ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމުގެ ބާރު ޓެކްސީތަކަށް ލިބިގެން ނުވާކަމަށާއި، ގަވާއިދުގައި ބުނެފައިވާ އަގަށް ވުރެ މަތިން ނަގާ ނަމަ ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ގިނަ ދުވަސްތަކެއް ވަންދެން ހިމޭނުން އޮތުމަށް ފަހު، އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓެކްސީ ޚިދުމަތަކީ އާންމުންގެ މަސްލަހަތާ ގުޅޭ ޚިދުމަތަކަށް ވާތީ އެއީ ރެގިއުލޭޓުކުރަން ޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޓެކްސީ ގަވާއިދުގެ ދަށުން، އެ ޚިދުމަތުގެ އަގު ކަނޑައެޅުމަކީ މިނިސްޓްރީއަށް އޮތް ބާރެއްކަން ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންކަމުން ބޮޑު އަގު ނަގާ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދިނެވެ.
އެހެންނަމަވެސް، ޓެކްސީތަކުން ހުށަހެޅި އިތުރު ޝަކުވާތަކުގެ ތެރެއިން ވަގުތުން ހައްލު ކުރެވޭ ކަންކަން ހައްލުކޮށްދޭނެ ކަމަށާއި އިތުރު ކަންކަމުގައި މަޝްވަރާ ކޮށްގެން ގޮތެއް ހޯދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މި މައްސަލައިގައި ޓެކްސީތަކުން ވަނީ ދެ ފަހަރެއްގެ މަތިން މިނިސްޓްރީއާ ބައްދަލުކޮށްފައެވެ. އެމީހުންގެ މައިގަނޑު ޑިމާންޑަކީ މީޓަރު ހަރުކޮށްދިނުމާއި، އެކަން ކުރެވެންދެން އަގު މަތިކޮށްދިނުމެވެ.
ނަމަވެސް، މިނިސްޓްރީގެ ބަޔާނުގައި މީޓަރު ހަރުކުރުމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައިނުވެއެވެ.
ޓެކްސީތަކުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް މިނިސްޓްރީއަށް ދިން މުހުލަތު ހަމަވުމާއެކު، ޓެކްސީ ޑްރައިވަރުން ދަތުރުތައް ހުއްޓާލާ، އިހްތިޖާޖަށް ނުކުތެވެ.
އެއް ދުވަހު އިހްތިޖާޖު ކުރުމަށް ފަހު ޓެކްސީތަކުން ވަނީ އަމިއްލައަށް ކަނޑައެޅި އަގުތަކާ އެއްގޮތަށް ދަތުރު ކުރަން ފަށާފައެވެ. ޓެކްސީތަކުން ބުނަމުން ދަނީ ޚިދުމަތް ހޯދާ ފަރާތްތަކުން ޚިދުމަތް ހޯދަނީ އަގާ މެދު ރުހި ގަބޫލުވެގެން ކަމަށާއި، އެހެން ކަމުން އެކަން އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ ކަމަށެވެ.