ޔޫޝައުގެ މޮޅު ކުޅުމާއެކު ފަހަތުން އަރައި މަގޫދޫއިން އެފްޑީއެސް އަތް ދަށުލައިފި

މަގޫދޫ އަދި އެފްޑީއެސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ފ. މަގޫދޫ އާއި ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ބައްދަލުކުރި މެޗު ފަހަތުން އަރައި މަގޫދޫ އިން ކާމިޔާބުކޮށްފިއެވެ.

މިއީ މުބާރާތުގައި މި ދެ ޓީމުގެ ފުރަތަމަ މެޗެވެ. މި މެޗު މަގޫދޫން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. ފުަރަތަމަ ސެޓު މަގޫދޫން ކާމިޔާބުކުރި ނަމަވެސް، ދެން އައި ދެ ސެެޓު ކާމިޔާބުކުރީ އެފްޑީއެސް އިންނެވެ. ނަމަވެސް މަގޫދޫން ވަނީ ފަހަތުން އަރައި ދެ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.

މެޗު ފަށައިގެން މަގޫދޫ ޓީމުން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. އެ ޓީމުގެ ޔޫޝައު ހަސަންގެ ސްޕައިކުތަކުން މަގޫދޫ ޓީމު ސެޓު ނިންމާލީ އެފްޑީއެސްއަށް ލީޑެއް ނުދީއެވެ. ފުރަތަމަ ސެޓު ފަސޭހަކަމާއެކު މަގޫދޫ ޓީމުން ކާމިޔާބުކުރީ 25-13 ގެ ބޮޑު ތަފާތަކުންނެވެ.

ދެވަނަ ސެޓު އެފްޑީއެސްއިން ކާމިޔާބުކުރީ 25-20 ގެ ނަތީޖާއަކުންނެވެ. މި ސެޓުގެ ކުރީކޮޅު އެފްޑީއެސް އިން ލީޑުގައި ކުޅުނު ނަމަވެސް، މަގޫދޫން ވަނީ މަޑު މަޑުން ކުޅުމުގެ ތެރެއަށް ވަދެފައެވެ.

ތިން ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މަގޫދޫން ސެޓުގައި ލީޑު ނެގީ 7-5 އިންނެވެ. މި ސެޓުގައި މަގޫދޫ ޓީމުގެ ޔޫޝައުގެ މޮޅު ދެ ބްލޮކަކާއެކު މަގޫދޫން 10-6 އަށް ލީޑު ފުޅާކުރިއެވެ. މަގޫދޫން ލީޑުގައި ކުޅެމުން އައި އިރު، އެފްޑީއެސްގެ ޓީމުން ވަނީ މަޑު މަޑުން ކުޅުން ރަނގަޅުކޮށް 14-13 ގެ ސްކޯއަކަށް ޖެހިލައިފައެވެ. އެއާއެކު މަގޫދޫން ޓައިމް އައުޓެއް ނެގިއެވެ. ޓައިމް އައުޓަށްފަހު ފީއަލީން ވަނީ 14-14 އިން ނަތީޖާ ހަމަހަމަކޮށްފައެވެ.

މަގޫދޫ ޓީމުގެ ޔޫޝައު ކުރިއަށް އެރުމާއެކު އެ ޓީމުން ވަނީ އެޓޭކްގައި ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެއާއެކު އެ ޓީމުން ލީޑު ފުޅާކުރީ 21-18 އިންނެވެ. މަގޫދޫން ލީޑުގައި އޮއްވާ އެފްޑީއެސް އިން ވަނީ ފަހަތުން އަރައި 22-22 އިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭގެ ފަހުން މަގޫދޫން ވަނީ 23-22 އިން ލީޑު ނަގައިފައެވެ. ނަމަވެސް އެފްޑީއެސްގެ ޓީމުން ވަނީ އޭގެ ފަހުން މަގޫދޫއަށް އިތުރު ޕޮއިންޓެއް ނުދީ 25-23 އިން ސެޓު ކާމިޔާބުކޮށްފައެވެ.

ހަތަރު ވަނަ ސެޓުގައި އެފްޑީއެސް އިން ލީޑު ނެގީ ބޯޅަ ހިއްލަން އުޅުމުގެ ތެރޭގައި މަގޫދޫ ޓީމުގެ ސެޓަރު އިބްރާހިމް ނަދީމްގެ އަތުން ކެރީވި ބޯޅައަކުން ލިބުނު ޕޮއިންޓެެއްގައި 4-3 އިންނެވެ. އޭގެ ފަހުން މަގޫދޫން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށް، އިތުރު ޕޮއިންޓު ހޯދައި 6-4 އިން ލީޑު ނަގައިފައެވެ. މި ސެޓުގައި ވެސް ލީޑުގައި އޮވެ ކުޅެމުން އައީ މަގޫދޫ ޓީމެވެ.

މަގޫދޫ ޓީމުން 11-6 ގެ ލީޑެއް ނެގުމާއެކު އެފްޑީއެސް އިން ވަނީ ޓައިމް އައުޓެެއް ނަގާފައެވެ. މަގޫދޫ ޓީމުން 14-8 އަށް ލީޑު ފުޅާކުރިއިރު، އެ ޓީމުގެ ބްލޮކަރުންގެ މޮޅު ދެ ބްލޮކެއް ފެނުނެވެ. ރަނގަޅަށް ކުޅެ މަގޫދޫން ވަނީ 20-10 އަށް ލީޑު ފުޅާކޮށްފައެވެ. އެއް ދިމާލަކަށް ދެ ފަހަރެއްގެ މަތިން ބޯޅަ ވައްޓާލައިގެން އެފްޑީއެސް އިން ދެ ޕޮއިންޓް ހޯދުމުން މަގޫދޫ ޓީމުން ޓައިމް އައުޓެއް ނެގިއެވެ. ފުރަތަމަ ސެޓާ އެއްގޮތަށް މަގޫދޫ ޓީމުން މި ސެޓު 25-13 އިން ކާމިޔާބުކުރީ އެފްޑީއެސް އަށް ލީޑު ނަގާނެ އެއްވެސް ފުރުސަތެއް ނުދީއެވެ.

ފަސް ވަނަ ސެޓު ފަށައިގެން ކޮޅު ބަދަލުވީ 7-4 އިން އެފްޑީއެސް ކުރީގައި އޮވެގެންނެވެ. ކުޅުން ރަނގަޅުކޮށް މަގޫދޫން އެއް ޕޮއިންޓަށް ގާތްކުރުމުން އެފްޑީއެސް އިން ވަނީ ޓައިމް އައުޓެއް ނަގާފައެވެ. އޭގެ ފަހުން މަގޫދޫ އިން ވަނީ 10-9 އިން ލީޑު ނަގާފައެވެ. މަގޫދޫގެ ޔޫޝައު ކުރީގައި ހުރުމުން އެ ޓީމުން ވަނީ ފައިދާ ނަގައި 13-10 އަށް ލީޑު ފުޅާކޮށްފައެވެ. އޭގެ ފަހުން އެފްޑީއެސް އިން ވަނީ ދެ ޕޮއިންޓު ހޯދައި 13-13 އިން ނަތީޖާ ހަމަހަމަކޮށްފައެވެ.

އެއާއެކު މަގޫދޫއިން ޓައިމް އައުޓެއް ނެގިއެވެ. ޓައިމް އައުޓަށްފަހު ޔޫޝައުގެ ހަމަަލާއަކާއެކު މަގޫދޫ އިން ލީޑު ނެގިނަމަވެސް، އެފްޑީއެސް އިން ވަނީ އެއްވަރުކޮށް، ގޭމް ޕޮއިންޓު ހޯދާފައެވެ. އޭގެ ފަހުން މަގޫދޫން ނަތީޖާ ހަމަހަމަކޮށް ގޭމް ޕޮއިންޓް ހޯދީ 16-15 އިންނެވެ. މަގޫދޫން ސެޓު ކާމިޔާބުކުރީ ޔޫޝައުގެ ސާވިސް އެފްޑީއެސްއަށް ރިސީވް ނުވުމުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މަގޫދޫ ޓީމުގެ ޔޫޝައު ޙަސަން --- ސަން ފޮޓޯ

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ މަގޫދޫ ޓީމުގެ ޔޫޝައުއެވެ.

comment ކޮމެންޓް