ފަތުރުވެރިކަމުގެ ދާއިރައިން ސްކޮލަޝިޕް ދިނުމަށް ބްރިޓިޝް ހައި ކޮމިޝަނާއެކު މަޓީން އެމްއޯޔޫގައި ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރައިން ސްކޮލަޝިޕް ދިނުމަށް ބްރިޓިޝް ހައި ކޮމިޝަނާއެކު މަޓީން އެމްއޯޔޫގައި ސަޮއި ކުރުމުގެ ތެރެއިން -- ފޮޓޯ/ މަޓީ

ފަތުރުވެރިކަމުގެ ދާއިރައިން ސްކޮލަޝިޕް ދިނުމަށް ބްރިޓިޝް ހައި ކޮމިޝަނާއެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

"ޝެވެނިން/ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ސްކޮލަޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މެންދުރު މާގިރި ހޮޓަލުގައެވެ.

އެ ރަސްމިއްޔާތުގައި، ބްރިޓިޝް ހައި ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާއެވެ. މަޓީގެ ފަރާތުން ސޮއިކުރެއްވީ، ސެކެޓްރީ ޖެނެރަލް އަޙްމަދު ނަޒީރެވެ.

ޝެވެނިން ސްކޮލަޝިޕް ޕްރޮގްރާމަކީ، ޔޫކޭ ސަރުކާރުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފަތުރުވެރިކަމުގެ ދާއިރައިން ސްކޮލަޝިޕް ދިނުމަށް ބްރިޓިޝް ހައި ކޮމިޝަނާއެކު މަޓީން އެމްއޯޔޫގައި ސަޮއި ކުރުމުގެ ތެރެއިން -- ފޮޓޯ/ މަޓީ

މި ޕްރޮގްރާމުގެ ދަށުން ސްކޮލަޝިޕް ދެނީ ތައުލީމީ ފެންވަރު ރަނގަޅު ކުދިންނާއި ލީޑަޝިޕް ރަނގަޅު ކުދިންނަށެވެ.

މަޓީން މައުލޫމާތު ދިން ގޮތުގައި، ޔޫކޭގައި އެކްރެޑިޓް ކޮށްފައިވާ ކޮންމެ ޔުނިވާސިޓީއަކުންވެސް އެއް އަހަރުގެ މުއްދަތަށް މާސްޓާސް ކިޔެވުމުގެ ފުރުސަތު، މި ސްކޮލަޝިޕްގެ ދަށުން ފަހިވެގެން ދާނެއެވެ.

މިއީ 2022/2023 އަދި 2023/2024 އަށް ހުޅުވާލި ސްކޮލަޝިޕްތަކެކެވެ.

މި ޕްރޮގްރާމަށް އެދި ހުށަހަޅާ ކުދިންނާއި ލިބޭ ތަރުހީބަށް ބެލުމަށްފަހު، މިފަދަ އެހެން ސްކޮލަޝިޕްތަކަށް ހުޅުވާލަން މަސައްކަތް ކުރާނެ ކަމަށް ވެސް މަޓީން ބުންޏެވެ.

comment ކޮމެންޓް