މާލޭ ސިޓީ ކައުންސިލުން ޤުރުއާން މުބާރާތެއް ބާއްވަނީ، އެއްވަނައަށް 10،000ރުފިޔާ

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ކުއްޖަކު ކިޔަވަނީ -- ފޮޓޯ/ ސަން

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްސަ ކޮށްގެން މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ޤުރުއާން މުބާރާތަކީ "މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1443"ގެ ނަމުގައި ބާއްވާ މުބާރާތެކެވެ.

ސިޓީ ކައުންސިލުން ބުނީ މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސީނިއާ ގުރޫޕަކާއި ޖޫނިއާ ގުރޫޕެކެވެ.

މި ޤުރުއާން މުބާރާތް ކުރިއަށް ގެންދާނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިންނެވެ.

ޖޫނިއާ ގުރޫޕްގައި ބައިވެރިވެވޭ އުމުރު ފުރާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އުމުރުން ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށް އަދި 13 އަހަރުން ދަށެވެ.

މުބާރާތުގެ ސީނިއާ ގްރޫޕްގައި ބައިވެރި ކުރާ އުމުރުފުރާ ތަކަކީ 13 އަހަރުން މައްޗާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ގްރޫޕަކުން އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވަން ވަނީ ނިންމާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެއްވަނަ، ދެ ވަނަ އަދި ތިންވަނަ ހޮވާނެއެވެ.

ސިޓީ ކައުންސިލުން ބުނީ މީގެ ތެރެއިން ކޮންމެ ގްރޫޕަކުން ވެސް އެއްވަނައަށް ހޮވޭ ކުއްޖަކަށް އިނާމުގެ ގޮތުގައި 7،000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ދެވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާ، އާއި ޓްރޮފީ އަދި ސެޓްފިކެޓް ދޭއިރު، ތިން ވަނައަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާ އާއި ޓްރިފީގެ އިތުރުން ސެޓްފިކެޓް ދޭނެއެވެ.

މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ކުށްޖަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އާއި ސެޓްފިކެޓް ދޭން ނިންމާފައިވާއިރު ދެވަނައަށް 7،0000 ރުފިޔާ އަދި ތިން ވަނައަށް ހޮވާ ކުއްޖަކަށް 5،000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓް ދޭނެއެވެ.

އިތުރަށް ސިޓީ ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ މި މަހުގެ 20 ވަނަ ދުވަސް ކަމަށެވެ. އަދި ބުނީ މުބާރާތުގައި އަމަލުކުރާނެ އުސޫލު އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު، މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް