ގާތް ދެ ރަހުމަތްތެރިންގެ މަރު ކައިރިކައިރީގައި: މުޅި ގަމަށް ސިހުން!

ސުމާއާއި މަލްސާ--

އެއީ އެކުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެންމެ ކުޑައިރުއްސުރެ ވެސް އެއީ ގާތް ދެ ރަހުމަތްތެރިންނެވެ. އަބަދުވެސް އުޅުނީ އެކުގައެވެ. އަދި، އިއްތިފާގަކުން ނަމަވެސް އެ ދެ ރަހުމަތްތެރިން ވަކިވެގެން އެ ދިޔައީ ވެސް އެކުއެކީގައެވެ. އެނބުރި އައުމެއް ނުވާ މަންޒިލަކަށެވެ.

ލ. ގަމުގެ މަތިމަރަދޫ އަވަށަށް ނިސްބަތްވާ ދެ ޒުވާނުންގެ މަރާއެކު މުޅި އެ ރަށަށް ވެސް ލިބިފައިވަނީ ކުއްލި ސިހުމެކެވެ.

އެ ރަށު އައިޝަތު ސުމާއާއި ފާތިމަތު މަލްސާގެ މަރުން މުޅި ގަމުގައި މޮޅީގެ ސާލެއް ލެވުނެވެ. އެ ދެ މީހުންގެ ގާތް ރަހުމަތްތެރިންނަށް ދެ ހިތާމަ އެކުގައި ކުރިމަތިވިއެވެ.

ސުމާއާއި މަލްސާއަކީ ވެސް ލޭ އަޅާ ދެ ކުދިންނެވެ. އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހުން ކިޔައިދިން ގޮތުގައި އެ ދެ ކުދިންނަކީ ވެސް ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެކަކު އަނެކަކު ދެކެ ލޯބިވާ ދެ މިތުރުންނެވެ.

ސުމާގެ ހާލު ދެރަވީ ކޮވިޑް ޖެހުނު ފަހުން!

ސުމާގެ ހާލު ދެރަވާން ފެށީ މި އަހަރު ކުރީކޮޅުއެވެ. ހާލު ދެރަވެ ބޮޑީ ޗެކަޕެއް ހަދަން އޭނާ މާލެ ގެނެވުނެވެ. އެހެން ނަމަަވެސް އޭނާގެ ހާލު އޭރު ރަނގަޅެއް ނޫނެވެ.

"ޑޮކްޓަރުން ބުނީ އެއްވެސް އެއްޗެއް ހުންނަން ޖެހޭ ވަރަކު ނޫނޭ ހުރީ. މަތިވާންޖެހޭ އެއްޗެހި ދަށްވެފައި ދަށްވާން ޖެހޭ އެއްޗެހި މަތިވެފައޭ ހުރީ،" ސުމާގެ އެކުވެރިއަކު ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ޑޮކްޓަރުން ބުނީ ސުމާ އޮޕަރޭޝަނެއް ކުރުމަކީ އެންމެ ރައްކާތެރި ގޮތަކަށް ނުވެދާނެ ކަމަށެވެ. އެހެންކަމުން، އެނބުރި ސުމާ ދިޔައީ ރަށަށެވެ.

ރަށަށް ދާން ވެގެން އޭނާ ހެދި ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވްވިއެވެ. ރަށަށް ދިޔަ ދުވަސް ނޫން އަނެއް ދުވަހު ސުމާ ދިޔައީ ލޭ އަޅާށެވެ.

"ހޮސްޕިޓަލުގައި އެހާ ގިނައިރު އުޅެފައި ލޭ އެޅީމަ ސުމާ ބޭނުންވީ އަންނަމުން ސާމްޕަލެއް ނަގަން. ރޯގާ ވައްތަރު ވެފައި ހުރީމަ. ދެން އެ ނެގި ސާމްޕަލް ޕޮޒިޓިވްވީ،" އޭނާ ކިޔައިދިނެވެ.

