ވޯލްޑް މޮނިއުމަންޓް ވޮޗް ލިސްޓުގައި އައްޑޫ ސިޓީ ކޯގަންނު ޤަބުރުސްތާނު ހިމެނިއްޖެ

ކޯގަންނު ގަބުރުސްތާނު ސަރަހައްދު

ވޯލްޑް މޮނިއުމަންޓް ވޮޗް ލިސްޓުގައި އައްޑޫސިޓީ މީދޫގައި އޮންނަ ކޯގަންނު ޤަބުރުސްތާނު ހިމެނިއްޖެއެވެ.

އެ ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމެނުނީ މި އަހަރުގެ ލިސްޓަށް ނޮމިނޭޓްވި 225 ތަނެއްގެ ތެރެއިން ހޮވުނު 25 ތަނުގެ ތެރޭގައި ހިމެނިގެނެވެ. ބައިނަލްއަގްވާމީ އެ ލިސްޓުގައި ރާއްޖޭގެ އާސާރީ ބިނާއެއް ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ އެ ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމެނުނީ އެ ސަރަހައްދަށް އަންނަ މޫސުމީ ބަދަލުތަކަށް ބެލުމަށްފަހުކަމަށެވެ.

އެ ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމެނުމުން ދެ ކަމެއް ހާސިލް ވާނެކަމަށް ނާއިލް ވިދާޅުވިއެވެ. އެގޮތުން އެ ޤަބުރުސްތާނު ރައްކާތެރިކުމަށްޓަކައި ބޭނުންވާ އެކިއެކި އެހީތެރިކަން ލިބުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި އެ ޤަބުރުސްތާނު ޕްރޮމޯޓުވެ، ތާރީޚާ ގުޅޭ ގިނަ ރިސާޗުތައް ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކަމަކީ އަޅުގަނޑު މިހާރު މަސައްކަތް މި ކުރަނީ ކޯގަންނުގަ ހުރި ފަނޑިޔާރު މިސްކިތްވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ތަރިކައިގެ ލިސްޓުގަ ދިވެހި ރާއްޖޭގެ ހިރިގާ މިސްކިތްތައް ހިމެނުމަށްޓަކައި." ނާއިލް ވިދާޅުވިއެވެ.

އެގޮތުން ކޯގަންނު ޤަބުރުސްތާނުގައި ހުރި ފަނޑިޔާރު މިސްކިތާއި ހިރިގަލުގެ އެހެން މިސްކިތްތައް އެ ލިސްޓުގައި ހިމެނޭނެކަމުގެ އުންމީދު މިހާރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ކޯގަންނު ޤަބުރުސްތާނުގައި ހުރި ބައެއް ހިރިގަލުގެ މަހާނަތައް

ކޯގަންނު ޤަބުރުސްތާނަކީ ރާއްޖޭގައި މުސްލިމުން ވަޅުލަން ޚާއްސަކޮށް އެންމެ ފުރަތަމަ އުފެއްދި ޤަބުރުސްތާނެވެ. އެގޮތުން މީލާދީން 12 ވަނަ ޤަރުނުން ފެށިގެން މިހާރު ވެސް މީހުން ވަޅުލަން އެ ޤަބުރުސްތާނު ބޭނުންކުރެއެވެ. ހިރިގަލުގެ މިސްކިތްތަކަކާއި އެއްހާހާ ގާތްކުރާ އަދަދަކަށް ހިރިގަލުގެ މަހާނަގާ އެ ސަރަހައްދުގައި އޮވެއެވެ. އަދި ރާއްޖޭގައި އެންމެ ބޮޑެތި މަހާނަގާ ވެސް ހުރީ އެ ޤަބުރުސްތާނުގައެވެ. އެގޮތުން އެ ޤަބުރުސްތާނުގައި ހުރި ބައެއް މަހާނަގާތަކުގައި އަށް ފޫޓޫ ހުންނަކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް