ޔޫކްރޭން ކާރިސާގެ އަސްލަކީ ހުޅަނގާއި އެމެރިކާގެ "މާފިއާ ރެޖީމް": އާޔަތުﷲ

ޔޫކްރޭން ކާރިސާގެ އަސްލަކީ، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އުސޫލުތައް ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ޓީވީތަކުން އިއްޔެ ދެއްކި ތަގުރީރެއްގައި އާޔަތުﷲ ވިދާޅުވީ ޔޫކްރޭން ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭކަމަށް އޭނާ ގަބޫލުކުރައްވާކަމަށެވެ. އަދި މި މައްސަލައިގެ ބުޑަކީ ހުޅަނގުގެ އުސޫލުތައް ކަމަށް ވިދާޅުވަމުން އޭނާ ވަނީ އެމެރިކާގެ ސަރުކާރަކީ "މާފިއާ ރެޖީމް"އެއް ނުވަތަ ރާވައިގެން ކުށްކުރާ ބޮޑު ޖަމާއަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އެމެރިކާގެ މާފިއާ ރެޖީމްގެ ސަބަބުން އައިސިސްވެސް އުފެދުނީ. ހުޅަނގުގެ މިފަދަ ސިޔާސަތުތަކުގެ ޝިކާރައަކަށް ޔޫކްރޭން ވެއްޖެ،" އާޔަތުﷲ ވިދާޅުވިއެވެ.

ޔޫކްރޭން ހަނގުރާމައާ ގުޅިގެން އާޔަތުﷲ ދެއްވި ދިގު ތަގުރީރުގައި ރަޝިއާގެ ނަން އެންމެ ފަހަރަކުވެސް ވިދާޅުވެފައި ނުވެއެވެ.

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވެސް ވަނީ ނޭޓޯ ފުޅާވުމަކީ މިނިވަން ގައުމުތަކުގެ ސަލާމަތަށް އޮތް ހުރަހެއްކަމަށް ވިދާޅުވެފައެވެ.

ރަޝިއާއާއި ޔޫކްރޭން މައްސަލަ ހޫނުވީ ޔޫކްރޭނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވާ ގޮތުގައި ޔޫކްރޭނުން ނޭޓޯއާ ގުޅިއްޖެ ނަމަ ނޭޓޯގެ ސިފައިން ރަޝިއާގެ ބޯޑަރު ކައިރީގައި ރުކުރުވާލާނެއެވެ.

އެ މައްސަލައާ ގުޅިގެން ނުރުހުން ފާޅުކުރައްވައި، މިދިޔަ މަހުގެ 24ގައި ޕޫޓިން ވަނީ ރަޝިއާއިން ޔޫކްރޭނުގައި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާކަން އިއުލާންކުރައްވާފައެވެ.

އޭގެ ފަހުން ރަޝިއާއިން ދިން ހަމަލާތަކުގައި ޔޫކްރޭނުން 300އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް