ތިން ގަޑިއިރަށް ފަހު ހައިވޭއަށްދާ މަގު ހުޅުވާލައިފި، ޓެކްސީތައް މާލެއަށް

ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހްތިޖާޖު ކުރަނީ --- ސަން ފޮޓޯ

ތިން ގަޑިއިރު ބަންދުކޮށްފައި ބޭއްވުމަށް ފަހު، ހުޅުމާލެއިން ހައިވޭއަށް އަރާ މަގު އެއްކޮށް މިރޭ 12:30 ހާއިރު ފުލުހުން ހުޅުވާލައިފިއެވެ.

ފުލުހުން ހައިވޭއަށް ދާމަގުގެ ބައެއް ބަންދުކުރީ އިހްތިޖާޖުކުރަމުން އަންނަ ޓެކްސީ ޑްރައިވަރުން މިރޭ 09:15 ހާއިރު އެ ދިމާލަށް މިސްރާބުޖެހުމުންނެވެ. ޑްރައިވަރުން އެ ދިމާލަށް މިސްރާބުޖެހީ މިރޭ 8 ޖެހުމާ ހަމައަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިން މުހުލަތު ހަމަވުމާއި ގުޅިގެންނެވެ.

މިއަދު 13:00 ހާއިރު ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދަށް ޓެކްސީތައް އެއްވާން ފަށައިފިއެވެ. އެއީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ޓެކްސީގެ އަގުތައް ބޮޑުކުރުމާއި މެދު ގޮތެއް ނިންމުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިން މުހުލަތު ހަމަވުމާއި ގުޅިގެންކަމަށް ޑްރައިވަރުން ބުނެއެވެ.

ޑްރައިވަރުން ބުނީ އެ މުއްދަތުގެ ތެރޭގައި މިނިސްޓްރީއާއި ބައްދަލުވި ދެ ފަހަރު ވެސް ސީދާ ޖަވާބެއް ނުލިބޭ ކަމަށާއި، މިއަދުން މިއަދަށް އަގާ މެދު ގޮތެއް ނިންމުމަށް ބޭނުންވާކަމަށެވެ.

މިއަދު މެންދުރުފަހު ރުއްގަނޑު ސަރަހައްދަށް އެއްވި ޓެކްސީތައް --- ސަންފޮޓޯ

އެވަގުތު އެތަނަށް އެއްވަމުން ދިޔަ ޑްރައިވަރުން ދިޔައީ 16:00 އާއި ހަމައަށް ވަކި ގޮތެއް ނުނިމިއްޖެނަމަ އިތުރު ފިޔަވަޅެއް އަޅާނެކަމަށް ބުނަމުންނެވެ. އެ ވަގުުތު ޖެހުނު އިރުވެސް މިނިސްޓްރީގެ އެއްވެސް ބަހެއް ނުލިބުމުން، ޓެކްސީ ޑްރައިވަރުން ވަނީ ސެންޓަރުތައް ބަންދު ކަމަށާއި، ޓެކްސީ އެޕްތައް ވެސް އެ ވަގުތުން ފެށިގެން ޑައުންކުރާނެކަން އިއުލާނުކޮށްފައެވެ.

ނަމަވެސް، އިމަޖެންސީ ހާލަތުގައި ދަތުރުކުރުމަށް ޚާއްސަކޮށް، ކޮންމެ ސެންޓަރަކުން ވެސް ދެ ކާރެއް ހިލޭ އޮޕަރޭޓްކުރަމުން ދާނެކަމަށް އެމީހުން ބުންޏެވެ.

އޭރު ވެސް އެތަނަށް އެއްވަމުން ދިިޔަ ޓެކްސީތައް ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް ބައެއް ޓެކްސީތައް ރަށު ތެރޭގައި ދަތުރުކުރަމުން ދިޔަކަން ފާހަގަކުރެވެއެވެ.

މިއަދު މެންދުރުފަހު ރުއްގަނޑު ސަރަހައްދަށް އެއްވި ޓެކްސީތައް --- ސަންފޮޓޯ

އެއްވެ ތިބި ޑްރައިވަރުން ދެން ދިން މުހުލަތަކީ ރޭގަނޑު 20:00އެވެ. އެ މުހުލަތާ ހަމައަށް އައި އިރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ "އާދީއްތަދުވަހާއި ހަމައަށް ޖަވާބެއް ލިބޭތޯ ބަލާނެ" ކަމަށް ޑްރައިވަރުން ކަނޑައެޅި ފޯކަލް ޕޮއިންޓަށް އަންގާފައެވެ.

ނަމަވެސް، އެއްވެ ތިބި މީހުން ބުނަމުން ދިޔައީ އެއީ މާ ފިނި ޖަވާބެއް ކަމަށާއި، ސީދާ ޖަވާބެއް ނުލިބޭ ނަމަ، ހަރަކާތް އަދިވެސް އިތުރަށް ވަރުގަދަ ކުރާނެކަމަށެވެ.

އަށެއް ޖެހުމާއެކު ޓެކްސީ ސެންޓަރުތަކުގެ ވެރިން "ވަށް މޭޒު ޖަލްސާ"އަކަށް އެއްވިއެވެ. ގަޑިއެއްހާ އިރަށް ކުރިއަށް ދިޔަ ޖަލްސާ ނިންމާލުމަށް ފަހު ހަރަކާތުގެ އިސްވެރިން އިއުލާނުކުރީ ހުރިހާ ޓެކްސީތަކެއް އެކުގައި މާލެއަށް ދިޔުމަށެވެ. އަދި، ބޮޑުތަކުރުފާނު މަގުން ގޮސް، ހުޅަނގު ފަރާތުން މަޖީދީމަގަށް އެޅުމަށް އޭރު ދިޔައީ އިރުޝާދު ދެވެމުންނެވެ.

ރުއްގަނޑު 2 ސަރަހައްދަށް އެއްވެ ތިބި ޓެކްސީތަކުގެ ތެރެއިން --- ސަންފޮޓޯ

އޭރު ހަރަކާތުގެ އިސްވެރިން އިރުޝާދު ދެމުން ދިޔައީ އެއްވެސް ހިސާބަކުން ފުލުހުން މަގު ބަންދުކޮށްފިނަމަ، އަނބުރާ ރުއްގަނޑު ސަރަހައްދަށް ދިއުމަށެވެ.

ހުޅުމާލޭ ނިރޮޅުމަގުން ޓެކްސީތައް ގޮސް، ހައިވޭ އަށް އަރާ ހަމައަށް ފޯރި އިރު ފުލުހުން ތިބީ އެ މަގު ބަންދުކޮށްގެންނެވެ. އެންމެ ފުރަތަމަ ފުލުހުން ދިޔައީ ދެފަރާތުގައި އޮތް ދެ ލޭން ހުޅުވާލައިގެން ޕްރައިވެޓް ކާރުތަކަށާއި، ފަސިންޖަރުން އަރުވައިގެން ދަތުރުކުރި ޓެކްސީތަކަށް ދެވޭނެ މަގުފަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، އިހުތިޖާޖުގެ ބައެއް ބައިވެރިން އެ ލޭންތަކަށް އެރުމާއެކު، އެ ލޭންތައް ވެސް ބަންދުވެ، ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދަކަށް ނުވަދެވޭ ވަރުވިއެވެ. ހުޅުވާފައި އޮތް ލޭނަށް އެރި ކާރުތަކުން ބުނީ އެ ލޭނަށް އެރީ އެއީ ހުރިހާ އެންމެންނަށް ވެސް ހުޅުވާލެވިފައިވާ ލޭނެއް ކަމަށް ހީކޮށް ކަމަށެވެ.

އެ ވަގުތު މަގުގައި އޮތް ހަމައެކަނި ޖާގަ އޮތީ އެންމެ ވާއަތަށް އޮތް ލޭނުގައި ފަހަރަކު ސައިކަލަކަށް ދެވޭނެ ވަރަކަށެވެ. އެތަނަށް އެއްވެ ތިބި ޓެކްސީ ޑްރައިވަރުން އަޑުގަދަކުރާއިން ގޮވަމުން ދިޔައީ މަގު ބަންދުކުރުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި، އެކަން ކުރީ ފުލުހުން ކަމަށެވެ.

ހައިވޭއަށް އަރާ ސަރަހައްދު ފުލުހުން ބަންދު ކުރުން ---

ދިހަގަޑި ބައި ހާއިރު ފުލުހުން ހަރަކާތުގެ އިސްވެރިންނަށް އެންގީ ފަހަރަކު ތިން ކާރު މާލެއަށް ފޮނުވާލެވިދާނެ ކަމަށެވެ. ހަރަކާތުގެ ވެރިން އެގޮތަށް ކަންކުރުމަށް އިލްތިމާސް ކުރުމުން ވެސް ގިނަ ޑްރައިވަރުން ބޭނުންވީ އެންމެން އެކުގައި ނޫނީ ނުދާށެވެ.

އޭރު، ޓްރެފިކް ޖޭމް ދެމިގެން ގޮސް ސްކޭޓް ޕާކް ސަރަހައްދާއި ހިސާބަށް ފޯރައިފިއެވެ. ޓްރެފިކްގައި ޖެހިފައި އެމްޓީސީސީގެ ދެ ބަހެއް ވެސް ފަސިންޖަރުންނާއި އެކު އޮތެވެ.

އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށް ދެ ވެހިކަލެއްގައި އެސްއޯ ފުލުހުން އެ ސަރަހައްދަށް އައެވެ. އަދި ފުލުހުންނަށް އެއްބާރުލުން ދިނުމަށާއި، އެއް ލޭނު ނަމަވެސް ހުޅުވައިދިނުމަށް އެދުނެވެ. އަދި، ފުލުހުންނަށް އެއްބާރުލުން ނުދޭނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރުދިނެވެ.

އެއްވެ ތިބި މީހުން އޭރުވެސް ބުނަމުން ދިޔައީ މަގު ބަންދުކުރީ ފުލުހުން ކަމަށާއި، މަގު ހުޅުވާލިހާ އަވަހަކަށް ދާން ތައްޔާރަށް ތިބި ކަމަށެވެ.

މާގިނަ އިރުތަކެއް ނުވެ، އެންމެ ކަނާއަތަށް އޮތް ލޭން ހުޅުވާލުމުގެ މަސައްކަތް ފެށުނެވެ. ހުހަށް އޮތް ޓެކްސީތައް އަނބުރާ ފޮނުވާލަމުން ދިޔައީ ހުޅުމާލެއަށެވެ. ޕްރައިވެޓް ކާރުތަކާއި، ފަސިންޖަރުންނާއެކު ދަތުރުކުރަމުން އައި ޓެކްސީތައް މާލެއަށް ދިޔުމަށް ފުރުސަތު ދެމުން ދިޔައެވެ.

ދޮޅުގަޑި އިރެއްހާއިރު ތާށިވެފައި އޮތުމަށް ފަހު އެމްޓީސީސީގެ ބަސް ހައިވޭއަށް އަރަނީ --

އެވަގުތު، މުޒާހަރާގައި ބައިވެރިވަމުން ދިޔަ ބައެއް ޓެކްސީތައް ވެސް ދިޔައީ ފަސިންޖަރުންނާއެކު މާލެއަށް އަރަމުންނެވެ. މާލެ އައި ޓެކްސީތައް އެއްވަމުން ދިޔައީ ފުޑް ކޯޓް ސަރަހައްދަށެވެ.

މާލެއަށް ނާދެވުނު ޓެކްސީތައް ދިޔައީ ހުޅުމާލެ ވަށާލުމަށް ފަހު، އަނެއްކޮޅުން ކިޔޫގައި ޖެހެމުންނެވެ. ފުލުހުން މަގު އެއްކޮށް ހުޅުވާލެވުމާއެކު ހަރަކާތުގެ ހުރިހާ ބައިވެރިން ވަނީ މާލެ އައިސްފައެވެ.

އިހްތިޖާޖު ކުރަމުން ދިޔަ ގިނަ ޓެކްސީތައް މިވަގުތު އޮތީ ފުޑް ކޯޓު ކައިރީގައެވެ. ޑްރައިވަރުން ބުނީ މިވަގުތު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ހަރަކާތް ކުރިއަށް ދެން ދާނެ ގޮތެއް އެނގޭނީ މަޝްވަރާއަށް ފަހުގައި ކަމަށެވެ.

comment ކޮމެންޓް