އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ބިލިއަނަރެއްގެ ޔޮޓެއް ރާއްޖެއަށް

އޯލެގް ޑެރިޕަކްސާ، ރަޝިއާގެ ރައީސް ޕޫޓިންއާއެކު

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ބިލިއަނަރެއްގެ ޔޮޓެއް ރާއްޖޭގައި ބަނދަރުކޮށްފައިވާކަމަށް އޭއެފްޕީ ނޫހުން ރިޕޯޓްކޮށްފިއެވެ.

އޭއެފްޕީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގައި ބަނދަރުކޮށްފައިވަނީ ރަޝިއާގެ ބިލިއަނަރު އޯލެގް ޑެރިޕަކްސާގެ "ކްލިއޯ" ނަމަކަށް ކިޔާ ސުޕަޔޮޓެކެވެ.

އޯލެގް ޑެރިޕަކްސާ އަކީ އެލުމިނިއަމް އުފައްދާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށްވާ ރީސަލްގެ ވެރިޔާއެވެ. އެމެރިކާއިން ވަނީ 2018 ވަނަ އަހަރު އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ކްލިއޯ މިވަގުތު ބަނދަރުކޮށްފައި އޮތީ މާލެއާ ކައިރީގައި ކަމަށް އޭއެފްޕީގެ ރިޕޯޓުގައިވެއެވެ. ނަމަވެސް އެ ޔޮޓުގައި ޑެރިޕަކްސާ ހުރި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިނުވެއެވެ.

ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން، އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރަޝިއާގެ ބައެއް ބިލިއަނަރުންނާ ދެކޮޅަށްވެސް ފިޔަވަޅުތައް އަޅައި، އެމީހުންގެ މުދާ ހިފެހެއްޓުމަށް ހުޅަނގުގެ ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޭގެ ސަބަބުން ރަޝިއާގެ ބައެއް ބިލިއަނަރުން ވަނީ އެމެރިކާ ފަދަ ގައުމުތަކުން އެކްސްޓްރެޑިޝަން އެއްބަސްވުން ނުވަތަ ކުށްވެރިން ހަވާލު ކުރުމާ ބެހޭ އެއްބަސްވުން ހަދާފައި ނުވާ ގައުމުތަކަށް އެމީހުންގެ އަގު ބޮޑު އުޅަނދުތައް ފޮނުވަން ފަށާފައެވެ.

ރާއްޖެއަކީ ވެސް އެމެރިކާއާ އެކު އަދި އެކްސްޓްރެޑިޝަން އެއްބަސްވުމެއް ހަދާފައި ނުވާ ގައުމެކެވެ. އެހެންކަމުން ރަޝިއާގެ އިތުރު ދެ ސުޕަޔޮޓެއް ރާއްޖޭގައި ބަނދަރުކުރުމަށް މިސްރާބު ޖަހާފައިވާކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޑެރިޕަކްސާގެ ކްލިއޯ ސުޕަޔޮޓަކީ 73 މީޓަރު ދިގު ޔޮޓެކެވެ. ދުނިޔެ ވަށާ ދިގު ދަތުރުތައް ކުރުމަށް ތައްޔާރުކޮށްފައިވާ އެ ޔޮޓުގެ ވެރިޔާ ޑެރިޕަކްސާ އަކީ، ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމާ ދެކޮޅަށް އަޑުއުފުލާފައިވާ މީހެކެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ "ސުލްހަވުން ވަރަށް މުހިންމު" ކަމަށް ބުނެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ ރަޝިއާގެ މަހުޖަނުންނަށް އަމާޒުކޮށް މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެހެންނަމަވެސް ރަޝިއާގެ މަހުޖަނުން ދަނީ ޕްރައިވެޓް ޖެޓުތަކުންނާއި އަމިއްލަ ޔޮޓުތަކުން ދަތުރުތައް ކުރަމުންނެވެ.

comment ކޮމެންޓް