ބަންޑާރަ ކަޕް: އަންހެނުންގެ ބައިން ޗެމްޕިއަންކަން ކްރިމިނަލް ކޯޓަށް، ފިރިހެނުންގެ ބައިން ޑީޖޭއޭއަށް

ބަންޑާރަ ކަޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޑީޖޭއޭ އިން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ބަންޑާރަ ނައިބުގެ އޮފީހުން އިސްނަގައިގެން ބޭއްވި ބަންޑާރަ ކަޕް 2022 ގެ އަންހެން ބައިގެ ޗެމްޕިއަންކަން ކްރިމިނިލް ކޯޓުން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ޑީޖޭއޭ އިން ހޯދައިފިއެވެ.

އެ މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވަނީ ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ. ރޭ އެންމެ ފުރަތަމަ ކުޅެފައިވަނީ އަންހެން ބައިގެ ފައިނަލެވެ. އެ މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓެވެ. އެ މެޗު ކްރިމިނަލް ކޯޓުން ކާމިޔާބުކުރީ ޕެނަލްޓީގައި ހައި ކޯޓު ބަލިކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ދެ ވަނަ ހާފު ފަށައިގެން ކްރިމިނަލް ކޯޓަށް ލަނޑު ޖަހައި، ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ.

ބަންޑާރަ ކަޕްގެ އަންހެން ބައިގެ ފައިނަލް މެޗުން ފޯރިގަދަ ކުޅުމެއް ފެނުނު -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ނަމަވެސް ލަނޑު ޖަހަން އުޅުމުގެ ތެރޭގައި ހައިކޯޓު ޓީމުގެ ކީޕަރާއި ކްރިމިނަލް ކޯޓުގެ ކުޅުންތެރިޔަކާ މުޑިއަރައި، ހައިކޯޓުގެ ކީޕަރަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބި، ދަނޑު މަތީގައި ފަރުވާ ދޭން ޖެހުނެވެ.

އެ މެޗުގައި ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ހައިކޯޓުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު ފަހެއް ނުހާ ޢަބްދުލް މުއުމިން އެވެ.

ލީޑުގައި ހައިކޯޓުން ކުޅުނުއިރު، ކްރިމިނަލް ކޯޓުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ކްރިމިނަލް ކޯޓުން ނަތީޖާ ހަމަހަމަކޮށްފައިވަނީ ހައިކޯޓުން ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު ނުވައެއް އާމިނަތު އަސްރާ އެވެ.

ބަންޑާރަ ކަޕްގެ ފައިނަލް މެޗުތައް ބޭއްވީ ރޭ ހެންވޭރު ދަނޑުގައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއެވެ.

ޕެނަލްޓީގައި ކްރިމިނަލް ކޯޓަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. އެެއީ އަސްރާ އަދި އައިޝަތު ފަޒީލާ ކަމިޔާބުކޮށްދިން ދެ ޕެނަލްޓީއެވެ. ހައިކޯޓަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އެއީ ފަރީދާ މުޙައްމަދު ކާމިޔާބުކޮށްދިން ޕެނަލްޓީއެވެ. މި ނަތީޖާއާއެކު ކްރިމިނަލް ކޯޓުން މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އަންހެން ބައިގެ ޑްރީމް ޓީމުގައި ހިމެނުނީ އިޖުރާއީ އިއުތިރާޟް އެފްސީގެ މަރިޔަމް ޝާނާ މާޖިދު، ކްރިމިނަލް ކޯޓުގެ އާމިނަތު ޙަސަން، ހައިކޯޓުގެ އާމިނަތު ޔުމްނާ އަދި ޑީޖޭއޭގެ ޝައުފާ އިބްރާހީމެވެ. އަންހެން ބައިގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ޑީޖޭއޭގެ ޝައުފާއެވެ.

ބަންޑާރަ ކަޕްގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކްރިމިނިލް ކޯޓުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ފިރިހެން ބައިގެ ފައިނަލް މެޗުގައި ވާދަކުރީ ޑީޖޭއޭ އާއި ޕީޖީއެވެ. އެ މެޗު 6-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑީޖޭއޭ އެވެ.

މެޗުގައި ޑީޖޭއޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހީމާއި ސައުދުالله އަޙުމަދުގެ އިތުރުން އަޙުމަދު ސިރުހާން އެވެ. އޭގެ ތެރެއިން އަންސަރު ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ޕީޖީ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަސްއޫދު ޝަބީން އާއި އަހުމަދު ސާމިހް އެވެ. ސާމިހް ދެ ލަނޑު ޖެހިއިރު، މަސްއޫދު ވަނީ އެއް ލަނޑު ޖަހައިދީފައެވެ.

މި ބައިގެ ޑްރީމް ޓީމުގައި ހިމެނުނީ އެފްސީޖޭސީގެ ޢަބްދުالله މައުރޫފް، ޑްރަގް ކޯޓުގެ އަޖުވަދު ޞަލާހު، ކްލަބް 220 ގެ ޢަލީ އިކުރާމްގެ އިތުރުން އެ ޓީމުގެ ސާމިހެވެ. ފިރިހެން ބަައިގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޑީޖޭއޭގެ އަންސަރެވެ.

ބަންޑާރަ ކަޕްގެ އަންހެން ބައި ކްރިމިނަލް ކޯޓުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުން -- ސަން ފޮޓޯ/ މުޙަމައްދު ހައްޔާން

މުބާރާތުގެ އެންމެ މޮޅު ސަޕޯޓިން ޓީމަކަށް ހޮވުނީ ހައިކޯޓެވެ.

މުބާރާތުގެ ރަނަރަޕް ޓީމަށް މެޑަލް އަދި ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނު އަދި ބަންޑާރަ ނައިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތެވެ.

މި މުބާރާތް އަންނަ އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް ބަންޑާރަ ކުލަބުން ބުންޏެވެ.

comment ކޮމެންޓް