ބިލެތްދޫ ބަލިކޮށް މަގޫދޫން ކުރިއަށް

މިރޭ މަގޫދޫއާއި ބިލެތްދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / ވީއޭއެމް

އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅު ބުރުގެ އަންހެން ޑިވިޝަންގައި މިރޭ ފ. ބިލެތްދޫ ބަލިކޮށް ފ. މަގޫދޫން ހަމަޖެހިލައިފިއެވެ.

މަގޫދޫ ރަސްމީ ވޮލީ ކޯޓުގައި ކުޅުނު މި މެޗުގައި ބިލެތްދޫގެ މައްޗަށް މަގޫދޫން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

މަގޫދޫން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-13 ގެ ބޮޑު ތަފާތަކުންނެވެ. އަދި ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-14 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް، ތިން ވަނަ ސެޓު މަގޫދޫން ކާމިޔާބުކުރީ ފޯރި ގަދަ ކުޅުމަކަށްފަހު، 26-24 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަގޫދޫ ޓީމުގެ ޝާހިރާ މުޙައްމަދެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝާހިރާ މުޙައްމަދު -- ފޮޓޯ / ވީއޭއެމް

ފުރަތަމަ މެޗުގައި މަގޫދޫން ވަނީ ދަރަނބޫދޫ ޕާޕަލް ޕަވާސް ވެސް ބަލިކޮށްފައެވެ. އެ މެޗު މަގޫދޫން ކާމިޔާބުކުރީ ވެސް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް މަގޫދޫން ގެންދިޔައީ 25-14، 25-19 އަދި 25-14 އިންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަގޫދޫ ޓީމުގެ އައިޝަތު ރީމާއެވެ.

ފ. އަތޮޅުގެ ބުރު ނިންމުމަށްފަހު ވޮލީބޯލް އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ރޯދައިގެ ކުރިން ދެ އަތޮޅެއްގައި މުބާރާތް ބޭއްވުމަށެވެ. އެއީ ގދ. ވާދޫގައި ކުރިއަށްގެންދާ އެ އަތޮޅު މުބާރާތާއި، ފޮނަދޫގައި ބާއްވަން ނިންމާފައިވާ ލ. އަތޮޅު މުބާރާތެވެ.

އަތޮޅު މުބާރާތަށްފަހު ދެން ކުރިއަށް ދަނީ ޒޯން މުބާރާތެވެ. ޒޯން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ހަތް ބަޔަކަށް ބަހާލައިގެންނެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ. ހދ އަދި ށ އަތޮޅެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އަތޮޅެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އަތޮޅެވެ. ޒޯން ހަތަރެއްގައި އޮތީ މ. ފ އަދި ދ އަތޮޅެވެ. ޒޯން ފަހެއްގައި އޮތީ ތ. އަތޮޅާއި ލ. އަތޮޅެވެ. ޒޯން ހައެއްގައި ގއ. އަތޮޅާއި ގދ. އަތޮޅު އޮތްއިރު، ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

މިއީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމާއި، އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގެނުވުމަށް އަދި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ޔޫތު މިނިސްޓްރީއާއި ވީއޭއެމް އިން ކުރާ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއްކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް އަލީ އަޝްރަފް ވިދާޅުވެއެވެ.

comment ކޮމެންޓް