އޭނާގެ އެކުވެރިޔާ ކިޔައިދިން ގޮތުގައި، ކޮވިޑް ޖެހިގެން އުޅުނު އިރު ވެސް ހާލުދެރަވެ ތިން ފަހަރަށް ސުމާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

"ކަރަންޓީނު ނިމުނު ދުވަހު އެޑްމިޓް ކުރީ މިކޮޅުގައި [ގަމުގައި]. އެޑްމިޓްކޮށްފަ ހަފްތާއެއްހާ ދުވަހު ބާއްވާފަ މިކޮޅުން ވާނުވާ މާ ރަނގަޅަށް ނޭނގޭތީ ގެންދިޔައީ މާލެ،" ސުމާގެ އެކުވެރިޔާ ކިޔައިދިނެވެ.

މާލެ ގެނެސް ސުމާގެ ގިނަ ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރުން ދިނީ ހިތާމަވެރި ހަބަރެކެވެ. ސުމާގެ ލިވާ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

ލިވާ ޓްރާންސްޕްލާންޓެއް ހަދާށޭ ބުނީ ޖެހޭނީ. އެކަމަކު މާ ހާލު ދެރަވީމަ ފުރަތަމަ އިންޑިއާއަށް ގެންދަން ވެސް ހުއްދަނުދީ އޮތީ،" ސުމާގެ އެކުވެރިޔާ ކިޔައިދިނެވެ.

ސުމާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވެ އޭނާ އިންޑިއާއަށް ގެންދެވުނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގޮސް ތިއްބާ މިދިޔަ ހުކުރު ދުވަހު ސުމާ މި ދުނިޔެއާ އަލްވަދާއު ކީއެވެ.

ސުމާގެ މަރުގެ ޚަބަރު: މަލްސާގެ ހާލުދެރަވުން!

އެންމެ އެކުގައި އުޅުނު ރަހުމަތްތެރިޔާގެ މަރުގެ ޚަބަރުން މަލްސާގެ ދުނިޔެ ކަޅުކޮށްލިއެވެ. އެ ހިތާމަ ބަރުދާސްތުކުރުން އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ.

ސުމާގެ މަރުގެ ޚަބަރާއެކު މަލްސާ ވަރަށް ބޮޑަށް ބަލިވިއެވެ. ގަމުން ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި އޭނާއަށް އެ ޚަބަރާއެކު ނުވެސް ކެވުނެވެ.

"މަލްސާ އެކަމާ ވިސްނާ ކަންބޮޑުވެގެން ކަންނޭނގެ. ވަރަށް ބޮޑަށް ބަލިވި. ރޭގައި ޚަބަރު ލިބުނު އެޑްމިޓް ކޮށްފައޭ އޮތީ. އެކަމު އެތަނަށް ވަންނަން ދިޔައީމަ ވެސް ނުއެއް ވަދެވުނު،" ގަމުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

މަލްސާގެ ހާލު ދެރަވެ ރޭގެ ވަގުތެއްގައި އޭނާ އައިސީޔޫއަށް ލެވުނެވެ. އަދި މިއަދުގެ ހެނދުނުގެ ވަގުތެއްގައި މަލްސާވަނީ މި ފަނާވަނިވި ދުނިޔެއާ އަބަދުގެއަބަދަށް އަލްވަދާއު ކިޔައިފައެވެެ.

ދެ ރަހުމަތްތެރިންގެ ކުއްލިމަރާއެކު ގަމުގެ އެތައް ބަޔަކު ވަނީ ފުން ހިތާމައެއްގައެވެ. ހާއްސަކޮށް އެ ދެ މީހުންގެ ރައްޓެހިން ތިބީ ކުއްލި ޝޮކެއްގައެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ސުމާއާއި މަލްސާއަކީ ގާތް ދެ ރަހުމަތްތެރިންނެވެ. އެކުވެރިކަމުގެ ނަމޫނާއެކެވެ.

މިއީ ވެސް ދިރިތިބީންނަށް އިބުރަތެކެވެ. މަރަކީ ކޮންމެ ވަގުތެއްގައި ވެސް ބައްދަލުކޮށްފާނެ އެއްޗެކެވެ!

comment ކޮމެންޓް