އަނެއްކާވެސް އައްމަޓީ ދޫކޮށްލައިފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ -- ފޮޓޯ/ އިންޓަޕޯލް

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކޮށްފައިވަނީ ޝަރުތަކާއެކުއެވެ. އެ ޝަރުތުތައް ދައުލަތަށާއި އައްމަޓީއަށް އަންގަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ވިދާޅުވެފައެވެ.

އައްމަޓީގެ ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ކުރިން އޭނާ ރާއްޖެނައިސް ސްރީލަންކާގައި ފިލައިގެން އުޅުނުކަން ދައުލަތުން ވަނީ ގާޒީއަށް ހަނދާންކޮށްދީފައެވެ.

މިއީ އައްމަޓީ ހައްޔަރުކުރި ފަހުން ކޯޓުން އޭނާ ދޫކޮށްލި ތިންވަނަ ފަހަރެވެ. އެންމެ ފަހުން އައްމަޓީ ދޫކޮށްލައިފައިވަނީ އޭނާގެ އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުންނެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.

އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް