އިތުރުފުޅު ހެއްދެވި ވަޒީރަށް ފިޔަވަޅު އެޅުމަށް ގޮވައިލައި މަޖިލީހަށް މައްސަލައެއް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު -- ސަން ފައިލް ފޮޓޯ

އިތުރުޅު ހެއްދެވި ވަޒީރަށް ފިޔަވަޅު އެޅުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ކޯޓުތަކުގައި މައްސަލަތައް ލަސްވުމާ ގުޅޭގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގޯސް ހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުޤީގީ އެހެން އިދާރާ ތަކުގައި ވެސް އެބަތިބި ކަމަށާއި އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމް ވެގެން ކުރާ ކަމެއްގެ ގޮތުގައި ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވިދާޅުވެފައިވާ ކަމަށެވެ.

އެއާއި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ލިޔުމުން ކުރެއްވި ސުވާލަކަށް ހޯމް މިނިސްޓްރު ޝައިޚް އިމްރާން ޢަބްދުﷲ ފޮނުއްވި ޖަވާބުގައި ގަސްތުގައި ގޯސް ހަދާ ބަޔަކު ފުލުހުންގެ ތެރޭގައި ނެތް ކަމަށް ވިދާޅުވެފައިވާތީއާއި އަދި އެ ގޮތަށް ޖަވާބު ދެއްވުމުން އެތަނުން ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވެސް ފާހަގަ ކުރެއްވި ކަމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނެފައިވަނީ ޤާނޫނު އަސާސީއާއި މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ)އާއި ޚިލާފު ވެފައިވާ ވަޒީރުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލާފައެވެ.

comment ކޮމެންޓް