ސިފައިންގެ އާއިލާތަކުގެ މެންބަރުންނަކީ ދިފާއީ ބާރުގެ މުހިއްމު ހިއްސާއެއް: މާރިޔާ

މިނިސްޓަރު އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ -- ފޮޓޯ/ އެމްއެންޑީއެފް

ސިފައިންގެ އާއިލާތަކުގެ މެންބަރުންނަކީ ދިވެހި ޤައުމީ ދިފާއީ ބާރުގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް ކޮލިފިކޭޝަން ކޯސް ނިންމުމަށް ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ ޤުރުބާނީއަކީ އެއްވެސް ތިލަފަތަކުން ކިރޭ ވަރަށްވުރެ މާ ބަރު، އަދި އެހާމެ އަގުބޮޑު ޤުރުބާނީއެއް ކަމަށެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ސުލްހަޔާއި އަމާންކަމަށް ލޯބިކުރާ ޤައުމެއްކަން ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ ދިވެހީންގެ ހަޤީޤީ ތަބީއަތަކީ، ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، ހިކުމަތްތެރިކަމާއެކީ، ހުރިހާ ޤައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫހެއްގައި މަސައްކަތް ކުރުން ކަމަށެވެ.

"މިވީހާ ތަނަށް ވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އަދި މިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މިގޮތުގައި ކަށަވަރުކޮށް، ދަމަހައްޓަމުން އައިސްފައިވުމުގެ ސިއްރަކީ މިއީ. އަޅުގަނޑުމެން ދިވެހިންގެ ހަޤީޤީ ތަބީއަތަކީ ވެސް މިއީ," މާރިޔާ ވިދާޅުވިއެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދިފާއީ ސިޔާސަތުގެ އަސްލަކީވެސް މިއީ،"

ކޯސް ފުރިހަމަކުރި ސިފައިންނަށް މާރިޔާ ވިދާޅުވީ އެ ފަރާތްތަކުގެ ކޮނޑުގައިވާ ޓެބާއި، މޭމަތީގައިވާ ބެޖާ އަދި ބޮލުގައިވާ ބެރޭއިން ރަމްޒުކޮށްދެނީ، ސިފައިންގެ ކޮނޑާއި، މެޔާ އަދި ބޮލުގައި އެޅިފައިވާ ޒިންމާގެ މަތިވެރިކަމާއި މަސްއޫލިއްޔަތުގެ ބުރަކަން ކަމަށެވެ.

އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ) އަކީ، ސިފައިންގެ ހިންގުމުގެ އޮނިގަނޑަށް ގެންނަމުންދާ އިސްލާހީ ހެޔޮ ބަދަލުތަކުގެ ތެރެއިން، ކޮމްބެޓިން ޓެރަރިޒަމް އަދި ޑައިރެކްޓް އެކްޝަން އޮޕަރޭޝަން ތަކަށް މެރިންކޯރގެ ދަށުން އުފައްދާފައިވާ ޚާއްސަ ފައުޖެކެވެ.

އެސްއޯޖީ އިން މަސައްކަތް ކުރަމުންދާނީ ސްޕެޝަލް ފޯސަސްއާ ގުޅިގެންނެވެ.

comment ކޮމެންޓް