އަންނަ އަހަރު ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައި ތިބި ޕްރިންސިޕަލުން ހަމަޖެހޭނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ--

ފްރިންސިޕަލުންގެ ސްކޮލާޝިޕް ސްކީމްގެ ދަށުން އަަންނަ އަހަރުގެ އޭޕްރީލް މަހު ދާއިމީ ޕްރިންސިޕަލުން ނެތް ސްކޫލުތަކަށާއި، ބިދޭސީ ޕްރިންސިޕަލުން ތިބި ސްކޫލުތަކަށް ތަޢުލީމީ ދިވެހި ޕްރިންސިޕަލުން ހަމަޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ފްރިންސިޕަލުން ތަމްރީނުކުރުމުގެ ސްކޮލަޝިޕް އިފްތިތާޙުކުރުމަށް ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަހުގެ ތާރީޚެއްގައި ޕްރިންސިޕަލުން ތަމްރީނުކުރުމަށް ދެމެހެއްޓެނިވި އަދި ރޭވުންތެރި ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ރާއްޖޭގައި ތައުލީމީ ޕްރިންސިޕަލުން ހޯދުމަކީ އުނދަގޫކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލުންގެ މަޤާމަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އަދި އެތައްބައެއްގެ ލޯތައް އަމާޒުވާނެ މަޤާމެއްކަމަށެވެ. އަދި ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނާ އޮންނަ ގުޅުންތައް ދަމަހައްޓާ ގާއިމްކުރުމަކީ ވެސް މަޤާމުގެ ޒިންމާއެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ނާޒިރުންގެ ހަގީގީ ތައުލީމާ ތަރުބިއްޔަތު ފެށޭނީ ސްކޫލަކާ ހަވާލުވުމުން." އޭނާ ވިދާޅުވިއެެވެ.

މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލެއްގެ ވަޒީފާއަކީ ހަމައެކަނި ތަޢުލީމުން ކާމިޔާބު ކުރެވޭނެ ވަޒީފާއެއް ނޫންކަމަށެވެ. ހިކުމަތްތެރި ނިންމުންތައް ނިންމާ، ބަދަހި ގުޅުމެއް ޤާއިމްކޮށް ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލެއް ގެނައުމަކީ ވެސް ޕްރިންސިޕަލެއްގެ ޒިންމާކަމުގައި އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް