ގަޑިޖެހެނީ... ގަޑިޖެހެނީ

ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މީގެ ދެތިން ދުވަހެއް ކުރިއެވެ. ވަގުތަކީ ހެނދުނު ހަ ގަޑި ސާޅީސް ފަހެއް އެހައިކަން ހައިއިރެވެ. އެއީ މާލޭގެ މަގުތަކުގެ ކާރޫބާރޫ އެންމެ ބޮޑުވާ އެއް ވަގުތެވެ. ދުއްވާ މީހުންނާއި ހިނގާ މީހުންގެ ހަރަކާތްތައް އެންމެ އަވަސްވާ އެއް ވަގުތެވެ. ގެއަށް ބޭނުންވާ ތަކެތި ގަންނަން ފިހާރަތަކަށް ދާ މީހުންނާއި ދަރީން ގޮވައިގެން ސްކޫލުދޮށަށް ދާ މީހުންނެވެ. ހިނގާފައި ދާ މީހުން ތިބެނީ ދަރިފުޅު އިނގިލިކުރީގައި ލައިގެން، ހިނގޭލެއް މަޑުވެ ކަންބޮޑުވެފައެވެ. ދުއްވާ މީހުން ތިބެނީ، ކާރޫބާރޫ ބޮޑުކަމުން، ހިތް އެދޭ މިންވަރަށް ނުދުއްވޭތީ ނުރުހިފައެވެ. ދޭތެރެއަކުން ގަޑިއަށް ބަލައިލެވެނީ، ވާދަކުރާން ޖެހިފައި ވަނީ ހުއްޓުމެއް ނެތި ދަތުރުކުރަމުންދާ ވަގުތުގެ ސަވާރީއާ ކަމަށް ވާތީއެވެ.

މި ފަދަ ގޮތަކަށް މީސްމީހުންގެ ހަރަކާތްތައް ހުރި ހެދުނުގެ ވަގުތެވެ. މަގަކީ މާލޭގެ އެއް ކޮޅަށް ދުއްވާ ދިގު، އެހެނަސް ފުޅާ މަގެއް ނޫނެވެ. މަގުގެ ދެ ފަރާތުގައި ދުވާރު އޮތެވެ. މާލޭގެ ގިނަ މަގުތަކެކޭ އެއް ފަދައިން، މި މަގަކީ ވެސް އެއް ފަރާތުގައި ކޮޅުން ކޮޅަށް ޕާކިން ޒޯނުގެ ރީނދޫ ރޮނގު ފަވާލައިފައިވާ މަގެކެވެ. ހަތަރު ފުރޮޅާއި ދެ ފުރޮޅުގެ އުޅަނދުތަކުން ޒޯނު ވަނީ ފުރި ބަރާވެފައެވެ. އެހެންކަމުން ދުއްވާ މީހުންނަށް ޚާއްޞަކުރެވިފައިވާ ޖާގައަކީ، ހަތަރު ފުރޮޅޫލީ އުޅަނދަކަށް ދަތިކަމެއް ނެތި ދުއްވާލެވޭހައި "ތަނަވަސް" ޖާގައެކެވެ.

ހެނދުނުގެ މި ހިތް އަވަސް، ހަރަކާތްތައް ހަލުއި ގަޑީގައި، މި މަގަށް ޖަމާވެފައިވާ މީހުންތަކުގެ ތެރޭގައި އަޅުގަނޑު ވެސް މި އިނީ ލާމެހިފައެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ، ހުދުކުލައިގެ ރީތި ކާރެކެވެ. ޓެކްސީއެއް ނޫނެވެ. އެ ވާހަކަ ބުނެދެނީ ކާރުގައި ހަރުކޮށްފައި ހުރި ކަޅުކުލައިގެ ނަންބަރު ބޯޑެވެ. ކާރުގެ ސިފައާއި ބައްޓަމެވެ. އެ ކާރުގެ ފަހަތުގައި ސައިކަލާއި ކާރުތައް ވަނީ ފަތިދަމާލައިފައެވެ.

އަޅުގަނޑުމެންނަށް ކުރިއަށް ދެވެނީ ވަރަށް މަޑުންނެވެ. ހިނގާފައި ދާ މީހުންގެ ފިޔަވަޅުތައް ވެސް، އަޅުގަނޑުމެންނަށް ވުރެ މާ ހަލުތްވެވެ. ކުރިމަތީގައި އޮތް ޒަމާނީ ކާރުގެ ފުރޮޅު ބުރުއަޅާ މިންވަރު ލަސްކަމުންނެވެ. އެ ކާރުގެ ދުވެލި ހުރީ، އާދައިގެ ހިނގުމަކަށްވުރެ ވެސް ދަށުގައެވެ. އެހެންނަމަވެސް އެ ކާރުގެ ކުރިއަކު އެހެން އުޅަނދެއް ނެތެވެ. މަގުގެ ވަރަށް ބޮޑުބައި އޮތީ އެ ކާރަށް ހިތަކަށް ލިބިފައެވެ. އެހެންކަމުން ފަހަތުގައި ގަޑިއަށް ބަލަބަލާ ތިބި މީހުން، ބަރުގޮނު އަޅާން ފެށިއެވެ. ކާރުގެ ދުވެއްޔަށް ހަލުއިކަމެއް ގެނޭތޯއެވެ.

އަޅަމުން ދިޔަ ބަރުގޮނުން، ފިނިހަކަ ދުވެލީގައި ދުއްވަމުން ދިޔަ ކާރުގެ ދުވެއްޔަކަށް ބަދަލެއް ނައެވެ. ނުރުހުމުގެ އެތައް ކަޅިއެއް އޭރު އެ ކާރަށް ހުއްޓިފައި ހުއްޓެވެ. ބަރުގޮނުގެ އަޑުފަށްގަނޑުން މަގުމަތި ވަނީ ހަލަބޮލި ވެފައެވެ. ސައިކަލު ދުއްވަން ކުޅަދާނަ ބައެއް މީހުން، ލިބޭ ހަނި ފުރުސަތުގައި، އެ ކާރުގެ ކޮންމެވެސް އެއް ފަރާތަކުން ދެމިގަނެއެވެ. ބައެއް މީހުން ދިޔައީ ކާރުގައި އިން ޒުވާނާއާ ދިމާއަށް ކަޅިއަޅަމުން، ތުންފިއްތަމުން، ކުދިކިޔަމުންނެވެ. ލިބުނު ހަނި ފުރުސަތެއްގައި އަޅުގަނޑު ވެސް، އެ ކާރުގެ ކުރިން ޖާގައެއް ހޯދައިފީމެވެ. އެހެންކަމުން އޭގެ ފަހުން ކަން ހިނގީ ކިހިނެއްކަމެއް ނޭނގެއެވެ.

މިއީ މިނިވަން ގައުމެކެވެ. މިނިވަން ދިވެހިރާއްޖެއެވެ. މި ގައުމުގެ ކޮންމެ ދަރިއަކީ ވެސް މިނިވަނެކެވެ. މިނިވަނުންނަށް މިނިވަންކަން އޮންނާން ޖެހޭނެއެވެ. އަޅުވެތިކަމުގެ ކޫރުމެއްހައި މިންވަރު ވެސް އެޅިގެން ނުވާނެއެވެ. ކާރުގައި އިން ޒުވާނާ ބޭނުން ހިފީ، އޭނާއަށް ލިބިފައިވާ މިނިވަންކަމެވެ. އޭނާއަށް އޭނާގެ ކާރު، އޭނާ ބޭނުން ދުވެއްޔެއްގައި ދުއްވޭން ޖެހޭނެއެވެ. ބޭނުމިއްޔާ މަގުގެ މެދުގައި މަޑުކޮށްލައިގެން ވެސް އޮވެވޭން ޖެހޭނެއެވެ. އެކަމަށް ހުރަސް އެޅޭނެ ނިޒާމެއް އޮވެގެން ނުވާނެއެވެ. އޮންނަ ނަމަ މިނިވަންކަމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ބަޔެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން، މިއީ އެ ފަދަ މީހުން މިނިވަންކަން މާނަކުރާ ގޮތޭ ހީވެއެވެ. މި ފަދަ ގޮތްގޮތަށް މިނިވަންކަން މާނަކުރާ މީހުންނަށް ފެންނާނީ މިނިވަންކަމުގެ އެއް ފަޅިއެވެ. އަނެއް ފަޅިއަށް ބެލޭނީ ކަނު ލޮލަކުންނެވެ. އެ ފަދަ މީހުންނަށް، އެހެން ބަޔަކު ގައުމުގައި އުޅޭކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ. އޭނާއަށް ލިބިފައިވާ މިނިވަންކަން، އަނެކާއަށް ލިބިފައި އޮތްކަން ހަނދާނަކަށް ނާންނާނެއެވެ. އަބަދުވެސް ވަކާލާތުކުރެވޭނީ އަމިއްލަ މިނިވަންކަމާ މެދުގައެވެ. އެހެންނަމަވެސް މިނިވަންކަމުގައި ހުދޫދެއް އޮތްކަން ހަނދާނުގައި ބަހައްޓާން ޖެހޭނެއެވެ. ތިމާއަށް ލިބިފައިވާ މިނިވަންކަމުގެ ބޮޑުކަމާއި ފުޅާކަމުގެ ސަބަބުން، އަނެކާ އަޅުވެތިކުރެވިގެން ނުވާނެއެވެ.

މަގުތަކަކީ އެތައް ބަޔަކާ ގުޅިފައިވާ ތަނެކެވެ. ކޮންމެ މީހަކު ކޮންމެ ތަނަކަށް ދާން ޖެހުނަސް ބޭނުން ހިފާން އޮތް ތަނަކީ މަގެވެ. އެއީ އެންމެންގެ ތަނެކެވެ. އެންމެންނަށް އެއް ވަރަކަށް ހިއްސާ އޮތް ތަނެކެވެ. އެހެންކަމުން، އެ ކަމަކުން އުނދަގުލެއް ތުރާލެއް ވާ ފަދަ އެއް ވެސް ކަމެއް ކުރުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. މަގުތަކުގެ ބޭނުން ހިފާއިރު، އެ ކަން ވަރަށް ބޮޑަށް ހަނދާނުގައި ބަހައްޓަން އެބަ ޖެހެއެވެ.

މަގުމަތީގެ އަދަބުތަކަށް އިހުތިރާމްކުރުމަކީ، ކޮންމެ މީހެއްގެ ވެސް ވާޖިބެކެވެ. މަގުމައްޗަށް ނުކުންނަން އަޅާ ފުރަތަމަ ފިޔަވަޅުން ފެށިގެން، ފަހު ފިޔަވަޅާ ހަމައަށް ވެސް ހަނދާނުގައި ބަހައްޓަންވީ، މަގުމަތީގައި ތިމާއަށް ލިބިފައިމާ މިނިވަންކަން އަނެކާއަށް ވެސް ލިބިފައިވާކަމެވެ. ތިމާއަށް ލިބިފައިވާ ޙައްޤުތައް އަނެކާއަށް ވެސް ލިބިފައިވާ ކަމެވެ. ތިމާގެ ހިއްސާ އޮތް މިންވަރަށް އަނެކާގެ ހިއްސާ ވެސް އޮތް ކަމެވެ. މި ކަންކަމަށް އެންމެން ސަމާލުކަން ދީގެން އުޅޭ ނަމަ، މަގުތަކަކީ ރައްކާތެރި، އަމާން ތަނަކަށްވެ، ތަކުލީފުތައް ކުޑަ ތަނަކަށް ވާނެއެވެ. ކުރިމަތީގައި އޮންނަ ކާރުގެ ސަބަބުން، ދަރީން އިސްކޫލަށް ގަޑިއަށް ނުގެންދެވި، "ގަޑިޖެހެނީ... ގަޑިޖެހެނީ"އޭ ކިޔައި، ކަންބޮޑުވުން އިހުސާސްކުރާކަށް އެކަކަށް ވެސް ނުޖެހޭނެއެވެ.

comment ކޮމެންޓް