މިނިވަންކަމާއި ޙައްޤުގެ އަލިފާނުން އަންދައިލެވުނު ހިތެއް

ޢަބީރު ޤާސިމް ޙަމްޒަތުލް ޖަނާބީ

މަތީގައި ހުރި ދެ ފޮޓޯއަށް ނިކަން ރަނގަޅަށް ބައްލަވައިލެއްވުމަށް ޓަކައި ވަގުތުކޮޅެއް ހޭދަ ކޮށްލައްވާށެވެ! ދެ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ޢަބީރު ޤާސިމް ޙަމްޒަތުލް ޖަނާބީއެވެ. ކަޅާއިހުދުގެ ފޮޓޯ އަކީ އޭނާގެ ޅައިރުގެ ފޮޓޯއެކެވެ. ދެން އެހެރީ އޭނާގެ ޢުމުރުން ހަތް އަހަރުގައި ނަގައިފައި ހުރި ފޮޓޯއެކެވެ.

ޢަބީރު ޤާސިމް ޙަމްޒަތުލް ޖަނާބީ އަކީ ޢިރާޤުގެ ވެރިރަށް ބަޣްދާދުގެ ދެކުނުން ތިރީހަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަލްމަޙްމޫދިއްޔާ ޝަހަރުގެ ޔޫސުފިއްޔާ އަވަށަށް ނިސްބަތް ވާ މުސްލިމް އަންހެން ކުއްޖެކެވެ. އޭނާގެ ބައްޕަގެ ނަމަކީ ޤާސިމް ޙަމްޒާ ރަޙީމެވެ. މަންމަގެ ނަމަކީ ފަޚްރިއްޔާ ޠާހާ މުޙާސިނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ތިން ކޮއްކޮ ތިއްބެވެ. އޭނާއާ ޖެހުނު މުޙައްމަދު ޤާސިމް ޙަމްޒަތުލް ޖަނާބީ އާއި، އަޙްމަދު ޤާސިމް ޙަމްޒަތުލް ޖަނާބީ އާއި، ހަދީލް ޤާސިމް ޙަމްޒަތުލް ޖަނާބީއެވެ. މި ހަތަރު ކުދީން ވެސް ދުނިޔެއަށް އައީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޔޫރަޕު ގުޅިގެން، މުސްލިމުން ކަމަށް ވުން ފިޔަވައި އެއްވެސް ސަބަބަކާ ނުލައި، ޢިރާޤުގެ ރައްޔިތުންނާ ދެކޮޅަށް ކުރި ފަނާ ކުރުމުގެ ހަނގުރާމަތަކާއި އެޅި އިޤްތިޞާދީ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސުންނާފަތި ވެފައި އޮތް ޢިރާޤުގައި، ފަޤީރުކަމާއި ވީރާނާކަމުގެ ތެރެޔަށެވެ. ޢަބީރު އުފަން ވީ 1991 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 19 ގައެވެ. ފުރަތަމަ ގަލްފު ހަނގުރާމަ ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ފަހުންނެވެ.

ޢަބީރު ޖަނާބީގެ ވާހަކަ އެއްސެވީމުތޯއެވެ؟ އިސްލާމީ ދިވެހިރާއްޖޭގެ މީޑިއާއިން މި ކުއްޖާގެ ފޮޓޯއެއް ކުރީން ދެކެވަޑައިގަތީމުތޯއެވެ؟ ދިވެހި ދައުލަތުގެ ވެރިޔަކު އޭނާގެ ނަން ކިޔާ އަޑު އެއްސެވީމުތޯއެވެ؟ ދިވެހިރާއްޖޭގައި "އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކޮށް އަންހެނުން ބާރުވެރި ކުރުވާން" އުޅޭ "ފެމިނިސްޓް ކުރުސޭޑަރުންގެ" ތެރެއިން މީހަކު މި ކުއްޖާގެ ވާހަކަ ދައްކާ އަޑު އެއްސެވީމުތޯއެވެ؟ މި ހުރިހައި ސުވާލަކަށް ވެސް ދެއްވާން އޮންނާނޭ ޖަވާބަކީ "ނޫން" ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ.

މި ޒަމާނުގެ އެންމެ މުހިއްމު އެއް ޞަލީބީ ލީޑަރު އަދި ހަނގުރާމައިގެ މަހާމުޖުރިމު ޖޯރޖް ޑަބްލިޔު. ބުޝްގެ ގިޔާދަތުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޔޫރަޕުގެ ލަޝްކަރުތައް 2003 ވަނަ އަހަރު ޢިރާޤަށް އަރައިގަތެވެ. ޢިރާޤުގައި ހުރި "ފަނާކުރަނިވި ހަތިޔާރުތަކެއް ނައްތައިލާން ވެގެންނޭ" ކިޔައިގެން ބޮޑެތި ދޮގުތައް އުފައްދައި، އެ ދޮގުތަކުން ބަހަނާ ދައްކަމުންނެވެ. ޢިރާޤު ހިފުމަށް ފަހު، ޢިރާޤުގެ އެކި ސަރަޙައްދުތަކުގައި އެބައިމީހުން ޢަސްކަރީ ޗެކްޕޮއިންޓުތައް ޤާއިމު ކުރި އިރު، އޭގެ ތެރެއިން އެއް ޗެކްޕޮއިންޓް ހުރީ ޢަބީރު ޤާސިމްގެ ޢާއިލާ ދިރިއުޅުނު ކުޑަކުޑަ ޖިފުޓިއެއް ކަހަލަ ގެއާ 200 ވަރަކަށް މީޓަރު ދުރުގައެވެ.

އެންމެ ފުރަތަމަ ދުވަހުއްސުރެ، މި ދެންނެވި ޗެކްޕޮއިންޓުގައި ޤާއިމު ވެތިބި އެމެރިކާ ސިފައިންގެ ތެރެއިން ބައެއް މީހުން ގެންދިޔައީ ޢަބީރު ޖަނާބީއަށް ލޯ އަޅަމުންނެވެ. ބާޒާރަށް ދިޔުމާއި މަދަރުސާއަށް ދިޔުން ފަދަ ކަންކަމުގައި އޭނާ ޗެކްޕޮއިންޓް ހުރަސް ކުރާ އިރު، އެމީހުން އޭނާއަށް މައްލަވަ ކުރެއެވެ. ޝިކާރީ ކަޅިތައް އަޅައެވެ. އިނގިރޭސި ބަހުން، ހުތުރު ބަހުރުވައިން ބަސްބަސް ބުނެއެވެ. އެއް ފަހަރަކު، ޗެކު ކުރުމުގެ ނަމުގައި އެމީހުންގެ ބަޔަކު ޢަބީރުގެ ގެއަށް ވަދެގެން އުޅުމުގެ ތެރޭގައި، އޭނާގެ މޫނުގައި އިނގިލި ކޭއްތިއެވެ. އަނެއް ފަހަރަކު، ޢަބީރުގެ މަންމައާ މުޚާޠަބު ކޮށް، ޢަބީރަށް އިޝާރާތް ކުރަމުން، އޭގެ ތެރެއިން އެކަކު "ވެރީ ގުޑް، ވެރީ ގުޑް" އެވެ ބުނެ، ޢަބީރުގެ ބުރުސޫރައަށް ޖިންސީ މާނަ އެކުލެވޭ ގޮތަށް ކޮމެންޓު ކުރިއެވެ. މި ކަހަލަ ގޯނާތައް ޢަބީރަށް ޗެކްޕޮއިންޓުގައި ތިބޭ ސިފައިންގެ ފަރާތުން ކުރިމަތި ވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އޭނާގެ މަންމަ އާއި ބައްޕަ ތިބީ ބިރު ވެސް ގަނެފައެވެ. ނަމަވެސް ސަލާމަތެއް ޙިމާޔަތެއް ހޯދުމަށް ޓަކައި އެމީހުން ދާނޭ ވަކި ތަނެއް ނެތެވެ. މުޅި ޢިރާޤު އޮތީ އެމެރިކާ އާއި ޔޫރަޕުގެ ޖައްބާރު އިހުތިލާލުގެ ދަށުގައެވެ. ދުނިޔޭގެ އިސްލާމީ ޤައުމުތައް ތިބީ ޢިރާޤުގެ މުސްލިމުންނަށް ރައްކައުތެރިކަމެއް ދޭ ގޮތަކަށް ނޫނެވެ. ޕެޓު ކުއްތާތަކެއް ފަދައިން އެމެރިކާ އާއި ޔޫރަޕުގެ ފައިތިލަ ލޮވެލަލޮވެލައެވެ.

އެތައް ދުވަހެއް ވާންދެން ލޮލު ޝިކާރަ އާއި ދުލު ގޯނާއިން އުނދަގޫ ކުރުމަށް ފަހު، ޗެކްޕޮއިންޓުގެ ސިފައިންގެ ތެރެއިން ޕްރައިވެޓް ފަރސްޓް ކްލާސް ސްޓީވެން ޑީ. ގްރީނާއި، ސްޕެޝަލިސްޓް ޕޯލް އީ. ކޯރޓޭޒާއި، ސްޕެޝަލިސްޓް ޖޭމްސް ޕީ. ބާރކަރާއި، ޕްރައިވެޓް ފަރސްޓް ކްލާސް ޖެސީ ވީ. ސްޕީލްމަނާ ހަތަރު މީހުން، ޢަބީރު ރޭޕް ކުރުމަށް ޓަކައި އޭނާގެ ގެއަށް ދާން ރޭވިއެވެ. އެ ދުވަހަކީ 2006 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހެވެ. މި ހަތަރު މީހުންނާއި، ޗެކްޕޮއިންޓުގައި ތިބޭ ސިފައިންގެ ތެރެއިން އިތުރު މީހަކު ބަނގުރާ ބުއިމާއި ތާސްކާޑު ކުޅުމުގައި މަޝްޣޫލު ވެގެން ތިއްބައި، ޢަބީރު ކޮންމެވެސް ތަނަކުން އެނބުރި ގެއަށް ދިޔަ މަގުމަތީގައި ޗެކްޕޮއިންޓް ހުރަސް ކޮށްފައި ދިޔުމުން، އޭނާ ރޭޕް ކުރުމުގެ ސައްލާތައް ފެށީ ސްޓީވެން ޑީ. ގްރީނެވެ. "ޢިރާޤީ އަންހެން ކުއްޖެއްގެ ރަހަ ބަލައިލައި، މީހުންކޮޅެއް މަރައިލާން ހިނގާށޭ" ބުނަމުންނެވެ.

ކަންތައް ކުރާނޭ ގޮތުގެ ރޭވުންތައް ރާވައިގެން، ހަތަރު މީހުން އެކުގައި ޢަބީރުގެ ގެއަށް ދިޔަ އިރު، ގޭގައި ތިބީ ޢަބީރާއި، އޭނާގެ ބައްޕަ އާއި، މަންމަ އާއި، އެންމެ ހަނގު ކޮއްކޮ ހަދީލެވެ. ދެ ފިރިހެން ކުދީން ވީ މަދަރުސާއަށް ގޮހެވެ. ޢަބީރާއި މަންމަ އުޅުނީ ގޭތެރޭގައެވެ. ބައްޕަ އާއި ހަދީލް ތިބީ ގެއިން ބޭރުގައި ހުންނަ ގަސްތަކުގެ ތެރޭގައެވެ. ބަޑީން ބިރު ދައްކައިގެން، ޢަބީރުގެ ބައްޕަ އާއި މަންމަ އާއި ކޮއްކޮ ހަދީލް ވެއްދީ ބޮޑު ކޮޓަރިއަށެވެ. އެމީހުން ބެލެހެއްޓުމާ ޙަވާލު ވީ ގްރީނާއި ސްޕީލްމަނެވެ. ކޯރޓޭޒާއި ބާރކަރ ޢަބީރަށް ބިރު ދައްކައިގެން އޭނާ ވެއްދީ ގޭގައި ހުންނަ ހަމައެކަނި ނިދާ ކޮޓަރިއަށެވެ. ދެން އެމީހުން ކުޅުނު ނިހާއީ ވަޙުޝިއްޔަތުގެ ބިރުވެރި ކުޅިގަނޑުގައި، އެންމެ ފުރަތަމަ ޢަބީރަށް ޙަމަލަ ދިނީ ކޯރޓޭޒެވެ. އޭނާ ޢަބީރު ބިންމައްޗަށް ވައްޓައިލައި، އޭނާގެ ހެދުން ކަރާ ހަމަޔަށް ހިއްލައިފައި، ލައިގެން ހުރި ޖަނގިޔާ ވީދައިލުމަށް ފަހު، އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުއްޖާފުޅު ރޭޕް ކުރިއެވެ. ކޯރޓޭޒް ފަހުން ކިޔައިދިން ގޮތުގައި، ޢަބީރު ގެންދިޔައީ ގަދަ އަޑުން ރޮމުން، ޢަރަބި ބަހުން "އެއްޗެތިތަކެއް ކިޔަމުން"، ދެ ފައި ފިއްތައި ބާރު ކޮށްގެން، ސަލާމަތަށް އެދި ގަދަ ހަދަމުން ތެޅިފޮޅެމުންނެވެ. ނަމަވެސް ޢުމުރުން އެންމެ ސާދަ އަހަރުގެ ކުއްޖަކަށް އެމީހުންގެ ގާތުގައި ދެއްކޭނީ ކޮން ގަދައެއްތޯއެވެ.

ކޯރޓޭޒަށް ފަހު ބާރކަރ ވެސް ޢަބީރު ރޭޕް ކުރިއެވެ. އޭނާ ޢަބީރު ރޭޕް ކުރަމުން ދަނިކޮށް، ގޭގެ ބޮޑު ކޮޓަރީން ބަޑީގެ ފަހެއް ނުވަތަ ހަ ޝޮޓުގެ އަޑުފަށްގަނޑު އިވުނެވެ. އެ އަޑާއި ޢަބީރުގެ މަންމަ އާއި ބައްޕަ އާއި ކޮއްކޮގެ ރުއިމާއި ހަޅޭކުގެ އަޑު އެކުއެކީ އޮބިގެން ދިޔަ ގޮތުން، މަންމަ އާއި ބައްޕަ އާއި ކޮއްކޮއަށް ވީ ގޮތް ޢަބީރަށް ވިސްނުނެވެ. އެއާއެކު އޭނާގެ ރުއިމުގެ އަޑު އިތުރަށް ގަދަ ވިއެވެ. ނަމަވެސް އެ އަޑު އަހާނޭ އެކަކު ވެސް ދުނިޔެއަކުން ނުވިއެވެ.

ކޯރޓޭޒާއި ބާރކަރ ޢަބީރު ރޭޕް ކުރަމުން ދަނިކޮށް، އޭނާގެ މަންމަ އާއި ބައްޕަގެ ގަޔަށް ބަޑި ޖަހައި އެ ތިން މީހުން ޝަހީދު ކޮށްލީ ސްޓީވެން ގްރީނެވެ. މަންމަ ފަޚްރިއްޔާ މަރައިލައިފައި ވަނީ ގައިގައި ތަޅައި، ދެ އަތް ވެސް ބިންދައިލުމަށް ފަހުގައެވެ. ޢުމުރުން އެންމެ ހަ އަހަރުގެ ހަދީލް ޝަހީދު ކޮށްލީ "ޕޮއިންޓް-ބްލޭންކް" ރޭންޖުން މޫނަށް ތިން ވަޒަން ޖަހައިގެންނެވެ. އެޔަށްފަހު ގްރީން ވަނީ ޢަބީރު އޮތް ކޮޓަރިއަށެވެ. ކޯރޓޭޒާއި ބާރކަރަށް ފަހު، ޢަބީރު ރޭޕް ކުރީ ގްރީނެވެ. އޭނާ ހިތުހުރިހައި ކަމެއް ކޮށް ނިންމައިލުމަށް ފަހު، ޢަބީރު ވެސް ޝަހީދު ކޮށްލީއެވެ. ބޮލަށް ތިން ފަހަރު، އަދި މެޔަށް ވެސް ދެތިން ފަހަރު ބަޑި ޖަހައިގެންނެވެ. އެއަށްފަހު، ބާރކަރ ޢަބީރުގެ ބަނޑުން ފެށިގެން ތިރިޔަށް މުޅި ހަށިގަނޑަށް ކަރާސީނު ތެޔޮ އެޅުމަށް ފަހު ރޯ ކޮށްލިއެވެ. އެއިރު ކޮޓަރީގެ ފާރުގެ އެއް ދިމާ ހުރީ ޢަބީރުގެ ބޮލަށް ބަޑި ޖެހުމުން ބުރައިގެން ދިޔަ ލޭގެ ތިކިތަކުން ތަތްތެޅިފައެވެ. ކުއްޖާގެ ދެ ފަޔާއި ބަނޑާ ވީ ހިސާބުގައި ރަނގަޅަށް އަލިފާން ރޯވެ އަނދާން ފެށުމުން، ހަތަރު މުޖުރިމުން އުފާއުފަލުން ނުކުމެގެން އެނބުރި ޗެކްޕޮއިންޓަށް ގޮސް، ބިޔަރާ އެކު ބަނޑު ފުރޭންދެން ތެލުލި ކުކުޅު ކެއީއެވެ.

މި ދެންނެވީ، ހުޅަނގުން މުސްލިމުންގެ ބޮލަށް ބީ-52 ބޮން އަޅާ ބޯޓުފަހަރުގައި ގެންނަ "މިނިވަންކަމާއި، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީ" ގެ ޙަޤީޤީ މަންޒަރުގެ ވާހަކައެވެ. މި ދެންނެވީ، ހުޅަނގުގެ "ފްރީޑަމް" އާއި "ހިޔުމަން ރައިޓްސް" އާއި "ޖަސްޓިސް" އާއި "ޑިމޮކްރަސީ" ގެ އަލިފާނުން އަންދައިލެވުނު މަޢުޞޫމު ހިތެއްގެ ވާހަކައެވެ.

ލާއިންސާނިއްޔަތާއި އަނިޔާވެރިކަމާއި ވަޙުޝިއްޔަތުގެ ބިރުވެރި ހުވަފެނެއް ކަހަލަ ޖަރީމާއެއްގައި ހަތަރު ފުރާނަ ނަގައިލި މުޖުރިމުންނަށް، އެމެރިކާގެ ކޯޓުތަކުން ކަނޑައެޅި "އިންޞާފުވެރި" ޙުކުމަކީ ޖަލަށް ލުމުގެ ޙުކުމެވެ.

އެމެރިކާގެ ކޯޓުތަކުން، ގްރީނާއި، ކޯރޓޭޒާއި، ބާރކަރާއި، ސްޕީލްމަނަށް ދިން އަދަބުތަކާ މެދު އަޅުގަނޑު ޝަކުވާއެއް ނުކުރާނަމެވެ. މައްސަލައެއް ވެސް ނުޖައްސާނަމެވެ. އެއީ، މުސްލިމުންނަށް އިންޞާފު ހޯދައިދިނުމަކީ އެމެރިކާ އާއި ޔޫރަޕުގެ ކޯޓުތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ނުދެކޭތީއެވެ. ހުޅަނގުގެ ލަޝްކަރުތަކުގެ އަނިޔާއިން ފަނާ ކުރެވޭ މުސްލިމުންނަށް އިންޞާފު ހޯދައިދިނުމަކީ ހުޅަނގުގެ ކޯޓުތަކުގެ މަސްއޫލިއްޔަތެއް ކަމަށް އަޅުގަނޑު ނުބަލާތީއެވެ. މުސްލިމުންގެ ދަރީންގެ ޢިއްފަތާއި ޖާނާއި ފުރާނަތައް ޙިމާޔަތް ކުރުމަކީ އެމެރިކާ އާއި ޔޫރަޕުގެ ޒިންމާއެއް ކަމަށް ވެސް އަޅުގަނޑު ޤަބޫލު ނުކުރާތީއެވެ.

ނަމަވެސް، އިސްލާމީ ޤައުމުތަކުގެ ވެރީންނާއި، ޢަސްކަރިއްޔާތަކާއި، މުސްލިމް ފިރިހެނުންނާއި އަންހެނުންނާއި ޒުވާނުންނަށް އަޅުގަނޑު ކުރިމަތި ކުރާނޭ ސުވާލުތަކެއް އެބަހުއްޓެވެ.

ޢަބީރު ޤާސިމުލް ޖަނާބީ ފަދަ އެތައް މުސްލިމް އަންހެން ދަރީންނަށް އެމެރިކާ އާއި ޔޫރަޕާއި އިސްރާއީލުން ދިން އަދި ދެމުން ގެންދާ އަނިޔާތަކުގެ ވާހަކަ ހަމަ ނީވެނީ ހެއްޔެވެ؟ އެ މަންޒަރުތައް ހަމަ ނުފެންނަނީ ހެއްޔެވެ؟ އެމެރިކާ އާއި ޔޫރަޕުން، ހަމައެކަނި 1991 އިން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް، ހަމައެކަނި ޢިރާޤާއި އަފްޣާނިސްތާނާއި ޕާކިސްތާނުން، މަދު ވެގެން ހަތަރު މިލިއަން މުސްލިމުން ފަނާ ކޮށްފައި ވާކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ޢަބީރު ޤާސިމުލް ޖަނާބީއަށް ދިން ބާވަތުގެ އަނިޔާތައް، އަބޫ ޣުރައިބާއި، ބަގްރާމާއި، މައިވަންދާއި، ގުއަންޓަނަމޯ ބޭ ފަދަ އެތައް ތަނެއްގައި، އެމެރިކާ އާއި ޔޫރަޕުގެ ލަޝްކަރުތަކުން މުސްލިމުންނަށް ދެމުން ގެންދާ އިރު، އެމީހުންގެ ފައިދޮށުގައި ޕެޓު ކުއްތާތަކެއް ފަދައިން ތިބޭ މީހުން އަހަރެމެންގެ ވެރިކަމަށް ލައިގެން އުޅެނީ، ބުއްދިތަކާއި ޟަމީރުތަކުގެ މައްޗަށް ކޮންފަދަ ޖަހާލަތެއް ވެރި ވެގެން ހެއްޔެވެ؟ އަންހެނުން ބާރުވެރި ކުރުވަނީއޭ، އަންހެނުންގެ ޙައްޤުތައް ހޯދަނީއޭ ކިޔައިގެން، އެއްވެސް ތާކުން ތާކު ނުޖެހޭ ސަކަރާތްތައް ގަންނަމުން މުޅި މުޖުތަމަޢު ފަސާދަ ކުރަމުން ދާއިރު، އަދި އެ ކަމުގައި އެމެރިކާ އާއި ޔޫރަޕަކީ އިމާމު ކަމަށް ބަލައިގެން އުޅޭ އިރު، އެއީ ޢަބީރު ޤާސިމުލް ޖަނާބީ ފަދަ މަޢުޞޫމު މުސްލިމް އަންހެން ދަރީންނަށް ގޭންގް ރޭޕާއި، ދަގަނޑު ވަޒަނާއި، އަލިފާނުން "އަންހެނުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރު ކޮށްދިން" މީހުންކަން ހިތަށް ނާރާ ވަރަށް ހަމަ ޙިއްސު ކެނޑިފައި ވަނީހެއްޔެވެ؟

ފަހުބަހެއްގެ ގޮތުގައި އެއް ވާހަކައެއް ދަންނަވައިލާން ބޭނުމެވެ. މި އަނިޔާވެރިކަމާ ކުރިމަތިލުމުގައި އަޅުގަނޑުމެން މުސްލިމުން ގެންގުޅޭންވީ މަންހަޖާ ބެހޭގޮތުންނެވެ. އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ޤަބޫލު ކުރާ ގޮތުގައި، އެމެރިކާ އާއި ޔޫރަޕުން ޢަބީރު ޤާސިމުލް ޖަނާބީ ފަދަ ކުށެއް ނެތް، މަޢުޞޫމު މުސްލިމް ދަރީންނަށް ދެމުން ގެންދާ އަނިޔާތަކުގެ ބަދަލުގައި، މުސްލިމުން ވެސް އެމެރިކާ އާއި ޔޫރަޕާ ދެކޮޅަށް ބަދަލު ހިފުމުގެ ޙަމަލާތައް ދޭން ވީއެވެ. ތަޅައިފޮޅާން ވީއެވެ. އެމީހުންގެ ޝަހަރުތަކާއި އަވަށްތަކުގައި ބޮން ގޮއްވައި، ބަޑި ޖަހައި، ތަންތަން ރޯ ކުރާން ވީއެވެ. ނަމަވެސް، އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިއީ އަޅުގަނޑުމެން މުސްލިމުން ކަން ކުރާން ވީ ގޮތެއް ނޫނެވެ. މުސްލިމުން އެއްވެސް ޙާލެއްގައި އަނިޔާވެރި ޒާލިމުންގެ ދަރަޖަޔަށް ވެއްޓިގެން ނުވާނެއެވެ. މުސްލިމުންގެ ތެރޭގައި "ގްރީން" ތަކާއި "ކޯރޓޭޒް" ތަކާއި "ބާރކަރ" ތަކާއި "ސްޕީލްމަން" ތައް އުފެދިގެން ނުވާނެއެވެ. މުސްލިމުންނަކީ ދުނިޔޭގެ ހުރިހައި އަންހެން ދަރީން އެފަދަ ޝައިޠާނުންގެ ކިބައިން މިންޖު ކުރުމުގެ ޒިންމާ އުފުލާން ތިބި މީހުންނެވެ. ދުނިޔެއިން އަނިޔާވެރިކަމާއި، ފިތުނަފަސާދަ އާއި، ލެއި އޮހޮރުވުމާއި، ޒުލްމު ނައްތައިލުމަށް ޓަކައި އިސް ނަގައިގެން މަސައްކަތް ކުރާން ތިބި މީހުންނެވެ. މުސްލިމުންގެ ޙިމާޔަތާއި އޯގާވެރިކަމުގެ ހިޔާވަހިކަން، މުސްލިމް އަންހެން ދަރީންނަށް ލިބިދޭ ފަދައިން، ނަޞާރާއިންނާއި ޔަހޫދީންނާއި ހިންދީންނާއި ބޫދީންނާއި އިލްޙާދީންގެ އަންހެން ދަރީންނަށް ވެސް ލިބޭން ވާނެއެވެ.

ސުވާލަކީ، ޢަބީރު ފަދަ މުސްލިމް ދަރީންނަށް ލިބުނު އަނިޔާތަކާ މެދު މުސްލިމުން ކުރާން ވީ ކަންތައްތަކަކީ ކޮބައިހެއްޔޭ، މިއެވެ. މި ސުވާލުގެ ޖަވާބު ވަރަށް ވެސް ސީދާސާދާއެވެ. އާދޭހެވެ! އެ ކަމަކީ، އިސްލާމީ އުއްމަތުގެ އިސްލާމީ ޝަޚްޞިއްޔަތު އަލުން ދިރުވުމެވެ. އިސްލާމީ އުއްމަތް، އިސްލާމް ދީނުގެ ހެޔޮ މަގަށް އަނބުރައި ގެންދިޔުމެވެ. އިސްލާމީ ތަޢުލީމާތުގެ މައްޗަށް އިސްލާމީ މުޖުތަމަޢުތައް އަލުން ބިނާ ކުރުމެވެ. ހުޅަނގުގެ އަޅުންގެ ދަށުދަރަޖައިން އަރައިގަނެ، ޝަރަފާއި ކަރާމާތާއި ޙުރުމަތުގެ ވެރި އުއްމަތެއްގެ ގޮތުގައި، އަޅުގަނޑުމެން ދުނިޔޭގައި ހިން ދަމައިލުމެވެ. ހުޅަނގުގެ ފިލްމާއި އަދަބިއްޔާތާއި ލަވައިން މުނިފޫހި ފިލުވައިގެން، ހުޅަނގުގެ އުފެއްދުންތަކަށް ބަރޯސާ ވެގެން، ހުޅަނގުގެ ފިކުރީ އިސްތިޢުމާރުގެ ކުރިމަތީގައި ދެ ކަކޫ ޖަހައިގެން ތިބޭ ބަދުބައެއްގެ ޙާލަތުން އަޅުގަނޑުމެން އަރައިގަތުމެވެ. އުއްމަތް އެއްބައިވަންތަ ވުމެވެ. މުޅި އުއްމަތަކީ އުޚުއްވަތުގެ މަތިވެރި ލޯބީގެ ވައުތަކުން ބަނދެވި އެކަތިގަނޑަކަށް ވެފައި ވާ ބައެއް ކަމަށް ވުމެވެ. އަޅުގަނޑުމެންގެ މެދުގައި ހުރި މަޒުހަބީ، ނަސްލީ، އަދި ސިޔާސީ ތަފާތުތައް ނެއްތައިލައި، އަޅުގަނޑުމެން ބައިބައި ކުރާ ޝައިޠާނީ ފާރުތައް މުގުރައިލައި، ކޮނޑާއިކޮނޑު ޖައްސައިގެން، އެކަތިގަނޑެއްގެ ގޮތުގައި ތެދު ވާ އުއްމަތަކަށް ވުމެވެ. އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމަކީ އަޅުގަނޑުމެންގެ މަދަރުސާތަކާއި، ޔުނިވަރުސިޓީތަކާއި ކުތުބުޚާނާތަކުން ލިބޭ އެއްޗަކަށް ހެދުމެވެ. އަޅުގަނޑުމެންގެ ދަރީން ކިޔާ ފޮތްތަކަކީ އަޅުގަނޑުމެން ލިޔާ ފޮތްތަކަކަށް ހެދުމެވެ. އަޅުގަނޑުމެން ކިޔާ ޅެންތަކާއި، އަހާ ލަވަތަކާއި، ބަލާ ފިލްމުތަކަކީ އަޅުގަނޑުމެންގެ ފަންނާނުންގެ އުފެއްދުންތަކަކަށް ހެދުމެވެ. އިސްލާމް ދީނަށް ތަބާ ނުވާ މީސްމީހުންނާއި ޤައުމުތައް އެމީހުންނަށް ފެންނަހައި ގޮތަކަށް އުޅުނަސް، އެފަދަ މީހުންގެ ފިކުރީ އަޅުވެތިކަމުން އަޅުގަނޑުމެންގެ އުއްމަތް ޙިމާޔަތް ކުރެވޭހައި ފިކުރީ، ޢިލްމީ، އަދި ޘަޤާފީ ބާރުވެރިކަން އޮތް އުއްމަތެއް ކަމުގައި އަޅުގަނޑުމެން ވުމެވެ. އަޅުގަނޑުމެންގެ އިޤްތިޞާދާއި، މާލީ ނިޒާމާއި، ވިޔަފާރި އަކީ އަޅުގަނޑުމެންގެ އަމިއްލަ އެއްޗެތި ކަމުގައި ހެދުމެވެ. އަޅުގަނޑުމެންނަކީ ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާގައި، އެހެން އެއްވެސް ބަޔަކަށް ބަރޯސާ ނުވާ، ފުދިގެން އުޅޭ އުއްމަތެއް ކަމުގައި ހެދުމެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޅުގަނޑުމެންގެ އަޑަކީ އެއް އަޑެއް ކަމުގައި، އަދި އަޅުގަނޑުމެންގެ ބަހަކީ އެއް ބަހެއް ކަމުގައި ހެދުމެވެ. އެއަށްފަހު، އެ އަޑަކީ ދުނިޔޭގައި ޙަޤީޤީ މާނައިގައި ޞުލްޙަ ޤާއިމު ކުރުމަށް ޓަކައި އުފުލާ އިޚްލާޞްތެރި އަޑެއް ކަމުގައި ހެދުމެވެ. ހުރިހައި ދީންތަކެއްގެ، ހުރިހައި މިއްލަތްތަކެއްގެ، ހުރިހައި ޤައުމުތަކެއްގެ އަހުލުވެރީންނަށް ވެސް އިންސާނީ އުޚުއްވަތާ އެކު އަމަންއަމާންކަމުގައި އުޅެވޭނޭ ފަދަ ދުނިޔެއެއް ބިނާ ކުރުމުގެ އަޑެއް ކަމުގައި ހެދުމެވެ. މުސްލިމުންގެ ބާރުގައި، މި ދަންނަވާ ފަދަ އިޙްސާނާއި އިންޞާފާއި އަމާންކަމުގެ ދުނިޔެއެއް ބިނާ ކުރެވޭ ދުވަހަކީ، ޢަބީރު ފަދަ އެތައް މުސްލިމް ދަރީންނެއްގެ ޤުރުބާނީގެ އަގު ލިބޭނޭ ދުވަހެވެ. އެއީ، މުޙައްމަދިއްޔަ ރިސާލަތުގެ ނޫރުގެ ދިދަ އުފުލުމަށް ކުފޫ ހަމަވާ އުއްމަތަކަށް އަޅުގަނޑުމެން ވާނޭ ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް