ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޓްރާންސްޕޯޓް ކޯޕަރޭޝަން އަދި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާ ކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރަނީ

ޓްރާންސްޕޯޓް ކޯޕަރޭޝަން އަދި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާ ކުރުމަށް، ރާއްޖެއާ ސިންގަޕޫރާ ދެމެދު ދެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިންގަޕޫރުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އަދި މިނިސްޓާ އިންޗާޖް އޮފް ޓްރޭޑް ރިލޭޝަންސް މިނިސްޓަރު އެސް އިސްވަރަންއެވެ.

ސިންގަޕޫރުގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރު ފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަވާނެއެވެ. އެގޮތުން ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖްކުރުމާއި އަދި މަތިންދާ ބޯޓުކަތަކަށް ދިމާވާ އެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުން ހިމެނެއެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެ އެއްބަސްވުންތަކަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުން ވެސް ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ އެއްބަސްވުމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހިތްވަރުލިބެނެކަމަށް މިނސްޓަރު ވިދާޅުވިއެވެ.

ސިންގަޕޫރަކީ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އެ އެއްބަސްވުންތަކުގައި ސޮއިކުރުމުން ދަތުރުފަތުރުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމަށް ސިންގަޕޫރުގެ މިނިސްޓަރު އެސް އިސްވަރަން ވިދާޅުވިއެވެ.

comment ކޮމެންޓް