އުތުރު ކޮރެއާއިން މިސައިލް ލޯންޗުކުރަނީ އެމެރިކާގެ ކިބައިން ސަލާމަތްވުމަށް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ލޯންޗުކުރަނީ އެމެރިކާގެ ދިފާއީ ބާރުތަކުން އެ ގައުމަށް ދީފާނެ ހަމަލާއަކުން ސަލާމަތްވުމުގެ މަގުސަދުގައި ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.

ފާއިތުވި ދުވަސްތަކުގައި އުތުރު ކޮރެއާއިން އަންނަނީ ގިނަ މިސައިލްތައް ޓެސްޓުކުރަމުންނެވެ.

އުތުރު ކޮރެއާއިން ބުނީ އެ މިސައިލްތައް ޓެސްޓުކުރުމުގެ ސަބަބުން އަވަށްޓެރި އެއްވެސް ގައުމަކަށް އެއްވެސް ގޮތަކުން ގެއްލުމެއް ނުވާކަމަށާއި، ސިވިލް އޭވިއޭޝަނަށްވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އުތުރު ކޮރެއާއިން ފާއިތުވި 12 ދުވަހުގެ ތެރޭގައި ހަ މިސައިލް ޓެސްޓުކޮށްފައިވާއިރު، އދ.ގެ ސިވިލް އޭވިއޭޝަނާ ބެހޭ އިދާރާއިން ވަނީ އުތުރު ކޮރެއާގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

އދ.ގެ ސިވިލް އޭވިއޭޝަނާބެހޭ އިދާރާއަށް ރައްދުދިނުމުގެ ގޮތުން އުތުރު ކޮރެއާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

"އަހަރެމެންގެ މިސައިލް ލޯންޗުތަކަކީ ފާއިތުވި 50 އަހަރުވަންދެން އެމެރިކާއިން ކުރިމަތިކުރުވާ ތުރާތަކާ ދެކޮޅަށް ކުރާ މަސައްކަތް" އެ ބަޔާނުގައި ވެއެވެ.

އުތުރު ކޮރެއާއިން ގަބޫލުކުރަނީ އެމެރިކާއަކީ އެ ގައުމުގެ ދުޝްމިނެއް ކަމަށެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަޕްމްގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ.

އުތުރު ކޮރެއާގެ މިސައިލް ޓެސްޓުތައް ގިނަވުމާ ގުޅިގެން އެމެރިކާ އޮތީ ދެކުނު ކޮރެއާއާއެކުކަން ދެއްކުމުގެ ގޮތުން އެ ދެ ގައުމު ގުޅިގެން ޖޮއިންޓް މިލިޓަރީ ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް