ޕާކިސްތާންގެ 100 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި

ޕާކިސްތާނުގެ ކަރާޗީގައި މީހަކަށް ކޮވިޑް ވެކްސިން ދެނީ

ޕާކިސްތާނުގެ 100 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފިއެވެ.

ޕާކިސްތާނުގެ 220 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވަމުން އެގައުމުގެ ޕްލޭނިން މިނިސްޓަރު އަސަދު އުމަރު ވިދާޅުވީ، ޕާކިސްތާނުން ވެކްސިން ޖެހުމުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިވާ ކަމަށެވެ.

"ސަތޭކަ ހަތާވީސް މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަދުވެގެން އެއް ޑޯޒް ޖަހާފަ. ޝަރުތު ހަމަވާ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޕާކިސްތާން ސަރުކާރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެގައުމުން މިހާތަނަށް 100.5 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އަދި 4.7 މިލިއަން މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

ޕާކިސްތާނުން ވެކްސިން ޖެހުމުގައި ހޯދި ކާމިޔާބީއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ އެގައުމަށް މަރުހަބާ ކިޔާފައެވެ. އަދި ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ތައުރީފުކޮށްފައެވެ.

comment ކޮމެންޓް