މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ނައިބަކަށް އިތުރު ބޭފުޅަކު އައްޔަނުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އެ މަގާމަށް މިއަދު އައްޔަނު ކުރައްވައިފައިވަނީ އަޙުމަދު ފާތިޙެވެ.
ރައީސް އޮފީހުން ބުނީ ފާތިޙަކީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވައިފައިވާ ބޭފުޅެއް ކަމަށެވެ.
މިނިސްޓްރީގެ ނައިބަކަށް އައްޔަނުކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ އެއާޕޯޓުގެ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައެވެ.
ފާތިޙު މި މަގާމަށް އައްޔަން ކުރުމާއެކު، ފިޝަރީޒް މިނިސްޓްރީގެ ޖުމްލަ ތިން ނައިބުން ތިއްބަވާނެއެވެ. އެއީ ފާތިޙުގެ އިތުރުން ޢަލީ މާޖިދާއި ޙަސަން ނާޝިދެވެ.
މިނިސްޓަރުގެ ނައިބުންގެ މުސާރައަކީ މަހަކު 35،500 ރުފިޔާއެވެ. އެއީ 20،500 ރުފިޔާގެ މުސާރަ އާއި 15،000 ރުފިޔާގެ އެލަވަންސެކެވެ.