ބައްޝާރު ޔޫއޭއީއަށް ވަޑައިގަތުމުން އެމެރިކާ ރުޅިގަދަވީ ކީއްވެ؟

ބައްޝާރާއި ޔޫއޭއީގެ ބާރުގަދަ ވެރިޔާ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން

ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން ސީރިއާގެ ރައީސް ބައްޝާރުލްއަސަދަށް ރަސްމީ ދައުވަތެއް ދިނުމާއެކު ބައްޝާރު ޔޫއޭއީއަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމުން އެމެރިކާ ވަރަށް ބޮޑަށް ރުޅި ގަދަވެއްޖެއެވެ. ބައްޝާރު އިއްޔެ ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.

މިޒިޔާރަތާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާން ނެޑް ޕްރައިސް ވަނީ ބައްޝާރު ޔޫއޭއީއަށް ޒިޔާރަތް ކުރެއްވުމަކީ އެމެރިކާ ވަރަށް ބޮޑަށް ރުޅިއައިސް ހިތްހަމަނުޖެހުނު ކަމެއްކަން ބަޔާން ކުރައްވައި އެއީ ޔޫއޭއީގެ ސަރުކާރުން ކޮށްގެންވާނެ ކަމެއްނޫން ކަމަށް ވިދާޅުވެ ވަރަށް ކޯފާވެގެން ވާހަކަ ދައްކަވާފައެވެ.

ނެޑް ޕްރައިސް

ނެޑް ޕްރައިސް ވިދާޅުވިގޮތުގައި ބައްޝާރަކީ ސީރިއާ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތަކެއް ހިންގައި ސީރިއާގެ އެތައްބަޔަކު މެރުމުގެ ޒިންމާ އުފުލަންޖެހޭ ބޭފުޅެކެވެ. އެފަދަ ބޭފުޅަކަށް ދައުވަތުދިނުމުގެ ކުރިން ޔޫއޭއީގެ ވެރިން އެކަމާ އަޅާނުލެއްވުމަކީ އެމެރިކާ ވަރަށް ހިތުގައި ޖެހުނު ކަމެއްކަމަށްވެސް ނެޑް ޕްރައިސް ވިދާޅުވިއެވެ.

ނެޑް ޕްރައިސްގެ ވާހަކަފުޅުގައި އިރާގާއި އަފްޣާނިސްތާނުގެ އެތައްލައްކަ ބަޔަކުމެރުމުގެ ޒިންމާ އުފުއްލަވަންޖެހޭ އެމެރިކާގެ ކުރީގެ ދެރައީސުންކަމަށްވާ ޖޯޖްޑަބްލިޔު ބުޝްއާއި ބަރަކް އޮބާމާއާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޒުވަޒީރެއްކަމަށްވާ ޓޯނީ ބްލެއާފަދަ ހުޅަނގުގެ ކުރީގެ މަސްއޫލުވެރިންނާއި 70 އަހަރުވަންދެން ފަލަސްތީނުގެ ރައްޔިތުން މަރަމުން ގެންދާ އިސްރާއީލުގެ މަސްއޫލުވެރިންގެ ނަންފުޅުތައް ވިދާޅެއް ނުވެއެވެ.

ނެޑް ޕްރައިސް ވިދާޅުވީ ސީރިއާގެ ހަނގުރާމައިގެ ޒިންމާ އުފުލަންޖެހޭނީ ރައީސް ބައްޝާރުލްއަސަދު ކަމަށާ އޭނާއަށް އެއްވެސް ގައުމަކުން ވާގިވެރިވެގެން ނުވުމުގެ އިތުރުން އޭނާގެ ވެރިކަމުގައި އެއްވެސް ގައުމަކުން ސީރިއާއަށް އެހީތެރިވެގެންވެސް ނުވާނެކަމުގައެވެ. ސީރިއާގައި މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ އެތައްލައްކަ ބައެއްގެ ތެރެއިން އެއްލައްކަ ފަންސާސް ހާސް މީހުންގެ ޒިންމާ އުފުއްލަވަންޖެހޭނީ ސީދާ ބައްޝާރުލްއަސަދު ކަމަށާ މިވަރުގެ މުޖްރިމެއްގެ ހަގީގަތް ނުދަތުމަކީ ޔޫއޭއީން ކުރި ވަރަށް ދެރަވަރުކަމެއް ކަމަށް ނެޑް ޕްރައިސް ސިފަކުރެއްވިއެވެ.

ބައްޝާރު އިއްޔެ ޔޫއޭއީގައި އެގައުމުގެ ނައިބު ރައީސް އަދި ދުބާއިގެ ހާކިމު ޝައިޚް މުހައްމަދު ބިން ރާޝިދު އާލު މަކްތޫމް

ސީރިއާގެ ދާޚިލީ ހަނގުރާމައަކީ އަރަބި ބައެއް ގައުމު ތަކަށް 2011 ވަނަ އަހަރުގެ ކުރީކޮޅު އައި އުތުރި އެރުމުގެ އޮއިވަރުތަކުގެ ތެރެއިން ސީރިއާގެ ރައްޔިތުންގެ ބަޔަކު ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމާ ދެކޮޅަށް ތެދުވެ މުޒާހަރާތައް ކުރަންފެށުމުން ބައްޝާރުގެ ސަރުކާރުން ބާރުގެ ބޭނުންކޮށް އެމުޒާހަރާތައް ހުއްޓުވުމާއެކު އެމެރިކާއާއި ތުރުކީއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ސިޔާސީ ބޭނުމެއްގައި ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ދީގެން 2011 ވަނަ އަހަރު ފެއްޓުވި ހަނގުރާމައެކެވެ.

މި ހަނގުރާމައަށް އެމެރިކާއާއި ތުރުކީއާއި ޔޫރަޕްގެ ބާރުތަކުން ދަރުއެޅިއިރު މިކަމަށް ބޭނުންވާ ފައިސާ ޚަރަދުކުރި ގައުމުތަކުގެ ތެރޭގައި ގަތަރާއި ސައޫދީ އަދި ޔޫއޭއީ ހިމެނެއެވެ. ޖިހާދުގެ ނަމުގައި ސީރިއާއަށް އައިއެސްގެ ފިކުރުގެ ހަރުކަށި ހަނގުރާމަވެރިން ދުނިޔޭގެ އެކިކަންކޮޅު ތަކުން ފޮނުވުމުގެ ފަހަތުގައި އެމެރިކާ އޮތްކަމަށް ތުހުމަތު ކުރެވޭއިރު ދުނިޔޭގެ އެކިކަންކޮޅުތަކުން ޖިހާދުގެ ނަމުގައި ސީރިއާއަށް ދިޔަ އެފަދަ ހަނގުރާމަވެރިން ސީރިއާއަށް ވަދެފައިވަނީ ތުރުކީގެ އެހީތެރިކަމާއެކު ތުރުކީއާއި ސީރިއާގެ ސަރަހައްދީ ރޮނގުންނެވެ. މިއީ ފެންނަން އޮތް ހަގީގަތެވެ. ނަމަވެސް އެދުވަސްވަރު ތުރުކީވަނީ މިކަން ނޭނގޭކަމަކަށް ހަދާފައެވެ.

ބައްޝާރާއި ޔޫއޭއީގެ ބާރުގަދަ ވެރިޔާ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން

އެފަދަ ހަނގުރާމަވެރިން ރެކްރޫޓްކުރުމަށް ބޭނުންވާ ފައިސާ ޚަރަދުކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ ގަތަރާއި ސައޫދީގެ މައްޗަށެވެ. އެފަދަ ހަނގުރާމަވެރިން ގަތަރު އެވޭޒްގެ ބޯޓުތަކުން ތުރުކީއަށް ގެންދާކަމުގެ ތުހުމަތު އެދުވަސްވަރު ގަތަރުގެ މައްޗަށް ވަރަށް ބޮޑަށް ކުރެވިފައިވެއެވެ.

ނަމަވެސް 2017 ވަނައަހަރު ގަތަރާއި ސައޫދީ އާ މައްސަލަޖެހި ސައޫދީން ގަރަތު ހިސާރުކުރުމުން ސީރިއާގެ މައްސަލާގައި ގަތަރާއި ސައޫދީގެ ޚިޔާލު މުޅިން ތަފާތުގެ ސައޫދީއާއި ޔޫއޭއީ ސީރިއާގެ ހަނގުރާމައާ ވަރަށް ބޮޑަށް ދުރުވިއެވެ. ސީރިއާ ހަނގުރާމައިގާ ބައްޝާރުގެ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި އަސްކަރީގޮތުން އެހީތެރިވީ އީރާނާއި ރަޝިއާއިންނެވެ.

ސީރިއާގެ ހަނގުރާމައިގާ ބައްޝާރުގެ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި އީރާނާއި ރަޝިއާ އެހާ ވަރުގަދަ ގޮތެއްގައި އަސްކަރީ ގޮތުން ސީރިއާއަށް ވަދެގަތީ ޑިމޮކްރަސީގެ ނަމުގައި ބައްޝާރުގެ ވެރިކަން ވައްޓާލުމުގައި އެމެރިކާއާއި ޔޫރަޕްގެ ބޭނުމަކީ ސީރިއާގެ މަގުން ގަތަރުގެ ގޭސް (ހޮޅިއަޅައިގެން) ޔޫރަޕަށް ގެންގޮސް ރަޝިއާއިން ޔޫރަޕަށް ސަޕްލައި ކޮށްދޭ ގޭހުގެ އޯލްޓަނޭޓިވް އެއް ބަދަލެއްގެ ގޮތުގައި ގަތަރުގެ ގޭސް ގެންދިޔުމަށް އެމެރިކާ ރާވާކަން އެދެގައުމަށް އެނގިގެންނެވެ.

ބައްޝާރަކީ ރަޝިއާއާއި އީރާނާ ގާތްބޭފުޅަކަށްވާތީ އޭނާގެ ވެރިކަމުގައި މިކަން ކުރުމުގެ ފުރުސަތު ނުދޭނެކަން އެމެރިކާއަށް ކަށަވަރު ވެފައިވުމަކީ ބައްޝާރުގެ ވެރިކަން ވައްޓާލަން އެމެރިކާ ބޭނުންވި ސަބަބުކަމަށް ރިޕޯޓްތައް ބުނެއެވެ. ބައްޝާރަކީ ޑިކްޓޭޓަރެއްކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. ނަމަވެސް އެމެރިކާގެ ތާއީދުލިބޭ އަރަބި އެހެންވެރިން (ސީސީ އާއި ގަލްފުގެ ވެރިން) ނަކީވެސް އެފަދަ ބޭފުޅުންނެވެ.

އެދުވަސްވަރު ބައްޝާރުގެ ވެރިކަން ވައްޓާލެވުނުނަމަ އެމެރިކާ މިއަދު އޮންނާނީ ރަޝިއާގެ ގޭސް ކަނޑާލެވޭ ވަރަށް ޔޫރަޕަށް ގަތަރުގެ ގޭސް ސަޕްލައި ކޮށްދެވޭވަރުގެ ހޮޅިތަކެއް ސީރިއާއާއި ތުރުކީގެ މަގުން އަޅާފައެވެ. އޭރުންނަމަ މިއަދު ރަޝިއާގެ އެއްވެސް ބާރެއް ނޯތީހެވެ. އެމެރިކާ ބޭނުންކުޅިއެއް ހަކަތައިގެ ދާއިރާއިންވެސް ކުޅުނީހެވެ.

ތުރުކީގެ މަގުން ޔޫރަޕަށް ގަތަރުގެ ގޭސް ގެންދެވެން އަންނަނީ ސޫރިއާ ނޫނީ އިރާގުގެ މަގުން ތުރުކީއަށް ހޮޅި އަޅައިގެންނެވެ. އިރާގަކީ އީރާނުގެ ކޮންޓްރޯލް ވަރަށް ބޮޑު ގައުމަކަށްވާތީއާއި އިރާގުގެ މަގުން މިކަންކުރެވޭކަށް ނެތެވެ. އަނެއްކޮޅުން އިރާގަކީ ޑިމޮކްރަސީ އޮތް ގައުމަކަށްވާތީ ޑިމޮކްރަސީގެ ނަމުގައި ސޫރިއާގައި އެމެރިކާއާއި ޔޫރަޕުން ޖެހި ސަކަރާތް ޖަހައިގެން އިރާގުގެ ވެރިކަން ވައްޓާލެވޭނެ ހަމައެއް ނެތެވެ. ބައްޝާރާ ދެކޮޅަށް ސީރިއާގެ އިދިކޮޅު މީހުން ނެރުމަށް އެމެރިކާއާއި ޔޫރަޕް ބޭނުންކުރި އުކުޅަކީ ޑިމޮކްރަސީއެވެ.

ރަޝިއާ، އީރާން އަދި އީރާނުގެ މަދަދުލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންވަނީ ބައްޝާރުގެ ދިފާއުގައި އެތައްއަހަރަކު ހަނގުރާމަކޮށް ސީރިއާގެ އިދިކޮޅު ފަރާތްތަކާއި އައިއެސް ފިކުރުގެ ހަނގުރާމަވެރިން ބަލިކޮށް ސީރިއާގެ ބިމުގެ ގާތްގަނޑަކަށް 85 އިންސައްތަ ބައްޝާރުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގައި ކާމިޔާބު ހޯދާފައެވެ. ނަމަވެސް އެމެރިކާގެ ހުރަސްއެޅުންތަކާއެކު ސީރިއާ އަލުން އާރާސްތު ކުރުމުގެ މަސައްކަތްވަނީ ފެށޭނެގޮތް ނުވެއެވެ.

މިހާރުވެސް ގަތަރާއި އެމެރިކާ ބޭނުންވަނީ ބައްޝާރު ވެރިކަމުން ދުރުކުރުމަށެވެ. ނަމަވެސް ޔޫއޭއީއާއި ސައޫދީގެ ޚިޔާލު މިހާރު މުޅިން ބަދަލުވެއްޖެއެވެ. އެދެގައުމުންވަނީ ސީރިއާގައި އެދެގައުމުގެ އެންބަސީވެސް އަލުން ހުޅުވާފައެވެ. އަދި ޔޫއޭއީ ވަނީ ސޫރިއާ ޑިޕްލޮމެޓިކް ގުޅުންތައްވެސް އަލުން އުފައްދައި އެގައުމަށް އެހީތެރިވާންވެސް ފަށާފައެވެ.

ބައްޝާރުގެ ޒިޔާރަތާ ގުޅިގެން އެމެރިކާ އެންމެ ކަންބޮޑުވާ އެއްކަމަކީ ބައްޝާރަކީ ޔުކްރޭން ހަނގުރާމައިގާ ފާޅުގައި ރަޝިއާއަށް ތާއީދު ކުރައްވާ ބޭފުޅަކަށްވާއިރު ޔުކްރޭން ހަނގުރާމަ ހިނގާ މިދަނޑިވަޅުގައި ޔޫއޭއީން ކުއްލި ގޮތަަކަށް ބައްޝާރަށް ދައުވަތު ދީގެން އެގައުމަށް ގެންގޮސް ރަތްދޫލައިގެ މަރުހަބާ އެއްކިޔުމަކީ ޔޫއޭއީން ސީދާ އެމެރިކާއަށް ގޮންޖެހުމުގެ ގޮތުން ކުރި ކަމެއްކަމުގެ އިހްސާސް ކުރެވުމެވެ.

ޔޫއޭއީއަކީ ޒަމާނުއްސުރެ އެމެރިކާގެ ފަހަތުގައި އޮވެފައި ޔުކްރޭން ހަނގުރާމައާއެކު ރަޝިއާ ފަޅީގައި އޮތްގައުމެއްކަން ދައްކައި އެމެރިކާއަށް ތަހައްދީ ކުރާ ކަހަލަ ފާޑެއްގެ ގޮތްނޭނގޭސިޔާސަތެއް މިހާރަކަށް އައިސް ގެންގުޅެން ފަށާފައިވާ ގައުމެކެވެ. ސައޫދީގެ ފަރާތުން މިހާރުވަނީ މިފަދަ މަންޒަރެއް އެމެރިކާއަށް ފެންނަން ފަށާފައެވެ.

comment ކޮމެންޓް