ޗައިނާގެ ތާރީޚާއި ސަގާފަތާ ބެހޭ ފޮތްތަކެެއް އެ ގައުމުގެ އެމްބަސީން ހަދިޔާކޮށްފި

ޗައިނާ އެމްބަސީއިން ފޮތް ހަދިޔާ ކުރުމުގެ ތެރެއިން --- ފޮޓޯ/ ޗައިނާ އެމްބަސީ

ޗައިނާ އެމްބަސީގެ ފަރާތުން، ރާއްޖޭގައި ހުންނަ އެ ގައުމުގެ ކަލްޗަރަލް އެސޯސިއޭޝަނަށާއި، މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނަށް އެގައުމުގެ ތާރީޚާއި ސަގާފަތާބެހޭ ފޮތްތަކެއް ހަދިޔާކޮށްފިއެވެ.

އިއްޔެ ޗައިނާ އެމްބަސީގައި ބޭއްވި ހަފްލާއެއްގައި އެފޮތްތައް ހަދިޔާ ކުރެއްވީ ސަފީރު، ވާންގް ލީޝިން އެވެ. ޗައިނާ-މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުގެ ފަރާތުން ފޮތްތަކާ ހަވާލުވެލެއްވީ ނައިބު ރައީސް ޢަލީ ވަހީދެވެ. އަދި ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނުގެ ފަރާތުން ހަވާލުވެލެއްވީ ރައީސް، މިދުއަމް ސައުދެވެ.

އެ ހަފްލާގައި ޗައިނާގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ވަރުގަދަކުރުމަށް އެ ދެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޗައިނާ އެމްބަސީއިން ފޮތް ހަދިޔާ ކުރުމުގެ ތެރެއިން --- ފޮޓޯ/ ޗައިނާ އެމްބަސީ

ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50އަހަރު ފުރޭ މި މުނާސަބަތަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އިތުރު ފުރުސަތުތަކާއެކު، އުޖާލާ ކުރިމަގެއް ހޯދަންވީ ދަނޑިވަޅުކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ އިއްޔެ ހަދިޔާ ކުރި ފޮތްތަކުގެ ޒަރީއާއިން ޗައިނާގެ ތާރީޚާއި، ސަގާފަތުގެ އިތުރުން އަދުގެ ޗައިނާ ތަރައްގީވި ގޮތާބެހޭ ގިނަ މައުލޫމާތުތަކެއް ދިވެހިންނަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޗައިނާ-މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން އަދި ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން އަކީ އެ ދެ ޖަމިއްޔާ އުފެދުނީއްސުރެ، ދެގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހި ކުރުމުގެ މަގްސަދުގައި ގިނަ ހަރަކާތްތަކެއް ރާވާ އިންތިޒާމުކޮށްފައިވާ ޖަމިއްޔާތަކެކެވެ.

comment ކޮމެންޓް