އެތެރެކުރުން މަނާ 20 ހާހެއްހާ ޕްލާސްޓިކް ތަކެތި ކަސްޓަމުން ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ނައްތާލަނީ---ފޮޓޯ/ ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކުގެ ބާއްވަތްތައް އެތެރެކޮށްގެން ހިފަހައްޓާފައިހުރި 20 ހާހެއްހާ ޕްލާސްޓިކް ތަކެއްޗާއި އިތުރު ގިނަ އަދަދެއްގެ ތަކެތި މިއަދު ކަސްޓަމްސްއިން ނައްތާލައިފިއެވެ.

މިއަދު ކަސްޓަމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތި މިއަދު ތިލަފުށީ ކުނި އަންދާ ސަރަހައްދުގައި ނައްތާލައިފައިވާކަމަށެވެ.

މިއަދު ކަސްޓަމްސް އިން އެންމެ ގިނައިން ނައްތާލައިފައިވަނީ ސިނގިރޭޓާއި ބިޑިއެވެ. އެގޮތުން 314،760 ސިނގިރޭޓް ވަނީ ކަސްޓަމްސްއިން ނައްތާލައިފައެވެ.

ދެން އެންމެ ގިނައިން ނައްތާލައިފައިވަނީ އެއްފަހަރު ބޭނުންކޮށްފައި އުކަލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކެވެ. ނައްތާލި ސިންގަލް ޔޫސް ޕްލާސްޓިކްގެ ތެރޭގައި 19،968 ތަކެތި ހިމެނޭކަމަށް ކަސްޓަމަސްއިން ބުނެއެވެ.

ނައްތާލި އެހެނިހެން ތަކެތި:

  • 8038 ބަނގުރާ ފުޅި
  • 54 ޕެކެޓް، ފްލާސްކު، ޗޮކްލެޓް (ބަނގުރާ އެކުލެވޭ)
  • 13 އެސެންސް / ވިނެގާ (ބަނގުރާ އެކުލެވޭ)
  • 540 ބަނގުރާ / ބަނފުއާވި ހުސްކުރި ފުޅި ނުވަތަ ދަޅު
  • 1103 ބިޔަރު ފުޅި
  • 300 ގާނޫނާ ޚިލާފު ތަކެތި
  • 16.4 ކިލޯގެ ދުންފަތް
  • 10 ވޯކީ ޓޯކީ ސެޓް
  • 2 އިސްރާއީލުގައި އުފައްދާފައިވާ މުދާ

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގިނަ އަދަދެއްގެ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައި މިދިޔަ ޑިސެމްބަރު 29ގައި ގެޒެޓު ކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ވަކި ތާރީޚަކުން ފެށިގެންނެރުމަކީ މަނާކަމެއްކަމަށެެވެ.

comment ކޮމެންޓް