މިނިސްޓްރީން ޓެކްސީ ސެންޓަރުތަކާ ބައްދަލުކޮށްފި: ސީދާ ޖަވާބެއް ނުދޭ

މިނިސްޓަރާ ބައްދަލުކުުރުމަށް ފަހު، ޓެކްސީ ޑްރައިވަރުން މީޑިއާއަށް މައުލޫމާތު ދެނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ޓެކްސީގެ އަގުތަކުގެ މައްސަލާގައި ޓްރާންސްޕޯޓު މިނިސްޓްރީން އެދިގެން މިއަދު އެ މިނިސްޓްރީއާ ބައްދަލުކުރި ކަމަށާއި، ނަމަވެސް އަގުތަކާ ބެހޭ ސީދާ ޖަވާބެއް ނުލިބޭ ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފިއެވެ.

މިއަދު މެންދުރު ދެ ގަޑިއިރެއްހާ އިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމުގައި 16 ޓެކްސީ ސެންޓަރަކުން ބައިވެރިވިއެވެ.

އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އަޙުމަދު ޝަމާލް "ސަން"އަށް ބުނީ މިއަދުގެ ބައްދަލުވުމުގައި، ޓެކްސީ ސެންޓަރުތަކުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާ ހިއްސާކުރި ކަމަށެވެ.

ހަމައެއާއެކު، އެ ސެންޓަރުތަކުގެ ޑިމާންޑުތައް އަދިވެސް ބަދަލު ނުވާކަމަށާއި، މާދަމާއާއި ހަމައަށް ޖަވާބެއް ނުލިބިއްޖެ ނަމަ، ބައެއް ޑްރައިވަރުން ދަތުރު ނުކުރުމަށް ނިންމާފައިވާއިރު، ދަތުރު ކުރާ ޑްރައިވަރުން ވެސް ކުރާނީ ސެންޓަރުތަކުން އެއްބަސް ވެފައިވާ އަގުތަކުގައިކަން ފާހަގަކުރި ކަމަށް ޝަމާލް ބުންޏެވެ.

"ޑްރައިވަރުންނަށް އޮންނާނެ ދަތުރުކުރުމާއި ނުކުރުމުގެ އިޚްތިޔާރު، އެކަމަކީ ސެންޓަރުތަކުން ވެސް އަދި ސަރުކާރުން ވެސް ހިފެހެއްޓޭނެ ކަމެއް ނޫން،" ސެންޓަރެއްގެ ވެރިޔަކު ބުންޏެވެ.

އޭނާ ބުނީ ސެންޓަރުތަކުގެ މައިގަނޑު ޑިމާންޑަކީ ޚިދުމަތްދޭ ފަރާތުގެ ހައިސިއްޔަތުން އަގު ކަނޑައެޅުމުގެ މިނިވަންކަން ލިބުން ކަމަށެވެ.

"މި ސެންޓަރުތައް ހިންގަމުން މި އަންނަނީ އިޤްތިޞާދީ މިނިސްޓްރީއާއި، ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީގެ ދެ ހުއްދައެއްގެ ދަށުން، ވިޔަފާރީގެ އުސޫލުން. ވިޔަފާރީގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް އޮވެގެން ނުވާނެ،" އޭނާ ބުންޏެވެ.

މީގެ އިތުރުން ވެސް ޓެކްސީ ސެންޓަރުތަކުގެ ހުރި އެކި ކަންބޮޑުވުންތައް ހިމެނޭ 11 ނުކުތާއެއް މިނިސްޓްރީއަށް ހުށަހެޅި ކަމަށް ޝަމާލް ބުންޏެވެ.

"އެގޮތުން އަޅުގަނޑުމެން ވާނެ މި ދާއިރާގައި ހަރަކާތްތެރިވާ އެހެން ފަރާތްތައް، ވައިގެ ދަތުރުފަތުރާއި، ކަނޑުގެ ދަތުރު ފަތުރާ މި ހުރިހާ ކަމެއްގެ އަގު ކަނޑައެޅުމުގައި މިނިސްޓްރީން ބާރުފޯރުވާފައި މިވަނީ ހަމައެކަނި ރީނދޫ ބޯޑުޖެހި ޓެކްސީތަކަށްކަން ފާހަގަކޮށްފައި،" ޝަމާލް ބުންޏެވެ.

މީގެ އިތުރުން ޓެކްސީތައް ރެޖިސްޓްރީކޮށްގެން މާކެޓަށް ނެރުމުގައި ހުރި ދަތިތަކަށް ވެސް އަލިއަޅުވާލައިފާ ވާނެ ކަމަށް އޭނާ ބުންޏެވެ. ޝަމާލް ބުނީ އާންމުންނަށް ޓެކްސީ ލިބުމުގައި ދަތިވަނީ ވެސް މިނިސްޓްރީގެ ގަވާއިދުތަކުގެ ދަށުން، ރަޖިސްޓްރީކޮށްގެން ނެރުމުގައި ހުރި ދަތިތައް ގިނަވުމުން ކަމަށެވެ.

"މިސާލަކަށް ޓިންޓެޑް ގްލާސް، އެއީ މިހާރު އުފައްދާ ގިނަ ކާރުތަކުގެ ބިއްލޫރިގަނޑުގައި ހުންނާނެ ފަނޑު ކަޅުކުލައެއް. އެކަަމަކު އެ ބިއްލޫރި ހުރި ކާރެއް ޓެކްސީއެއްގެ ގޮތުގައި ރެޖިސްޓްރީކޮށްގެން ނުދުއްވޭ،" ޝަމާލް ކިޔައިދިނެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ވިސްނުން ހުރީ ޓެކްސީ ދާއިރާ ކުރިއެރުވުމަށް ކަމަށާއި، ސެންޓަރުތަކުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށް މިނިސްޓްރީން ބުނި ކަމަށް ޝަމާލް ބުންޏެވެ.

އެހެން ސެންޓަރެއްގެ ވެރިޔަކު ބުނީ، ޓެކްސީތަކުން ބޭނުން އަގެއްގައި ދަތުރުކުރަން ފަށައިފިނަމަ ފިޔަވަޅުއަޅާނެ ކަމަށާއި، ވަރަށް އަވަހަށް ބަސްތައް ނެރޭނެ ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ކަމަށެވެ.

ތެލުގެ އަގަށް އައި ބަދަލާއެކު، ޓެކްސީގެ އަގުތައް ބޮޑުކޮށް ދިނުމަށާއި، މީޓަރު ހަރުކޮށްދިނުމަށް ގޮވާލާ މީގެ ކުރިން ވެސް ސެންޓަރުތަކުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލުކޮށްފައެވެ. އޭރު މިނިސްޓްރީއަށް ދިން މުހުލަތު މާދަމާ ހަމަވާނެއެވެ.

https://sun.mv/162847

މިކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް ހޯދުމަށް "ސަން" އިން ތަކުރާރުކޮށް ގުޅުމުން ވެސް އެއްވެސް އޮފިޝަލަކު ފޯނު ނުނަންގަވާތީ، މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް