މާލޭ މީހުންނަށް ބިން ދޭއިރު، މީހަކާ އިނދެގެން އުޅޭތީ އިސްކަމެއް ނުދޭނެ: މިނިސްޓަރު

ރަސްމިއްޔާތެއްގައި ހައުސިން އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މާލެ ރަށްވެހިންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރާއިރު މީހުންނާ އިނދެގެން އުޅޭ މީހުންނަށް އިސްކަމެއް ނުދޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ތިން ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް, މާލެ ސަރަހައްދުން ބިން ދޫކުރަން ނިންމާފައިވާކަން އިޢުލާން ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މިކަން ހައްލުކުރުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2،000 ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/161731

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބިން ދޭއިރު އެންމެ އިސްކަމެއް ދޭނީ އާއިލާތަކުން އެކުވެގެން ހުށަހަޅާ އެޕްލިކޭޝަންތަކަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ ބިންތަކަށް ކުރިމަތިލެވޭނީ މާލޭ ރައްޔިތުންގެ ތެރެއިން 600 އަކަފޫޓްގެ ބިމެއް ނެތް މީހުންނަށް ކަމަށެވެ. ވާރުތަ ކުރަން ވެސް އެވަރުގެ ބިމެއް ނެތުމަކީ ޝަރުތެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކަށް އޭގެން ތަނެއް ލިބިއްޖެ ނަމަ އަތުގައި އޮތްތަނެއް ދޫކޮށްލުން ނޫނީ ވާރުތަވާން އޮތްތަނެއް ދޫކޮށްލަން ޖެހުން،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިން ދޭން މާކްސް ދޭއިރު އެ މީހެއްގެ އުމުރަށް ވެސް ބަލާނެ ކަމަށެވެ. އެގޮތުން އުމުރުން ޒުވާން މީހުންނަށް ގިނަ މާކްސް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީހަކާ އިނދެގެން އުޅޭތީ ގިނަ މާކްސް ދޭކަށް ނޫން އަޅުގަނޑުމެންގެ ވިސްނުން ހުރީކީއެއް. އެހެން ނަމަވެސް ހައުސްއާއެކު ޖޮއިންޓް އެޕްލިކޭޝަންސް ޖޮއިންޓްލީ ބައިވެރިވާ މީހުންނަށް އަޅުގަނޑުމެން. މިދަންނަވާލަނީ އަޅުގަނޑުމެންގެ ވިސްނުންހުރިގޮތް. އަދި ލިޔެވިފައި ހުރިގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބަލަން ޖެހޭ މީހުންނާއި ދަރިންގެ އަދަދަށް ބަލައި ވެސް މާކްސް ދޭނެ އުސޫލެއް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލާ މީހުންނަށް ވެސް މާކްސް ލިބޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެ ނިމުނީ ބަލާނެ ކަންކަން. ދެން އިތުރަށް ބަލަންޏާ ބަލަން ޖެހޭނީ ދިރިއުޅުމުގެ ހާލަތު. އެކަން ބަލާނެ ގޮތެއް އަދި އަޅުގަނޑަކަށް ނުނިންމޭ،" އަސްލަމް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ރިޔާސީ ދައުރު ނިމުމުގެ ކުރިން، ބޯހިޔާވާހިކަން އެންމެ ބޭނުންވެފައިވާ ރައްޔިތުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

comment ކޮމެންޓް