ކޮންމެ ދިމާލަކުން ވެސް ފެންނަނީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދޭ އަހައްމިއްޔަތު: ނައިބު ރައީސް

ޕްރިންސިޕަލުންގެ ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ތަޢުލީމީ ދާއިރާއަށް މި ސަރުކާރުން ދޭ އަހަންމިއްޔަތުކަން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޕްރިންސިޕަލުންގެ ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އިސްކަންދޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ސްކޫލްތަކުގައި ވަސީލަތްތައް ޤާއިމްކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެ ދިމާލަކުން ބަލައިލިނަމަ ވެސް ފެންނަނީ މި ސަރުކާރުން ޚާއްސަ ގޮތެއްގައި ރާއްޖޭގެ އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތައުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެ ގެންގުޅުއްވާ ސިޔާސަތު،" ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ނުލިބި އެތައް ދުވަހެއް ވޭތުވެގޮސްފައިވާ ކަމަށެވެ. ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެށި ތަމްރީނު ޕްރޮގްރާމްތަކަކީ މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށް ހެދުމަކީ މުހިންމުކަމެއް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ޕްރިންސިޕަލުންގެ ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން މިރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕްރިންސިޕަލުންނަކީ ތަޢުލީމީ މުއައްސަސާތަކުގައި ގިނަ އަދަދެއްގެ މީހުންނާއެކު ޓީމެއް ލީޑުކޮށްގެން މަސައްކަތްކުރާ ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފައިސަލް ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މިހާރުގެ ދުވެލީގެ ތެރެއިން ސްކޫލްތަކަށް ދިމާވެފައިވާ ގިނަގުނަ ދަތިތައް ހައްލުކޮށްދޭނެ ކަމަށެވެ.

ސްކޫލްތަކުގައި އަދި ހާއްސަކޮށް މުޅި ތަޢުލީމީ ނިޒާމުގައި ހުރި ދަތިތަކާއެކުވެސް، ހުއްޓުމެއްނެތި ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއިން ފެށިގެންގޮސް ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ފައިސަލް ވަނީ އެ ފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.

ނައިބު ރައީސް ވިދާޅުވީ ސްކޫލަކަށް ރަނގަޅު ޕްރިންސިޕަލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެ މީހުންގެ ކިބައިގައި ލީޑަޝިޕާއި ކެތްތެރިކަމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއްގައި އަބަދު ވެސް އިންސާފުވެރި ވާން ޖެހޭނެކަން ފާހަގަކުރެއްވިއެވެ.

ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސަރުކާރުގެ ހުރިހާ ސްކޫލުތަކަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށްޓަކައި ކުރިއަށް ގެންދާ 'ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް' ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

ސަރުކާރުން ހުރިހާ ޚަރަދެއް ދޭގޮތަށް ކުރިއަށް ގެންދާ އެ ސްކޮލަޝިޕް ސްކީމުގެ ދަށުން 20 ޕްރިންސިޕަލުންނަށް ވަނީ ސްކޮލަޝިޕަށް ހޮވުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އަދި އެ ބޭފުޅުން ކިޔެވުން ފެއްޓެވުމަށްޓަކައި މިމަހު މެލޭޝިޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް