އީރާނުން ފަޒާއަށް އިތުރު ސެޓަލައިޓެއް ފޮނުވައިފި

އީރާނުން ޖައްވަށް ސެޓަލައިޓް ފޮނުވަނީ

ތެހެރާން (9 މާޗް 2022): އީރާނުން ފަޒާއަށް އިތުރު ސެޓަލައިޓެއް ފޮނުވައިފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނަށް ނިސްބަތްވާ އެއަރޯސްޕޭސް ފޯސްއިން ބުނިގޮތުގައި އިއްޔެ ފޮނުވި ސެޓަލައިޓަކީ "ނޫރު 2"އެވެ. އެއީ ޖާސޫސީ ސެޓަލައިޓެކެވެ. އެސެޓަލައިޓް ފޮނުވާފައި ވަނީ، ބިމުންފެށިގެން 500 ކިލޯމީޓަރުގެ ދުރުގައިވާ ފަޒާގެ އޯބިޓަށެވެ. "ނޫރު 2" ގައި ހަރުކޮށްފައިވާނީ ސެންސިން އާއި ރިކޮނައިސެންސްގެ އާލާތްތައްކަމަށްވެސް ބުނެފައިވެއެވެ.

މި ސެޓަލައިޓް ފޮނުވީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ރޮކެޓެއްކަމަށްވާ "ގާސިދު" އިންނެވެ. މި ރޮކެޓް އުދުއްސާލާފައިވަނީ އީރާނުގެ އިރުއުތުރުގެ ސިޓީއެއްކަމަށްވާ ޝަހުރޫދުގެ އިރުމަތީގައިވާ ސަރަހައްދަކުންނެވެ. "ނޫރު 2" ސެޓަލައިޓް ތައްޔާރުކޮށް ޖައްވަށް ފޮނުވައި ފަޒާގެ އޯބިޓެއްގައި ބެހެއްޓީ އަމިއްލަ ޓެކްނޮލޮޖީގައި ކަމަށްވާތީ މިއީ ހޯދުނު ސްޓްރެޓީޖިކް ކާމިޔާބީއެއްކަމަށް އީރާނުގެ މިޑިއާއިންވަނީ ސިފަކޮށްފައެވެ.

މިދިޔަ ޑިސެމްބަރުމަހު އީރާނުންވަނީ ފަޒާއަށް ތިން ޑިވައިސް (ސެޓަލައިޓަށް ނުފެތޭ) ފޮނުވުމުގައިވެސް ކާމިޔާބު ހޯދާފައެވެ. ނަމަވެސް އެ ޑިވައިސްތައް ފޮނުވީ ފަޒާގެ އިލްމާބެހޭ އީރާނުގެ އިދާރާ "އިރޭނިއަން ސްޕޭސް އެޖެންސީ"ންނެވެ. އެ ޑިވައިސްތައް ފަޒާއަށް ފޮނުވަން ބޭނުންކޮށްފައިވަނީ "ސިމްރޮގް" ނަމަކަށް ކިޔާ ސްޕޭސް ރޮކެޓެކެވެ.

ނަމަވެސް މިފަހަރު "ނޫރު 2" ސެޓަލައިޓް ފޮނުވާފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނަށް ނިސްބަތްވާ އެއަރޯސްޕޭސް ފޯސް އިންނެވެ. މި ސެޓަލައިޓް ފޮނުވީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ރޮކެޓެއްކަމަށްވާ "ގާސިދު" އިންނެވެ. މި ސެޓަލައިޓާއެކު އީރާނުން މިހާތަނަށް ވަނީ ފަޒާއަށް ހަތަރު ސެޓަލައިޓް ފޮނުވާފައެވެ.

އީރާނުން އެންމެ ފުރަތަމަ ފަޒާއަށް ސެޓަލައިޓެއް ފޮނުވީ 2009 ވަނައަހަރެވެ. އެއީ "އުންމީދު" ގެ ނަމުގައި ފޮނުވި ވަރަށް ކުޑަ ތަޖްރިބާ ސެޓަލައިޓެކެވެ. އެއަށްފަހު 2012 ވަނައަހަރު އެއަށްވުރެ ބޮޑު ސެޓަލައިޓެއް އީރާނުން ޖައްވަށް ފޮނުވިއެވެ. ދެހާސް ވިހި ވަނައަހަރު އީރާނުންވަނީ އެގައުމުގެ ތިންވަނަ ސެޓަލައިޓް ޖައްވަށް ފޮނުވާފައެވެ. މިއަހަރު މިފޮނުވީ ހަތަރުވަނަ ސެޓަލައިޓެވެ.

އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ރޮކެޓް އުފައްދައިގެން ސްޕޭސް ސްޓޭޝަންވެސް އަމިއްލައަށް ބިނާކޮށްގެން ފަޒާއަށް ސެޓަލައިޓް ފޮނުވި އެންމެ ފުރަތަމަ އިސްލާމީ ގައުމެވެ. އީރާނަށްފަހު ޕާކިސްތާނުންވެސްވަނީ އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓެއް ފޮނުވުމުގައި ކާމިޔާބު ހޯދާފައެވެ. ނަމަވެސް އީރާނަށް ވުރެ ކުރިން 1962 ވަނަ އަހަރުގައާއި 1990 ވަނައަހަރު ޕާކިސްތާނުން އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ރޮކެޓެއް ފޮނުވާފައިވެއެވެ.

ޕާކިސްތާނުން ޗައިނާގެ ފަންނީ އެހީއާއެކު އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓެއް ފޮނުވާފައިވަނީ 2018 ވަނައަހަރުއެވެ. އީރާނުން ފަޒާގެ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ޓެކްނޮލޮޖީއާއި ނިއުކްލިޔާ ޓެކްނޮލޮޖީ ފަދަ ހައްސާސް ޓެކޮނޮލޮޖީތައް ތަރައްގީ ކުރަމުން ގެންދަނީ އެމެރިކާއާއި ޔޫރަޕުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ. އިސްލާމީ ގައުމެއްކަމަށްވާ ތުރުކީވެސް މިހާރު ގެންދަނީ ފަޒާގެ ޓެކްނޮލޮޖީއަށް ވަނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ތުުރުކީވަނީ އަމިއްލަ ޓެކްނޮލޮޖީގައި އެގައުމުން ފަޒާއަށް ފޮނުވާ ފުރަތަމަ ސެޓަލައިޓް 2024 ގައި ފޮނުވާނެކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް