ގޯތި ވިއްކުމާ ގުޅޭ އެއްވެސް ވާހަކައެއް ރައީސް ޞާލިޙް ވިދާޅެއް ނުވޭ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ގޯތި ވިއްކުމާ ގުޅޭ އެއްވެސް ވާހަކައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މާލޭ ރައްޔިތުންނަށް ދޫކުރުމަށް ނިންމައިފައިވާ 1000 ގޯތި ހިލޭ ދޫކޮށްދިނުމަށް އެދި ރައީސް ޞާލިޙަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ސިޓީގެ ޖަވާބު ރައީސް އޮފީހުން މިހާރު ވަނީ ދީފައެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ޙަމްދާން ސޮއިކުރައްވައި މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި މާލޭ ރައްޔިތުންނަށް ގޯތިދޭން ނިންމާފައިވާގޮތް އެމަނިކުފާނު ހާމަކުރެއްވި ކަމަށެވެ. އެގޮތުން ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅިފަޅުން މަދުވެގެން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުން ވެސް ގޯތި ދިނުމަށް ނިންމަވައި އެކަން އެމަނިކުފާނު އިއުލާން ކުރެއްވި ކަމަށް އެ ސިޓީގައިވެއެވެ.

"އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިން ވަކިކޮށް، ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާއިރު، ގޯތި ވިއްކުމާގުޅޭ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާނެކަން މަނިކުފާނުގެ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ." އެ ސިޓީގައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިފަދަ ސިޓީއެއް ރައީސް އޮފީހަށް ފޮނުވީ ހުޅުމާލޭގެ ދެ ވަނަ ފޭހުން 60 ގޯތި ވިއްކަން އެޗްޑީސީން ބީލަމަށް ހުޅުވާލުމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެޗްޑީސީން ކުރި އިޢުލާނެއްގައި ވަނީ ގޯތި ވިއްކަނީ ހުޅުމާލޭ ބީޗު ފްރޮންޓުންނާއި ބީޗު ސައިޑުން ކަމަށެވެ. އެގޮތުން ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާ ގޮތަށް 26 ގޯތި އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ގޯތި ވިއްކަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް