ޓޫރިޒަމް ރަންޔޫބީލް: ޑައިވިން ހަރަކާތަކާ އެކު ފޮޓޯ މުބާރާތެއް

ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ޑައިވިން ހަރަކާތަކާ އެކު، ފޮޓޯ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ޓޫރިޒަމް މިނިސްޓްރީއާއި، އޯޝަން ޖިއޮގްރެފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯ ޑައިވް އޮޕަރޭޓާސް (މޯޑޯ) ގުޅިގެންނެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޯޝަން ޖިއޮގްރެފިކްގެ ޑިރެކްޓަރަކު ވިދާޅުވީ މި ހަރަކާތުގައި ރާއްޖޭގެ 50 ޑައިވް ޕޮއިންޓަކަށް އެއްފަހަރާ ޑައިވް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޑައިވް ޕޮއިންޓުތަކުގެ ތެރޭގައި ހިމެނެނީ ކޮންމެ އަތޮޅެއްގެ ކައުންސިލުން ހޮވާ ތަންތަނާއި، ރިސޯޓުތަކުން ހޮވާ ތިން ތަނަކާއި، ހަރަކާތުގެ ސްޕޮންސަރުން ހޮވާ ތަންތަނެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުގެ ހެނދުނު 07:30 އިން ހަވީރު 05:30 އަށެވެ.

މި އިވެންޓުގެ ތެރެއިން ފޮޓޯ މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ދިވެހި ފޮޓޯގުރަފަރުންނަށް ހިލޭ ބައިވެރި ވެވޭ އިރު، ބޭރުގެ ފޮޓޯގުރަފަރުން 10 ޑޮލަރުގެ ފީއެއް ދައްކަން ޖެހެއެވެ.

މި ހަރަކާތުގެ ތެރެއިން ނަގާ 150 ފޮޓޯގެ އެގްޒިބިޝަނެއް އަންނަ އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހަރަކާތްތެރިވާނެއެވެ.

comment ކޮމެންޓް