ކުޅުދުއްފުށީގައި ބާރަށް ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، އަލިފާން ރޯވެއްޖެ

އަލިފާން ރޯވެފައިވާ ސައިކަލް --

ހދ. ކުޅުދުއްފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ހޮޅިދަނޑިއެއްގައި ޖެހި، ސައިކަލްގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު 9:30ހާއިރުއެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް މަޢުލޫމާތު ހިއްސާ ކުރަމުން ބުނީ މި ހާދިސާ ހިނގާފައިވަނީ، ކުޅުދުއްފުށީ ބޮޑުމަގުން އުތުރު ދެކުނަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެ މަގު މެދުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

"އެ ސައިކަލް ހޮޅިދަނޑީގައި ޖެހުނު ވަގުތު، ދުއްވަން އިން މީހާ ގާތްގަނޑަކަށް ސާޅީސް ފޫޓު ދުރަށް ވިއްސައިގެން ގޮސް އެތަނުގައި ޕާކު ކޮށްފައި އޮތް ކާރެއްގެ ކައިރިއަށް ވެއްޓުނީ،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

comment ކޮމެންޓް