މަގޫދޫ ބަލިކޮށް އެއްވަނަ ޓީމުގެ ގޮތުގައި ބިލެއްދޫ ފައިނަލަށް

މުބާރާތުގައި ވާދަކުރާ ބިލެއްދޫގެ ޓީމް -- ފޮޓޯ / ބިލެއްދޫ ކައުންސިލް

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިިރިހެން ޑިވިޝަންގައި މިއަދު ހަވީރު ބިލެއްދޫ ރައިސިން ސްޓާ ސްޕޯޓްސް (ބީއާރުއެސް) އާއި މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ) ބައްދަލުކުރި މެޗު ބިލެއްދޫން ކާމިޔާބުކޮށްފިއެވެ.

މިއަދުގެ މެޗަށް ނިކުތްއިރު ވެސް މި ދެ ޓީމު ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. ނަމަވެސް، އެއްވަނަ ޓީމުގެ ގޮތުގައި ފައިނަަލަށް ދިޔުމަށް ދެ ޓީމަށް ވެސް މިއަދުގެ މެޗު މުހިންމުވިއެވެ.

މިއަދުގެ މެޗު ކާމިޔާބުކޮށް ބިލެއްދޫން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ ހަތަރު މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ނަމަވެސް މަގޫދޫ ވަނީ ދެވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކޮށްފައެވެ. އެއީ ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.

މެޗުގެ ފުރަތަމަ ސެޓު ބިލެއްދޫން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 25-22 އިންނެވެ. ދެވަަނަ ސެޓު ފަށައިގެން މަގޫދޫން ވަނީ ކުޅުމުގެ ތެރެއަށް މަަޑުމަޑުން ވަދެ ސެޓުގައި ލީޑު ނަގާފައެވެ. ރަނގަޅު ފޯމުގައި އޮވެ މަގޫދޫން ދެ ވަނަ ސެޓު ކާމިޔާބުކުރީ 25-18 އިންނެވެ.

ދެ ވަަނަ ސެޓުގައި ދެއްކި ރަނގަޅު ކުޅުން ދަމަހައްޓައި މަގޫދޫން ވަނީ ތިންވަނަ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. މި ސެޓު މަގޫދޫން ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ. މެޗުން މޮޅުވުމަށްޓަަކައި މަގޫދޫން ހަތަރު ވަނަ ސެޓަށް ނިކުތީ އިތުބާރާއެކުއެވެ. ނަމަވެސް ބިލެއްދޫން ވަނީ މި ސެޓު ކާމިޔާބުކޮށްފައެވެ. ބިލެއްދޫން ސެޓު ކާމިޔާބުކޮށްފައިވަނީ 25-22 އިންނެވެ.

ފަސްވަނަ ސެޓު ފަށައިގެން ބިލެއްދޫން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. ނަމާދު ވަގުތަށް މެޗު މެދު ކަނޑާލިއިރު ބިލެއްދޫން ލީޑުގައި އޮތީ 10-03 އިންނެވެ. ބިލެއްދޫން މި ސެޓު ކާމިޔާބުކޮށްފައިވަނީ 15-05 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބިލެއްދޫ ޓީމުގެ އަޙުމަދު ނާފިޔުއެވެ.

މުބާރާތުގެ ފައިނަލްގައި ބިލެއްދޫ އާއި މަގޫދޫ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރު 16:15 ގައި މަގޫދޫ ރަސްމީ ވޮލީ ކޯޓުގައެވެ.

comment ކޮމެންޓް