ހުކުރު ދުވަހު ބާއްވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަނީ

"އިންޑިއާ އައުޓް" ސައިކަލް ބުރުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ބޮޑު އިވެންޓް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރޯދަ މަހުގެ ކުރިން ބާއްވާ ބޮޑު ހަރަކާތެއްގެ ގޮތުގައި އިންޑިއާއާ ދެކޮޅަށް ބޮޑު އެއްވުމެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ނިންމައިފައެވެ. އެ ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ އަތޮޅު ތެރެއިން މީހުން ގެނެސްގެންނެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިމްރާން ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޢަލީ އާޒިމް ވަނީ އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވަނީ ކީއްވެގެންތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަންނަ ހުކުރު ދުވަހު "އިންޑިއާ އައުޓް" ހަރަކާތެއް ބާއްވަން އުޅޭތީ އެކަމާ ގުޅޭގޮތުން، އެ ހަރަކާތް ބާއްވާ މީހުންނާ ވާހަކަ ދައްކައި ގާނޫނާ ހިލާފަށް އެފަދަ ހަރަކާތެއް ނުބޭއްވޭނެކަން އަންގާފައިވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ވިދާޅެއްނުވެއެވެ.

އިމްރާން އެހެން ވިދާޅުވިނަމަވެސް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު މިއަދު "ސަން" އަށް ވިދާޅުވީ ހުކުރު ދުވަހު އޮންނަ ހަރަކާތާ ގުޅޭގޮތުން އެއްވެސް ފަރާތަކުން އެ ކޯލިޝަނާ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. އަދި އެ އިވެންޓު ނުބޭއްވޭނެކަން އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސީދާ އިތުރުފުޅު އެ ހެއްދެވީ. އަޅުގަނޑުމެންނަކާ ވާހަކައެއް ނުދައްކާ،" ހީނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަވާ އިންޑިއާ އައުޓް ހަރަކާތުން ތުހުމަތު ކުރާގޮތުގައި އިންޑިއާގެ އެތައް ބައިވަރު ސިފައިންނެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ޔާމީން ގެންދަވަނީ އިންޑިއާއަށް ހޫނު ބަހުގެ ހަމަލާތަކެއް ވެސް ދެއްވަމުންނެވެ.

'އިންޑިއާ އައުޓް' ކެމްޕެއިންގެ ސަބަބުން ކުރިމަތިވާ ކަންތައްތަކުގެ ދިރާސާއެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީ އިން ވެސް ވަނީ ނިންމައިފައެވެ. އެ ކޮމެޓީއަށް އެކަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

comment ކޮމެންޓް