ސައްޙަ ނޫން ޑޮލަރު ވިއްކަނީ، ސަމާލުވޭ!

ޑޮލަރު---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރު ކޮށްގެން ސައްޙަ ނޫން ޔޫއެސް ޑޮލަރު ވިއްކާތީ ސަމާލުވުމަށް ފުލުުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، މަނީ އެކްސްޗޭންޖް ވައިބާ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި ވިއްކާ މީހުން ބުނާތަނަކަށް މީހާ ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތަށް ގެންދިއުމުގައި، މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދު ތަކަށް ދިއުމަށް ދައުވަތު ދޭ ކަމަށާއި އަދި ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓާފީޓް ޔޫއެސް ޑޮލަރު ދެމުންދާ މައްސަލަތައް ހުށަހަޅަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން، ފުލުހުން ވަނީ ބޭރުފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށާއި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާ އަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްފަހު ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް