ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ދިނުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް

ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ޗުއްޓީ ދެވޭގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލް ފާސް ކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.

އެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވިހެއުމުން ނުވަތަ ދަރިއަކު ލިބުމާ ގުޅުވައިގެން ޗުއްޓީ ދިނުމަށް ކަނޑައަޅައި މާއްދާއެއް އެ ގާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުން ހިމެނެއެވެ.

އެ މާއްދާގައި ބުނާގޮތުން ވިހެއުމާ ގުޅުވައިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅުވައިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު، ކޮންމެ ފަނޑިޔާރަކަށް ވެސް ލިބިގެންވެއެވެ.

މީގެ އިތުރުން ވިހެއުމާ ގުޅުވައިގެން ދެވޭ ޗުއްޓީ އަކީ މުސާރަ ހިނގާ ގޮތަށް ދެވޭ ޗުއްޓީއެއް ކަމަށާއި މި ޗުއްޓީގެ މުއްދަތަކީ އަންހެން ފަނޑިޔާރަކަށް ހަ މަސް ދުވަސް އަދި ފިރިހެން ފަނޑިޔާރަކަށް އެއް މަސް ދުވަސް ކަމުގައި ކަނޑައަޅާފައިވެއެވެ.

މާބަނޑުވުމާ ގުޅުވައިގެން ނުވަތަ ވިހެއުމާ ގުޅުވައިގެން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

މި ގާނޫނު ތަސްދީގުކުރުމާއެކު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަމަލު ކުރަންފަށާފައެވެ.

comment ކޮމެންޓް