ޓެކްސީ ޑްރައިވަރުންގެ ހުށަހެޅުންތަކަށް ގޮތެއް ނިންމަން މިނިސްޓްރީން މަޝްވަރާއަށް

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ: ޓެކްސީ ޑްރައިވަރުންގެ ހުށަހެޅުންތަކަށް ގޮތެއް ނިންމަން މިނިސްޓްރީން މަޝްވަރާއަށް ދާނެ ކަމަށް ވަނީ ބުނެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޓެކްސީ ޑްރައިވަރުންގެ ހުށަހެޅުންތަކަށް ގޮތެއް ނިންމަން ޓްރާންސްޕޯޓް މިނިސްޓްރީން, ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ސަރުކާރަށް ޑިމާންޑްތަކެއް ކުރުމަށްފަހު, އެކަމަށް އެދެވޭ ޖަވާބެއް ނުލިބުމުން މިއަދު މެންދުރު 13:00ގައި އެމީހުން ވަނީ ހުޅުމާލޭގައި ހިމޭން އިހްތިޖާޖެއް ފަށާފައެވެ.

އިހްތިޖާޖް ފެށިތާ ގަޑިއެއްހާއިރު ވާން ވެފައި ވަނިކޮށް ޓްރާންސްޕޯޓް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ, ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލު ހޯދައި, ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.

ޓެކްސީގެ އަގުތަކުގެ މައްސަލާގައި ޓްރާންސްޕޯޓު މިނިސްޓްރީން އެދިގެން އިއްޔެ އެ މިނިސްޓްރީއާ ބައްދަލުކުރި ކަމަށާއި، ނަމަވެސް އަގުތަކާ ބެހޭ ސީދާ ޖަވާބެއް ނުލިބޭ ކަމަށް ޓެކްސީ ސެންޓަރުތަކުން ވަނީ ބުނެފައެވެ.

އެ ބައްދަލުވުމުގައި، ޓެކްސީ ސެންޓަރުތަކުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާ ހިއްސާކުރިއެވެ.

ހަމައެއާއެކު، އެ ސެންޓަރުތަކުގެ ޑިމާންޑުތައް އަދިވެސް ބަދަލު ނުވާކަމަށާއި، މިއަދާ ހަމައަށް ޖަވާބެއް ނުލިބިއްޖެ ނަމަ، ބައެއް ޑްރައިވަރުން ދަތުރު ނުކުރުމަށް ނިންމާފައިވާއިރު، ދަތުރު ކުރާ ޑްރައިވަރުން ވެސް ކުރާނީ ސެންޓަރުތަކުން އެއްބަސް ވެފައިވާ އަގުތަކުގައިކަން އެ ބައްދަލުވުމުގައި ބައިވެރިވި ޑްރައިވަރަކު ކިޔައިދިނެވެ.

"ޑްރައިވަރުންނަށް އޮންނާނެ ދަތުރުކުރުމާއި ނުކުރުމުގެ އިޚްތިޔާރު، އެކަމަކީ ސެންޓަރުތަކުން ވެސް އަދި ސަރުކާރުން ވެސް ހިފެހެއްޓޭނެ ކަމެއް ނޫން،" ސެންޓަރެއްގެ ވެރިޔަކު ބުންޏެވެ.

އޭނާ ބުނީ ސެންޓަރުތަކުގެ މައިގަނޑު ޑިމާންޑަކީ ޚިދުމަތްދޭ ފަރާތުގެ ހައިސިއްޔަތުން އަގު ކަނޑައެޅުމުގެ މިނިވަންކަން ލިބުން ކަމަށެވެ.

މީގެ އިތުރުން ވެސް ޓެކްސީ ސެންޓަރުތަކުގެ ހުރި އެކި ކަންބޮޑުވުންތައް ހިމެނޭ 11 ނުކުތާއެއް މިނިސްޓްރީއަށް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

ތެލުގެ އަގަށް އައި ބަދަލާއެކު، ޓެކްސީގެ އަގުތައް ބޮޑުކޮށް ދިނުމަށާއި، މީޓަރު ހަރުކޮށްދިނުމަށް ގޮވާލާ މީގެ ކުރިން ވެސް ސެންޓަރުތަކުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލުކޮށްފައެވެ. އޭރު މިނިސްޓްރީއަށް މުހުލަތު ދިނީ މިއަދާ ހަމައަށެވެ.

comment ކޮމެންޓް