އެމްޓީސީސީން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ބަސް ދުއްވުމުގެ ޚާއްސަ ތަމްރީން ޕްރޮގުރާމެއް އަންހެނުންނަށް އިފްތިތާހުކޮށްފިއެވެ.
މިއަދު ހަވީރު މާފަންނު ބަސް ޓާމިނަލް ސަރަހައްދުގައި ކުރިއަށް ދިޔަ ހަފްލާއެއްގައި އިފްތިތާހުކުރި މި ޕްރޮގުރާމުގެ ދަށުން 20 ފުރުސަތެއް ވަނީ އަންހެނުންނަށް ޚާއްސަކޮށްފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއޯއޯ ޝާހިދު ޙުސައިން ޙަލީމް ވިދާޅުވީ މިހާރުވެސް އެ ކުންފުނީގެ ބަސް ތަކުގައި އަންހެން މުވައްޒަފުން ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އެއީ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމަށެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްޓީސީސީން ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން
"މިއަދު މި އިފްތިތާހުކުރެވޭ ޕްރޮގުރާމަކީ މިފަދަ އެތައް އަންހެނުންނެއް މި ދާއިރާއަށް ނެރުމުގެ މަގުޞާދުގައި އިފްތިތާހު ކުރެވޭ ޕްރޮގުރާމެއް،" އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެމްޓީސީސީގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ވަކި ޖިންސަކަށް ނިސްބަތްވީތީ ނުކުރެވޭނެ މަސައްކަތްތަކެއް ހުންނަ ކަމަށް ގަބޫލުކުރެވޭ ކުރެވުން ނައްތާލުން ކަމަށެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްޓީސީސީން ބޭއްވި ހަރަކާތުގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން
ތަމްރީނުގެ މުއްދަތުގައި 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމަށް ކުރިމަތިލާ ފަރާތްތަކަކީ A1,A0 ލައިސަންސް ހޯދާފައިވާ ބަޔަކަށް ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރު ވެފައި ވުމާއެކު، ކުށުގެ ރެކޯޑެއް އޮވެގެން ނުވާނެއެވެ.
މިއަދުގެ ހަފުލާގައި ވަނީ މުނާސަބަތާ ގުޅޭ ޚާއްސަ ވީޑިއޯއެއް ވެސް ދައްކާލާފައެވެ. މި ވީޑިއޯއިން ދައްކުވައިދެނީ އެމްޓީސީސީގެ ހުނަވަރު ޕްރޮގުރާމުން ތަމްރީނުވާ އަންހެން ބަސް ޑްރައިވަރަކު އެހެންމީހުން ފަޚުރުވެރިވާ ފަދަ މީހަކަށް ވުމަށް ކުރާ ދަތުރެވެ.
♫ ♪ Thedhekey Thedhekey.. Vaguthu faalan mathee.. Indhelee visnan dhathuru raalhah belee.. ♫ ♪ how one womens inspirational story of bravery and perserverance help #breakthebias #IWD2022 #generationequality pic.twitter.com/1aB2bJNBGv
— MTCC Plc (@MTCCPlc) March 8, 2022
މީގެ އިތުރުން މި ހަފުލާގައި ވަނީ އެމްޓީސީސީއިން އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި އެކި ހަރަކާތްތަކުގެ ނަތީޖާ ފާޅުކުރުމާއެކު، އެހެނިހެން އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.