިން މީގެ 80 ޕަސެންޓް ނިންމާލެވޭނެ ކަމަށް އަޅުގަނޑު އުއްމީދު މި ކުރަނީ،" އިމްރާން ވިދާޅުވިއެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ ހަވާލު ކޮށްގެން ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ އަގަކީ 48 މިލިއަން ޔޫއެސް ޑޮލަރެވެ.

މި ޕްރޮޖެކްޓްގެ ތެރެއިން ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ދެވަނަ ފޭހުގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ޤާއިމު ކުރުމުގެ އިތުރުން މިހާރުވެސް ބޭނުން ކުރަމުން އަންނަ އިމާރާތެއް އިތުރަށް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް