ރުޅި ނާރުވައި ދަޢުވަތު ދިނުން

ށ. ފުނަދޫ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ދަޢުވަތު ދިނުމަކީ ﷲ ގެ މަގަށް ގޮވައިލުމެވެ. އެކަލާނގެ އަމުރުތަކާއި ނަހީތައް ބަޔާންކޮށް ދިނުމެވެ. ހެޔޮ ގޮތާއި ނުބައި ގޮތް ބުނެދިނުމެވެ. މިއީ ވަރަށް މަތިވެރި ޝަރަފުވެރި އަމަލެކެވެ.(ފުއްޞިލަތު: 33) މިކަން ކުރާ ފަރާތަކީ ރަސޫލުންގެ ވަޒީފާ އަދާކުރުމުގައި ދެމި ހުރި މީހެކެވެ. މި މަތިވެރި މަސައްކަތް ކުރާ ފަރާތަށް ﷲ ގިނަގުނަ ސަވާބު ދެއްވާނެއެވެ.(މުސްލިމު: 1872)

ދަޢުވަތުގެ މަސައްކަތަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. މަގު މައްޗަށް ކުނިއަޅާތަން ފެނުމުން، އެއީ އެންމެ ރަނގަޅު ގޮތެއްނޫންކަމަށް ބުނެލުމަކީވެސް ތެދު މަގު ބަޔާންކޮށްދިނުމެވެ. މިއީ ދީނީ އިލްމުތައް ނުކިޔަވައި ހުރިމީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. މިސްކިތުގެ ތަގުރީރަކުން ނުވަތަ މީސްމީޑިއާ ބޭނުންކޮށްގެން ދީނުގެ ހުކުމްތައް ބަޔާންކޮށްދީ ހޭލުންތެރި ކުރުވުމަކީވެސް ﷲ ގެ މަގަށް ދަޢުވަތު ދިނުމެވެ. މިއީ ދީނުގެ އިލްމު ރަނގަޅަށް އެނގިގެން ތިބޭ މީހުންނަށް ކުރެވޭނެ ކަންކަމެވެ. ދަޢުވަތު ދިނުމަށް، ނަސޭހަތް ދިނުމޭވެސް ކިޔައެވެ.

ދަޢުވަތު ދިނުމުގައި ދެގޮތަކަށް މީހުން އަމަލުކުރާތީ ފެނެއެވެ. އެއްގޮތަކީ ވަރަށް ރީތިކޮށް، ނުހަނު ލޯތްބާއެކު މީހުންނަށް ހެޔޮ ކަމަށް ގޮވައިލުމެވެ. އަދި އަނެއް ގޮތަކީ، މީހުން ކުރާ ނުބައި އަމަލުތަކާމެދު އަންނަ ރުޅިއަކުން، ފިސާރި ރުޅިވެރިކަމާ ނަފުރަތާއެކު، ދީނުގެ ހުކުމްތައް އެމީހަކާ ދިމާލަށް ފޮނުވައިލުމެވެ. މި ދެގޮތުގެ މިސާލު ތިރީގައި އެވަނީއެވެ.

ރުޅިވެރިކަމާ ނަފުރަތާއެކު ނަސޭހަތް ދިނުން: "..... އެމީހުން އެ އުޅެނީ އޮރިޔާމުން... މުސްލިމުންގެ ތެރޭގައި އެފާޑަކަށް ނޫޅެވޭނެ.... ބޮޑު ހަރާން ކަމެއް އެ ކުރަނީ.... އެކަން ޖެހޭނީ ހުއްޓާލަން ... އެހެންނޫނީ ދާނީ ނަރަކައަށް... ސަލާމަތެއްނުވާނެ..."

ރީތިކޮށް ލޯތްބާއެކު ނަސޭހަތް ދިނުން: ".... ނިވާކަން ކުޑަކޮށް ހެދުން އެޅުމަކީ ރަނގަޅުގޮތެއްނޫން... މުސްލިމުން ހެދުން އަޅަންވާނީ ދީނުގައި އަންގަވާފައި ގޮތަށް ރީތިކޮށް.... ދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން އެޅީމައި ވަރަށް ބޮޑު ރައްކާތެރިކަންވެސް ލިބޭނެ.... އެނގި ހުރެ ގަސްތުގައި އައުރަ ނިވައިނުކޮށް އުޅުމަކީ ފާފަވެރިވާނެ ކަމެއް... އެކަން ވާނެ ރަނގަޅުކޮށްލަން... ތައުބާވެ ހެދުން އެޅުން ރަނގަޅުކޮށްލީމައި ކުރިން ކުރެވުނު ގޯސްކަންތަކުގެ ފާފައެއް ނޯންނާނެ..."

އިސްވެ ދިޔަ ދެ ނަސޭހަތުގެ ތެރެއިން ތިބާއަށް ބަލައިގަންނަން ފަސޭހައީ ކޮން ނަސޭހަތެއް ހެއްޔެވެ؟ ފުރަތަމަ ނަސޭހަތެއްނޫން ދޯއެވެ؟ ﷲ ގެ މަގަށް ދަޢުވަތު ދޭ މީހެއްނަމަ ވިސްނަންޖެހޭ މުހިންމު އެއްކަމަކީ ދަޢުވަތު އަމާޒުވާ ފަރާތް ރުޅި ނޭރުވުމެވެ. ތިމާ އެމީހަކާ ކުރިމަތިލާ ގޮތުން ނުވަތަ ބަސްމަގު ބަހައްޓާގޮތަކުންވިޔަސް މެއެވެ. ދަޢުވަތު ދިނުމަކީ ރަސޫލުންގެ ވަޒީފާއެއްކަމަށް އިސްވެ ބުނެވިއްޖެއެވެ. ރަސޫލުންނަކީ މީހުން ރުޅިއަރުވާ ބައެއްނޫނެވެ. މިކަމުގައި އަހަރެމެން ތަބާވާންޖެހޭނީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަންހަޖަށެވެ. އެކަލޭގެފާނާ ބެހޭގޮތުން ވަނީ މިފަދައިންނެވެ. "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. ..."(އަޙުޒާބު: 21) މީހުން ރުޅިއެރުވުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުވަހަކުވެސް ކުރެއްވި ކަމެއްނޫނެވެ. މީހަކު ބުނެފާނެއެވެ. ކިތަންމެ ރީތިކޮށް ވާހަކަ ދެއްކިޔަސް ރުޅި އަންނަމީހުން އުޅޭނެއެވެ. އާނއެކެވެ. އެފަދަ މީހުން އުޅޭނެއެވެ. އެހެންނަމަވެސް ތިބާގެ މަސައްކަތުގައި އިޚުލާސްތެރިވެ ރިވެތި ގޮތުގައި މީހުންނާ މުއާމަލާތު ކުރީމައި އެވީއެވެ.

ދަޢުވަތު ދޭ މީހާއަށް އޮތީ ހެޔޮ ގޮތް ބުނެދިނުމެވެ. ގަބޫލުކުރުމާއި ނުކުރުން އެއީ ދަޢުވަތު ރައްދުވާ ފަރާތުގެ ކަމެކެވެ. ތިމާ ދައްކާ ވާހަކަ އަނެކާ އަޑުއަހައި އެގޮތަށް އަމަލުނުކުރިޔަސް އޭނާ ދެކެ ރުޅިއަންނާކަށް ނުޖެހެއެވެ. އެއީ ރަސޫލުންގެ މަގެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވީ މުއުމިނުންނަށް އުފާވެރި ހަބަރު ދެއްވައި ކާފިރުންނަށް އިންޒާރު ދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި ހެޔޮ ކަމުގެ މަގަށް އަލިކުރާ ވޮށެއްފަދަ ބޭކަލެއްގެ ގޮތުގައެވެ.(އަޙްޒާބު: 45-46) އެކަލޭގެފާނަށް ﷲ އަންގަވާފައި ވެއެވެ. "ޙިކުމަތާއި ރިވެތި ވައުޒާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތިވެގެންވާ ގޮތުގައި އެއުރެންނާ ޖަދަލު ކުރައްވާށެވެ! ..."(ނަޙްލު: 125)

މަގުމަތީގައި ދުއްވާފައިދާއިރު، އެކަށީގެންނުވާ ގޮތަކަށް ކަމެއް ކުރެވިއްޖެނަމަ އެމީހަކާ ދިމާލަށް ރުޅިވެރިކަމާއެކު ހަޅޭ ލަވައިގަތުމަކީ ވަރަށް އާންމު ކަމެކެވެ. ''ދެލޯ ކޮބައިހެއްޔެވެ؟'' .... "ހަމައިގައި ހުރެގެން ދުއްވަ ބަލާށެވެ." މިފަދަ ބަސްތަކެވެ. އެއްގޮތެއްގައި އެ ބަސްތައް އަމާޒުވާ ފަރާތް ދެރަވެއެވެ. އަނެއް ގޮތެއްގައި އޭނާ ރުޅި އާދެއެވެ. ގޯސްކަމެއް ކުރެވުނީމައި، ބަލަން ތިބި މީހުން އޭނާއާ މުއާމަލާތު ކުރި ގޮތުންނެވެ. އޭގެ ބަދަލުގައި، ރީތިކޮށް އިހުތިރާމާއެކު އެފަދަ މީހަކާ މުއާމަލާތު ކޮށްފިނަމަ ނަތީޖާ މާ ބޮޑަށް ރަނގަޅުވާނެއެވެ.

އެއްދުވަހަކު މާލޭގެ ކާރޫބާރު ބޮޑު ހިސާބަކުން ސައިކަލު ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއް ކުއްލިއަކަށް އަރިމަތިން ދެމިގަތެވެ. އެއީ އެއްވެސް ހާލެއްގައި އޭނާއަށް އެތަނުން އެގޮތަށް ދިއުމުގެ ފުރުސަތު އޮވެގެނެއްނޫނެވެ. އޭނާއާއި އަހުރެންވެސް ސަލާމަތްވީ ﷲ ގެ ރަޙުމަތްފުޅުންނެވެ. އޭނާ އަމަލުކުރިގޮތުން ވަރަށް ރުޅިވެސް އައެވެ. އެހެންނަމަވެސް ހަޅޭ ލަވައެއް ނުގަންނަމެވެ. ހާސްކަމުގައި އިނދެ މަޑުމަޑުން ދުއްވާފައި ދިޔައިރު، އެމީހާ ބޫން ކަނޑާފައި ގޮސް ކުރިމަތީގައި ހުރި ތަނެއްގައި ޕާކުކޮށްލާ ތަން ފެނުމުން އެދިމާލަށް ކައިރިކޮށްލާފައި އޯގާތެރިކަމާއެކު އޭނާއަށް ބުނީމެވެ. "ބްރަދާ ތަންކޮޅެއް ބަލާލައިގެން ދުއްވައްޗެވެ." ކުރެވުނު ކަންތަކާ ލަދުން ކަމެއް ނުވަތަ އަހުރެން ވާހަކަ ދެއްކިގޮތާމެދު ހިތްހަމަޖެހޭތީ ކަމެއް ނޭނގެއެވެ. ރަކި ހިނިތުންވުމަކާއެކު އޭނާ އާނއެކޭ ބުނެ ބޯ ޖަހާލިއެވެ.

ތިބާ މީހަކަށް އެއްޗެއް ވިސްނައިދޭ އިރު، އެ ރައްދުވާ ފަރާތް ރުޅިއަރުވާފައި، ދެން އޭނާ ގާތު ދައްކާ ވާހަކަ އަޑުއަހަން އޭނާ ބޭނުންވާނެކަމަށް އުންމީދުނުކުރާށެވެ. އެގޮތް ޖެހޭނީ ދޫކޮށްލާށެވެ. ލޯތްބާއި އޯގާތެރިކަމާއެކު މުއާމަލާތުކުރަން ތިބާވެސް އެދޭފަދައިން، އަނެކާވެސް އެގޮތަށް އެދޭނެކަން ހަނދާން ބަހައްޓައިގެން ހެޔޮ މަގަށް ގޮވައިލަމާ ހިނގާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް