ރާ ބުއިމަކީ ރަނގަޅު ކަމެއް ނޫން، މިހާރު ހުއްޓާލައިފިން: އާމިރު ޚާން

އާމިރު ޚާން -- ފޮޓޯ: ބޮލީވުޑް ހަންގާމާ

ރާ ބުއިމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުކޮށް، ރާ ބުއިން ހުއްޓާލާފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އާމިރު ޚާން ބުނެފިއެވެ.

އާމިރު ޚާން އެހެން ބުނީ އޭނާއަށް 57 އަހަރު ފުރުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު މީޑިއާތަކާ އެކު އެ މުނާސަބަތު ފާހަގަކުރަމުންނެވެ. އެ ހަފްލާގައި އޭނާ ވަނީ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުންނާއި އޭނާ ދެން ކުރަން އޮތް މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

އެ ވާހަކައިގެ ތެރެއިން އާމިރު ވަނީ އޭނާގެ ކުރީގެ ދެ ކައިވެނި ރޫޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާ މީގެ ކުރިން ކައިވެނި ކޮށްފައި ވަނީ އެކްޓަރު ރީނާ ދައްތާ އާއި ކިރަން ރާއޯ އާއެވެ. އޭގެ ތެރެއިން، 2015 ވަނަ އަހަރު އާމިރު ކައިވެނި ކުރި ކިރަންއާ އޭނާ ވަކިވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މީގެ އިތުރުން އެ ހަފްލާގައި އާމިރު ވަނީ ބަނގުރާ ބުއިމުގެ ސަބަބުން ދިރިއުޅުމަށް އައިސްފައިިވާ ބަދަލުތަކާއި ބަނގުރާ ބުއިން ހުއްޓާލި ގޮތުގެ ވާހަކަވެސް މީޑިއާއަށް ކިޔައިދީފައެވެ.

އާމިރު ބުނި ގޮތުގައި އޭނާއަކީ އެއް އިރެއްގައިވެސް ގަވައިދުން ބުއި މީހެއް ނޫނެވެ. ނަމަވެސް ބައެއް މުނާސަބަތުތަކުގައި ވަރަށް ގިނައިން ރާ ބޮއެފައި ހުންނާނެ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށް އާމިރު ބުންޏެވެ.

ހަމައެއާއެކު، މަސްތުގެ ހާލަތުގައި ހުންނަ ވަގުތު، ފަހުން ހިތާމަކުރާ ބައެއް ކަންކަން ކުރެވުމާއި ބަސްތައް ބުނެވުން އެކަށީގެންވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަންތައްތައް ނޫން ކަމަށް އާމިރު ބުންޏެވެ.

އެހެންކަމުން މިހާރު ރާ ބުއިން ހުއްޓާލާފައިވާ ކަމަށް އާމިރު ބުންޏެވެ.

އާމިރް ޚާން ދެން އެންމެ އަވަހަށް ފެންނާނީ "ލާލް ސިންގު ޗައްދާ"އިންނެވެ. މި އަހަރުގެ އޮގަސްޓް މަހު ނެރެން ހަމަޖެހިފައިވާ މި ފިލްމުން ކަރީނާ ކަޕޫރު ޚާނާއި މޯނާ ސިންހާއި ނާގާ ޗައިތަންޔާ ފަދަ ތަރިން ފެނިގެންދާނެއެވެ.

comment ކޮމެންޓް