މާލޭ މަގުތަކުން 195 ޕެލެޓް ނަގައިފި

މާލޭ މަގެއްގައި ބަހައްޓާފައި ހުރި ޕެލެޓްތަކެއް ސިޓީ ކައުންސިލުން ނަގަނީ: މިހާތަނަށް 195 ޕެލެޓް ވަނީ ނަގައިފައި-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭ މަގުތަކުގައި ޕާކްކުރަން ދަތިވާ ގޮތަށް ބަހައްޓާފައި ހުރި 195 ޕެލެޓް މިހާތަނަށް ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ ގޭގެއަށާއި ފިހާރަތަކަށް ވަނުމަށް ފަސޭހައަކަށް މަގުގެ އެއްކައިރީގައި ޕެލެޓް ބެހެއްޓުމަކީ ޒަމާންވީ މައްސަލައެކެވެ. އޭގެ ސަބަބުން ވެހިކަލް ޕާކް ކުރުމަށް ގިނަ ދަތިތަކަކާ ކުރިމަތިވެއެވެ.

އެހެންވެ ސިޓީ ކައުންސިލުން ނިންމީ ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި އެ ސަރަހައްދު ބްލޮކްވާ ގޮތަށް ބަހައްޓާ ޕެލެޓުތައް ނެގުމަށެވެ. އެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މާލޭ މަގެއްގައި ބަހައްޓާފައި ހުރި ޕެލެޓްތަކެއް ސިޓީ ކައުންސިލުން ނަގަނީ: މިހާތަނަށް 195 ޕެލެޓް ވަނީ ނަގައިފައި-- ފޮޓޯ: ސިޓީ ކައުންސިލް

މަގުތަކުގައި ޕެލެޓް ބަހައްޓަނީ ޕޭމަންޓަށް އަރަން އުނދަގޫވާތީ އެކަން ހައްލު ކުރުމުގެ ގޮތުންނެވެ. އެކަމަށް ވެސް ގޮތްތަކެއް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅައިފައެވެ.

އެފަދަ ތަންތަނަކީ ޕާކު ކުރުން މަނާ ސަރަހައްދެއްކަން އަންގައިދިނުމަށް އެ ސަރަހައްދުތަކުގައި ސިޓީ ކައުންސިލުން ދެ ރޮނގު ކުރަހައިދޭނެކަމަށް އެ ކައުންސިލުން ބުނެއެވެ.

މުދާ ބާލާ އެރުވުމަށް ޖާގަ ބޭނުންނަމަ ސިޓީ ކައުންސިލަށް ހުށަހެޅުމުން، ކުލި ދައްކާގޮތަށް ސްލޮޓް ދޫކުރާނެކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ މަގުތަކުގައި ބަހައްޓާފައި ހުންނަ ޕެލެޓްތައް ސިޓީ ކައުންސިލުން ދޭތެރެ ދޭތެރެއިން ނަގައެވެ. ނަމަވެސް އަނެއްކާ ވެސް ޕެލެޓް ބަހައްޓާތީ އެ މައްސަލަ ހައްލެއް ނުވެއެވެ.

comment ކޮމެންޓް