އަނބިމީހާ ގަޔަށް ވަޅި ޖެހި އިންޑިއާ މީހާއަށް ދަޢުވާ އުފުލައިފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޅިއަކުން ހަމަލާދީ އަނބިމީހާ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި އިންޑިއާ ރައްޔިތެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ, އިންޑިއާ ރައްޔިތެއްކަމަށްވާ ސްރިނިވަސަން ސުބްރަމަނި, އޭނާގެ އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލައިގައި ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ, ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

އޭނާ ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައެވެ. ދައުލަތުން އެދުނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ބަންދަށް ދިނީ 10 ދުވަހެވެ. އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު މައްސަލަ ބައްލަވާ ޤާޟީ ފަހުން ގޮތެއް ނިންމަވާނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ދެ މީހުން ވެސް ޒަހަމްވެފައިވާ ކަމަށެވެ. އަދި އަންހެން މީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް