ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސްދޭން އެމްޑީއޭއިން ގޮވާލައިފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ ނާއިލް ހުސައިން

ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން، ޓެކްސީ ޑްރައިވަރުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ)އިން ގޮވާލައިފިއެވެ.

ތެލުގެ އަގު އުފުލުމާއެކު، ޓެކްސީ ކުރާ އަގަށް ބަދަލު ގެންނަން ސެންޓަރުތަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް މުއްދަތެއް ދީ، އިއްޔެއާ ހަމައަށް އެ މުއްދަތު ވަނީ ހަމަވެފައެވެ.

އެހެންކަމުން އިއްޔެ މެންދުރުން ފެށިގެން ޓެކްސީ ސެންޓަރުތަކުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖު ކުރަމުންނެވެ.

މިކަމާ ގުޅިގެން އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ބޮޑު އާބާދީއެއް އުޅެނީ މާލޭގައި ކަމަށް ވެފައި، ޓެކްސީގެ ޚިދުމަތަކީ ކޮންމެ ދުވަހަކު އެތައް ހާސް މީހުނެއް ބޭނުން ކުރަމުންދާ ޚިދުމަތެއް ކަމަށެވެ.

ތެލުގެ އަގު އުފުލުމާއެކު، ޓެކްސީ ކޮށްގެން އާމްދަނީ ހޯދާ އެތައް އާއިލާއަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާކަން ފާހަގަކޮށް އެމްޑީއޭއިން ބުނީ، ޑްރައިވަރުންނާއި އާއްމުންނަށް ދަތި ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަކީ އެ ޕާޓީން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

މިކަމުގައި މަޝްވަރާގެ މަގު އިހުތިޔާރު ކުރުމަށާއި ހިދުމަތް ދޭ މީހުނާއި ހިދުމަތް ހޯދާ މީހުންގެ މަސްލަހަތު ރައްކާތެރި ވާން އެދޭ ކަމަށް އެ ޕާޓީން ބުންޏެވެ.

ޓެކްސީކުރާ އަގަށް ބަދަލު ގެނެސްދީފައި ނުވާތީ، އިއްޔެއިން ފެށިގެން ގިނަ ސެންޓަރުތަކުން ވަނީ ޓެކްސީ ކުރުން ހުއްޓާލާފައެވެ.

މީގެ އިތުރުން، ޓެކްސީ ޑްރައިވަރުން ވަނީ ސެންޓަރުތައް ބަންދު ކަމަށާއި، ޓެކްސީ އެޕްތައް ވެސް އެ ވަގުތުން ފެށިގެން ޑައުންކުރާނެކަން އިއުލާނުކޮށްފައެވެ.

ނަމަވެސް، އިމަޖެންސީ ހާލަތުގައި ދަތުރުކުރުމަށް ޚާއްސަކޮށް، ކޮންމެ ސެންޓަރަކުން ވެސް ދެ ކާރެއް ހިލޭ އޮޕަރޭޓްކުރަމުން ދާނެކަމަށް އެމީހުން ބުންޏެވެ.

comment ކޮމެންޓް