ރައީސް ޞާލިޙުގެ ތާއީދު އޮތްކަމަށް ވިދާޅުވެ ނިޒާރު ވެސް ފައްޔާޒުގެ ފަހަތަށް

އައްޑޫ ސިޓީގެ މޭޔަރު ނިޒާރު، މިނިސްޓަރު ފައްޔާޒާއެކު ކެމްޕެއިނުގައި-- ފޮޓޯ/ ޓްވިޓާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހޮވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތާއީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވެސް ފައްޔާޒަށް ތާއީދުކުރަން ނިންމަވައިފިއެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް, ފައްޔާޒުގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ އިންތިޚާބަކީ ދެ ރައީސުންގެ ކުރިމަތިލެއްވުމެކެވެ. އެގޮތުން ރައީސް ޞާލިޙްގެ ފަޅިން ފައްޔާޒު އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅިން ނުކުންނެވީ އިމްތިޔާޒް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ވާދަވަރި ރޫހެއްގައި ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ވެސް އައްޑޫގައި ކުރިއަށްދާއިރު, އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވަނީ މިނިސްޓަރު ފައްޔާޒަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައިފައެވެ.

ނިޒާރު "ސަން"އަށް ވިދާޅުވީ އައްޑޫގެ މޭޔަރުގެ ހައިސިއްޔަތުން ބައެއް ނިންމުންތަކަކީ އައްޑޫގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި ނިންމަން ޖެހޭ ނިންމުންތަކެއް ކަމަށާއި، ފައްޔާޒަށް ތާއީދުކުރަން ނިންމެވީ އައްޑޫ ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ގޮތުން ކަމަށެވެ.

އައްޑޫގެ ތަރައްގީގެ ޕްރޮޖެކްޓުތައް ބެލެހެއްޓުމާއި ނިންމުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ފައްޔާޒް ކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ރައީސް ޞާލިޙު ތާއިދުކުރައްވަނީ ވެސް ފައްޔާޒަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑާ އެންމެ ގާތްކޮށް، އައްޑޫ ސިޓީގެ ތަރައްގީގެ ކަންކަމުގައި މުއާމަލާތް ކޮށް މިއުޅެނީ ފައްޔާޒު އަދި އެންމެ ރަނގަޅު ގޮތް މި ހުށަހަޅުއްވަނީ ވެސް ފައްޔާޒް، އެހެންވީމަ އެ ކަންކަމަށް ބަލައި ފައްޔާޒަށް ތާއީދުކުރަން ނިންމީ. ހަމަގައިމުވެސް ސަރުކާރާއެކު ގާތް ގުޅުމެއް ދަމަހައްޓަންޖެހޭ، ރައީސް ޞާލިޙުގެ ތާއީދު ވެސް އޮތީ އަޅުގަނޑު ގަބޫލުކުރަނީ ފައްޔާޒަށް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުންނަށް އެންމެ މަންފާކުރާނެ ގޮތަކީ ސަރުކާރާއެކު މަސައްކަތް ކުރުން ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއެކު، ޕާޓީގެ ހިންގުމާއި އިސްކޮށް ތިބޭ މީހުންނަށް ވެސް ބަދަލު އަންނަން ޖެހޭކަމަށް ނިޒާރު ވިދާޅުވިއެވެ.

"ޕާޓީއަށް އާ ވިސްނުންތައް، އާ ސިޔާސަތުތައް، އާ މޫނުތައް، އާ ވިސްނުންތައް، އާ ސިޔާސަތުތައް އަންނަން ޖެހޭ. އެއްގޮތަކަށް ނޫން ރާއްޖޭގެ ސިޔާސީ މަސްރަހަތު މިއޮންނަނީކީ. ދެން އެ ބަދަލުތަކާއެކު އަޅުގަނޑުމެން ވެސް ޕާޓީއާއި ސިޔާސަތުތަކަށް ވެސް ބަދަލު ގެންނަން ޖެހޭ،" ނިޒާރު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވެސް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ޕާޓީ ހިންގޭނެ، ހިންގާލާނެހާ ރަނގަޅު ބަޔަކު ގެންނަން."

އެމްޑީޕީގެ އިސް ސަފުގައި މިވަގުތު ތިބި ބޭފުޅުންގެ ތެރެއިން ފައްޔާޒަކީ ރިޔާސީ އިންތިޚާބުގައި ޕާޓީ އެންމެ ރަނގަޅަށް ހިންގޭނެ އެއް ބޭފުޅާ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޞާލިޙު ހޮއްވަވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ފައްޔާޒް ހިމެނިވަޑައިގަންނަވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކުގައި މަސައްކަތް ކުރެއްވި ކަން ފާހަގަކުރައްވައި، ނިޒާރު ވިދާޅުވީ ފައްޔާޒަކީ ކަންކަން ކުރަން ކެރިވަޑައިގެންނަވާ، ފަސް ނުޖެހޭ، ލީޑާޝިޕް ނަންގަވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުމެންނާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި. ހަމައެހެންމެ 18 ވަނަ މަޖިލީހުގެ އެންމެ ދަތި އުނދަގޫ ހާލަތުގައި އަޅުގަނޑުމެންނާއެކު ލީޑު ނެންގެވި. އޭގެ ނަތީޖާއެއްގެ ގޮތުން ފައްޔާޒް ޖަލަށް ވެސް ވަޑައިގަންނަވަން ޖެހިވަޑައިގަތް. އެގޮތުން ބަލާއިރު ފައްޔާޒަކީ ވަރަށް ކެރޭ، ކުޅަދާނަ ލީޑަރެއް،" ފައްޔާޒަށް ތައުރީފް ކުރައްވައި ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޯމަތިވެފައިވާއިރު އެންމެ ވާދަވެރިކޮށް ފެންނަނީ އެ ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް މަގާމު ކަމުގައިވާ ޗެއާޕާސަންގެ މަގާމުގެ ރޭހެވެ.

comment ކޮމެންޓް