ސްޓެލްކޯގެ ފްލެޓްތަކުގެ 90 ޕަސެންްޓު މަސައްކަތްވަނީ ނިމިފައި: ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަޅާ ފްލެޓުތަކުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ތަން ހަވާލުކުރެވޭނެކަމަށް ބެލެވޭކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް "ސަން"އަށް ވިދާޅުވީ އެ ފްލެޓުތަކުގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ މަހަށް ކަމަށާއި، އެ މުއްދަތަށް އިމާރާތުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ނަމަވެސް އެބަހުރި ކުދި ކަންކަން ކޮންޓްރެކްޓަރުގެ ކޮންޓްރޯލުގައި ނެތް. އެކަންކަމާ އެކުވެސް ގާތްގަނޑަކަށް ރޯދަ މަހުގެ ފަހުން އެތަނަށް މީހުނަށް ވަދެވޭނެކަމަށް މި ބަލަނީ،" ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް އިމާރާތުގެ ހުރިހާ މަސައްކަތެއް، ފިނިޝިންއާ އެކު ކޮންޓްރެކްޓަރަށް ދީފައިވާ މުއްދަތުގެ ތެރޭގައި ކުރެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަ ފްލެޓުތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓުތަކެކެވެ. ޖުމްލަ 360 ފްލެޓް މީގެތެރޭގައި ހިމެނޭއިރު، އެ ފްލެޓުތައް އިމާރާތް ކޮށްފައިވަނީ ދެ ޓަވަރެއްގައެވެ.

މި ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓަކާއި، ތިން ކޮޓަރީގެ 288 އެޕާޓްމަންޓެކެވެ.

comment ކޮމެންޓް