ގޫގުލްގެ އިންޓަނެޓް ކޭބަލެއް އެފްރިކާއަށް

ގޫގުލްގެ އިންޓަނެޓް ކޭބަލާއެކު އިންޓަނެޓް ސްޕީޑު ރަނގަޅު ވާނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ/ ރޮއިޓާސް

އެފްރިކާގެ އެތައް މިލިއަން ބަޔަކަށް އިންޓަނެޓް ސްޕީޑް ދެގުނައަށް އިތުރު ކޮށްދޭނެ ކަމުގެ ވައުދާ އެކު، ގޫގުލްގެ އިންޓަނެޓް ކޭބަލެއް ޓޯގޯއާ ހިސާބަށް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގޫގުލް އިން ނެރުނު ބަޔާނެއްގައި ވަނީ އެއީ އެފަދަ ކޭބަލެއް އެފްރިކާ ބައްރަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެއާއެކު ޓޯގޯގެ އަށް މިލިއަން ރައްޔިތުންނަށް އިންޓަނެޓް ސްޕީޑް ދެގުނަ އަށް އިތުރުވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ އާ ކޭބަލުގެ ސަބަބުން އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ފައިދާވާނެ ކަމަށާއި އެގޮތުން އެ ކޭބަލް ނައިޖީރިއާ، ނެމީބިއާ އަދި ސައުތު އެފްރިކާއާ ހަމައަށް ވެސް ގެންދާނެ ކަމަށް ގޫގުލްއިން ބުންޏެވެ. އަދި އެހެން ގައުމުތަކަށް ވެސް އޭގެ ކަނެކްޝަންތައް ފޯރުކޮށްދީ، މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޓް ކުރަަން ފަށާނެކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

މޮބައިލް އޮޕަރޭޓަރުންނާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ކުންފުންޏެއް ކަމަށްވާ ޖީއެސްއެމްއޭ އިންޓެލިޖެންސްއިން 2020 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ސަބް-ސަހާރަން އެފްރިކާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ މަދުން އިންޓަނެޓްގެ ޚިދުމަތް ލިބޭ ސަރަހައްދެވެ.

އެހެންކަމުން ގޫގުލްއިން ފޯރުކޮށްދޭ ޚިދުމަތުގެ ސަބަބުން އެ ސަރަހަައްދަށް ގިނަގުނަ ފައިިދާތަކެއް ލިބޭނެއެވެ.

ގޫގުލްއިން ޚަރަދުކޮށްގެން، އެފްރިކާ ޕްރެކްޓިސް އެންޑް ޖެނެސިސް އެނަލިޓިކްސް އިން ހަދާފައިވާ އެސެސްމެންޓަކުން ދައްކާ ގޮތުގައި އާ ކޭބަލްގެ ސަބަބުން، 2025 ވަނަ އަހަރުގެ ކުރިން، ޓޯގޯގައި އިންޓަނެޓްގެ އަގު 14 ޕަސެންޓް ހެޔޮވާނެއެވެ.

މީގެއިތުރުން، ގޫގުލްއިން ބުނެފައިވާ ގޮތުގައި މި ކޭބަލްގެ ސަބަބުން ޓޯގޯއަށް ލިބޭނެ ނުސީދާ ފައިދާތަކުގެ ތެރޭގައި، 2025 ވަނަ އަހަރުގެ ކުރިން އެގައުމުގައި 37،000 ވަޒީފާ އުފެދުމާއި ޖީޑީޕީ 193 މިލިއަން ޑޮލަރަށް ކުރިއެރުން ހިމެނެއެވެ.

comment ކޮމެންޓް