އިންޑިއާ ސަރުކާރުން ދިން އެހީގައި އޮލިމްޕަސް އިތުރަށް ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދަނީ

އޮލިމްޕަސް: އިންޑިއާ ސަރުކާރުން ދިން އެހީގައި އޮލިމްޕަސް އިތުރަށް ތަރައްޤީ ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިޢުލާން ކޮށްފައި -- ސަން ފޮޓޯ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީގެ ދަށުން އޮލިމްޕަސް އިތުރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އޮލިމްޕަހުގައި ހުރި ޓެކްނިކަލް ވަސީލަތްތައް ޒަމާނީ ވަސީލަތް ތަކަށް ބަދަލު ކުރުމަށެވެ.

އޭގެ ތެރޭގައި އޮލިމްޕަހުގައި ފިލްމް ދެއްކުމަށް ޕްރޮޖެކްޓަރެއް ހޯދުމާއި ސާވާ އާއިއެކު އިންސްޓޯލްކުރުމާއި، އޮލިމްޕަސް ހޯލްގެ ސަރައުންޑް ސައުންޑް އިންސްޓޯލް ކުރުމުގެ އިތުރަށް ބައެއް ޓެކްނިކަލް މަސައްކަތްތައް ހިމެނެއެވެ.

މި މަސައްކަތުގެ ބިޑް ހުށަހެޅުން ބާއްވަން ނިންމާފައިވަނީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ.

މިނިސްޓްރީގެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލް، ފާރާއި ސީލިންގުގައި ޖަހާ ސްޕޮންޖުގެ އިތުރުން ފްލޯކާޕެޓް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ވެސް އިޢުލާންކޮށްފައި ވެއެވެ. މި މަސައްކަތް، ބިޑަށް ހުޅުވާލަން ހަމަޖައްސާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.

އޮލިމްޕަސް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރާން ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާއި ދެމެދު ވެވުނު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ދިން އެހީގައެވެ.

މި އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއި ކުރީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަގައެވެ.

އޮލިމްޕަހުގެ އުމުރުން 61 އަހަރު ފުރިފައިވާއިރު، އެތަނުގައި ފިލްމު އަޅުވައިގެން އެންމެ ފުރަތަމަ ދައްކަން ފެށީ 1957 ވަނަ އަހަރުން ފަށައިގެންނެވެ.

comment ކޮމެންޓް