އޭސީސީއަށް މެމްބަރުން އައްޔަން ކުރައްވައިފި

އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން ހުވާކުރުން: ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) އަށް ފަސް މެމްބަރުން މިއަދު އައްޔަންކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ފަސް ބޭފުޅުންނަށް އޭސީސީގެ މެންބަރުކަމުގެ ހުވައި، ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

އަލަށް އައްޔަން ކުރެއްވި ފަސް ބޭފުޅުން

  1. އަލްއުސްތާޛު އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި
  2. އަލްއުސްތާޛު ޢަބްދުއްސަލާމް ހަވާ، ށ.ނަރުދޫ
  3. އަލްއުސްތާޛު ޠާހާ މުޙައްމަދު ކަޅިހާރުގެ، އދ.މާމިގިލި
  4. ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު
  5. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ނާރެސް، ރ.ހުޅުދުއްފާރު

އަލްއުސްތާޛު އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަލްއުސްތާޛު އާދަމް ޝާމިލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލު ކުރައްވާފައެވެ.

އަލްއުސްތާޛު ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުއްސަލާމް ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

އަލްއުސްތާޛު ޠާހާ މުޙައްމަދު ހުންނެވީ "ދަ ލިޓިޖެންޓްސް އެލް.އެލް.ޕީ"ގެ ޕާޓްނަރެއްގެ ގޮތުގައެވެ. މީގެ އިތުރުން އަލްއުސްތާޛު ޠާހާ މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދެވި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީ"ގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަލްއުސްތާޛު ޠާހާ މުޙައްމަދު ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

ޝަޒްނާ ހާޝިމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. ޝަޒްނާ ހާޝިމް ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ބެޗްލަރސް ޑިގްރީ އިން ކޮމަރސް (އެކައުންޓިން) ހާސިލުކުރައްވާފައެވެ.

އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު އެންމެފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައެވެ. އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ ހާސިލު ކުރައްވާފައެވެ.

އޭސީސީއަށް އާ މެމްބަރުން އައްޔަން މިކުރީ ކުރިން ތިއްބެވި ގިނަ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމަށް ފާސް ކުރަން ނިންމުމާ ގުޅިގެންނެވެ.

ގާނޫނު ބުނާ ގޮތުން އޭސީސީގެ މެންބަރެއްގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެއެވެ. ނަމަވެސް އާ މެމްބަރުން މި އައްޔަން ކުރެއްވީ އެ މުއްދަތު ހަމަވިތާ ދުވަސްކޮޅެއް ފަހުންނެވެ.

comment ކޮމެންޓް