ސަދާގެ މަރު: އިހުމާލުވި މީހުންނަށް ޖިނާއީ ތަހުގީގެއް ހިންގަން އެދިއްޖެ

ފަސް އަހަރުގެ ސަދާ: އިހުމާލުވި މީހުންނަށް ޖިނާއީ ތަހުގީގެއް ހިންގަން ވަނީ އެދިފައި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރާ ގުޅިގެން ޖިނާއީ ތަހުގީގެއްކޮށް، އިހްމާލްވާ މީހުންނަށް ދައުވާ ކޮށްދިނުމަށް އާއިލާއިން ފުލުސް އޮފީހުގައި އެދިއްޖެއެވެ.

އުމުރުން ފަސް އަހަރުގެ ސަދާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލާތީ ފްލޫ ކްލިނިކަށް ގެންގޮސްގެން ފަރުވާ ނުލިބުމުންނެވެ. ހޮސްޕިޓަލަށް ގެންގޮސް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކުޑަ އިރުކޮޅެއްތެރޭގައި ސަދާ މަރުވީކަމަށް ސަދާގެ ބައްޕަ ބުނެއެވެ.

"އަޅުގަނޑުގެ ދަރިފުޅު ސަދާ މަރުވި މައްސަލަ ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ވަކިވަކިން ޖިނާއީ ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިއްޔެގަ މައްސަލަ ލައިފިން," ސައުދުالله ވިދާޅުވިއެވެ.

ޖިނާއީ ތަހުގީގެއްކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅަން ޖެހުނު އެންމެ ބޮޑު ސަބަބަކީ, އެ މައްސަލައިގައި ޝާމިލުވާ ބައެއް މީހުން ރާއްޖޭއިން ބޭރަށް ފުރުވާލާފައިވާތީ ކަމަށް އޭނާ ބުންޏެވެ.

ހެލްތް މިނިސްޓްރީން އެ މައްސަލަ ތަހުގީގުކޮށް އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޔުނިޓުން ނާސިން ކައުންސިލް އަދި މެޑިކަލް ކައުންސިލަށް ފިޔަވަޅު އަޅަން ފޮނުވިކަން އެނގިފައިވާކަން ހާމަކޮށް ސައުދުالله ބުނީ, ފަސް މަސް ވެގެންދާއިރު އެޅި އެއްވެސް ފިޔަވަޅެއް އެނގެން ނެތް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ހަތަރު ފަރާތެއް މި މައްސަލައިގައި ހިމެނޭ ކަމަށް އަޅުގަނޑަށް ތުހުމަތުކުރެވޭ. އަދި އަޅުގަނޑުގެ ދަރިފުޅުގަޔަށް އިންޖެކްޝަން ޖެހި ފަރާތްވެސް އަޅުގަނޑަށް އެނގޭ," ސައުދުالله ކިޔައިދިނެވެ.

ސަދާ ގަޔަށް ޖެހި އިންޖެކްޝަންގެ ތަފްސީލް ލިޔުންތަކުގައި ފާހަގަކޮށްފައި ހުރި ނަމަވެސް, މެޑިކަލް އެއްވެސް ރިޕޯޓަކުން އަދި ލިޔުމަކުން ވެސް ދަރިފުޅު ގަޔަށް ޖެހީ ހޮސްޕިޓަލުން ބުނާ އިންޖެކްޝަން ކަން އެނގެން ނެތް ކަމަށް ސައުދުالله ބުންޏެވެ.

"ހޮސްޕިޓަލުން އެތަނުގައި ތިބޭ ނަރުހުން ކުރަންޖެހޭ އަމަލެއް ނުކޮށް އޮތުމުގެ ސަބަބުން ސަދާ މަރުވުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތެއް ނޫންވީމަ އަޅުގަނޑު ޕޮލިހުގައި މި އެދުނީ އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއްކޮށް އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް," ސައުދުالله ބުންޏެވެ.

ފުލުހުން މައްސަލަ ނިންމައި ޕީޖީއަށް ދައުވާކުރަން ފޮނުވާ ހިސާބުން, މަދަނީ ބަދަލު ހޯދުމަށް އެދި ހެލްތް މިނިސްޓްރީއާ ދެކޮޅަށް ދައުވާ އުފުލާނެކަން ސައުދުالله ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ވަކާލާތުކޮށްދިނުމަށް ކުރީގެ ޕީޖީކަން ކުރެއްވި ދެ ބޭފުޅަކާ އަދި އިތުރު ލޯ ފާމަކުން މިހާރު ވަނީ ހުށަހަޅާފައި. އެކަމަށް ތައްޔާރުވަމުން މިދަނީ," ސައުދުالله ވިދާޅުވިއެވެ.

comment ކޮމެންޓް